އދ. ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ރާއްޖެއަށް ނާކާމިޔާބު ވުމުން ސަރުކާރު ފާޑުކިޔުން އަމާޒުވެ ހޫނު ފެން އެޅުނެވެ. ދެ އަހަރު ވަންދެން ހަރަދުކޮށް ހިންގި ކެމްޕެއިނަށް ފަހު ވޯޓް ކާމިޔާބު ނުވުމުންނެވެ. އެއް ބަޔަކު ބުނަނީ ސަރުކާރުގެ އެ އިސް ނެގުމާއި އެ ވޯޓްގައި ނާކާމިޔާބު ވުމުން ރާއްޖެ އާއި ދައުލަތް ލަދު ގެންފި ކަމަށެވެ. އަނެއް ބަޔަކު ބުނަނީ މިއީ އެ އިންތިހާބުގައި ބައިވެރިވާން އިސް ނެގި މި ސަރުކާރަށް ބޮޑު ފިލާވަޅެއް ކަމަށެވެ.
އަންނަ 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުންގެ ގޮތުގައި ތިބޭނެ މެމްބަރުން ހޮވުމަށް އދ. ގެ އާއްމު މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދަށް އޮތް ޖާގަ ކާމިޔާބު ކުރީ އިންޑޮނޭޝިއާއިންނެވެ.
އދ. ގެ ހެޑްކުއާޓަރުގައި ބޭއްވި ސިއްރު ވޯޓްގައި ވޯޓްލީ 190 ގައުމުގެ ތެރެއިން އިންޑޮނޭޝިޔާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް 46 ވޯޓެވެ. މިއީ ކުރީގައި ރާއްޖެއަށް ލިބޭ މިފަދަ ވޯތުތަކާ އަޅާ ކިޔާއިރު އެތައް ތަނެއް ދަށް އަދަދެކެވެ. އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަށް 2009 ވަނަ އަހަރު ރާއްޖެ ވާދަކުރިއިރު ކާމިޔާބުކުރީ 185 ވޯޓާއެކު އެވެ.
އިދިކޮޅު ފަރާތްތަކުން މިއީ ލަދެއް ކަމަށް ބުނަނީ އެހެންވެ އެވެ. ކުރީގެ ފޮރިން މިނިސްޓަރުން ވެސް ކަންބޮޑުވުން ފާޅު ކުރެއްވީ އަދަދުގައި އެހާ ބޮޑު ފަރަގެއް އޮތުމުންނެވެ. ރާއްޖެއަށް އޮތް ތާއީދު ބޮޑު ތަނުން ދަށަށް ދިޔުމުންނެވެ.
ދުންޔާ މައުމޫން ވިދާޅުވި ގޮތުގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ ދެ ފަހަރަކަށް އިންތިހާބުވި އެވެ. ނަމަވެސް ސަލާމަތީ މަޖިލީހުގެ ވޯޓުން ލިބުނު ނަތީޖާއިން އެނގެނީ އިސްލާހުތަކެއް ގެންނަން މަަސައްކަތް ކުރަން ޖެހޭ ކަމެވެ. އެގޮތުން މިނިވަން އަންސާފުވެރި އަދުލްއިންސާފުގެ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމާއި ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ އަގު އަލުން އުފުލަން މަސައްކަތް ކުރަން ޖެހޭ ކަމެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި 46 ގައުމުގެ ތާއީދާއެކު ވޯޓުން ނާކާމިޔާބުވުމުން ރާއްޖެ ވެއްޓިފައިވާ ދަރަޖަ އެނގިގެންދެ އެވެ.
ސަރުކާރުގެ ވިސްނުން ހުރީ މިއީ ވެސް ކާމިޔާބީއެއްގެ ގޮތުގަ އެވެ. އިންޑޮނޭޝިއާ ފަދަ އާބާދީގެ ގޮތުން ބޮޑު، ވަސީލަތްތައް ގިނަ ގައުމަކާ ވާދަކޮށް މިވަރު ފުދޭ ކަމަށް ސަރުކާރު ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެގޮތުން ވޯޓު ހޯދެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވި ގޮތުގައި 140 އަށްވުރެ ގިނަ ގައުމުތަކުގެ ފޮރިން މިޝަންތައް ހުންނަ ގައުމަކާ ވާދަކޮށް ލިބުނީ ކާމިޔާބީއެކެވެ. މިއީ ރާއްޖެއިން މިފަދަ ބޮޑު ވާދައެއް ކުރި ފުރަތަމަ ފަހަރެވެ. ރާއްޖެއިން ދިނީ ވަރުގަދަ ފައިޓެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް އެހާ ބޮޑަށް ވޯޓް ދަށްވެގެން ދިޔައީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުންނެވެ. ރައީސް އަބްދުﷲ ޔާމީން، އދ. އަދި، ބައިނަލްއަގްވާމީ މުޖުތަމައުއާ ބަހައްޓަވާ ބީރަށްޓެހި ކަމެއްގެ ސަބަބުންނެވެ. ބައިނަލްއަގްވާމީ މުޖުތަމައުގެ ބަސް ނާހާ ހިންގާ އަމަލުތަކުގެ ސަބަބުންނެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ، އދ. ގެ ނިންމުންތަކަށް ދެކޮޅު ހެދުމުން އދ. ގެ މެންބަރުން ރައްދު ދޭނީ އެހެނެވެ. ރައްޔިތުންނަށް އަނިޔާކޮށް ރައްޔިތުންގެ އަޑު ނާހާ ވެރިއަކަށް ލިބޭނެ މޮޅެއް ނޯންނާނެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވި ގޮތުގައި ދައުލަތުގެ އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ދުނިޔޭގެ އެތައް ގައުމަކަށް ދަތުރުކުރިއިރު ވޯޓުން ލިބުނު ހުތުރު ނަމުގެ ޒިންމާ މިނިސްޓަރު ޝައިނީ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ އެވެ. އަދި އެކަމުގައި އިސްކޮށް އުޅުނު ފަރާތްތައް ވަގުތުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ އެވެ.
އިދިކޮޅުގެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ގޮތުގައި ވޯޓްގައި ބަލިވި ނަމަވެސް މިކަމަކީ ރައީސް ޔާމީނަށް ތައުރީފް ހައްގު ކަމެކެވެ. ސަބަބަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަ ކުރުމަކީ ރައީސް ޔާމީން ގައުމާމެދު ދެކެވަޑައިގަންނަވާ ހުވަފެންފުޅު ހާމަވެގެންދާ ދިއުމެއް ކަމަށްވާތީ އެވެ.
"ގޮނޑި ކާމިޔާބު ނުވުމަކީ ހަޖޫ ޖަހަން ޖެހޭ ކަމެއް ނޫން. ގޮނޑިއަށއް ކުރިމަތިލުން އެއީ ރައީސް ޔާމީނަށް ތައުރީފް ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ވޯޓުގެ ކުރިން ރާއްޖެއިން ގޮނޑި ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ދިނުމަށްފަހު ސަރުކާރުގެ ރާގު މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ވާދަކުރަން ޖެހުނީ ބޮޑު ގައުމަކާ ކުރިން ވެސް އެނގެ އެވެ. މިހާރު ސަރުކާރުން ދައްކާ ވާހަކަތަކުން އެނގެނީ ލިބުނު ނަތީޖާއަކީ ސަރުކާރުން ވެސް އުއްމީދުކޮށްގެން ތިބި ނަތީޖާއެއް ނޫން ކަމެވެ. ވީރު ގިނަ ބަޔަކު އިޝާރާތް ކުރާ އިސްލާހު ކުރަން ޖެހޭ ކަންކަން ކަންކަން ހަރުދަނާކޮށް، ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަކީ މުހިން ކަމެކެވެ. މިއީ ލިބުނު ފިލާވަޅެއް ކަމަށް ދެކޭށެވެ.