ހަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އެކަކު މަރުވެއްޖެ

ހުޅުމާލޭގައި ޖޮގިންއަށް ގޮސް އުޅުނު މީހެއްގެ ގައިގާ ބާރްސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، މިރޭ ހިނގި އެކްސިޑެންޓްގައި ސައިކަލުން ޖެހުނު އެ މީހާ މަރުވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާސިޔާ ސޯލިހު ވިދާޅުވީ، މިރޭ 9:20 ހާއިރު އެކްސިޑެންޓެއް ވެގެން އެ ހޮސްޕިޓަލަށް ތިން ޒުވާނުން ގެނައި ކަމަށެވެ. އޭގެ ތެރެއިން 24 އަހަރުގެ ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ވިދާޅުވި އެވެ.

ހާލު ސީރިއަސްވެފައިވާ ޒުވާނާއަކީ ޖޮގިން ނިންމާލުމަށް ގެއަށް ދިޔަ ޒުވާނެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އާއިލާއިން ބޭނުންވެގެން ހާލު ސީރިއަސްވި ޒުވާނާ މިހާރު ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށް އާސިޔާ ވިދާޅުވި އެވެ. އެ ޒުވާނާ ވަނީ ދާދި ދެންމެއަކު މަރުވެފަ އެވެ.

ދެން އަނިޔާވެފައިވަނީ 18 އަހަރުގެ ދެ ޒުވާނަކަށެވެ. އޭގެ ތެރެއިން އެއް ޒުވާނާއަށް އިތުރު ފަރުވާދިނުމަށް އޭޑީކޭއަށް ވަނީ ފޮނުވާލާފަ އެވެ. އަނެއް ޒުވާނާއަށް ހުޅުމާލޭ ހޮސްޕިޓަލްގެ އެމެޖެންސީގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސްޓޭބަލް ކަމަށް އާސިޔާ ވިދާޅުވި އެވެ.