ހަބަރު

ދެ ހެލިކޮޕްޓަރު މި މަސް ނިމުމުގެ ކުރިން ގެންދަން އަންގައިފި

އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު މި މަސް ނިމެންވާއިރަށް އަނބުރާ އިންޑިއާއަށް ގެންދަން ރާއްޖެއިން އަންގައިފި އެވެ.

އައްޑޫ އަދި ލ. އަތޮޅުގައި އޮންނަ އިންޑިއާގެ ދެ ހެލިކަޕްޓަރު ވެސް އަނބުރާ ގެންދަން ދިވެހި ސަރުކާރުން އަންގާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ ދެ ހެލިކަޕްޓަރާ ގުޅޭ ގޮތުން އެމްއެންޑީއެފް އާއި އިންޑިއާ ސިފައިންނާ އެކު ހަދާފައިވާ އެއްބަސްވުން ދާދިފަހުން ހަމަވެފައިވާއިރު އެ އެއްބަސްވުން އާ ނުކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮންމެ ހެލިކޮޕްޓަރަކާ އެކު ޓެކްނީޝަނުންގެ ގޮތުގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ރާއްޖެ އައިސް ތިބޭތީ ދިވެހި ސަރުކާރުން އެކަމާ މެދު ވަނީ ކަންބޮޑުވެފަ އެވެ. އެ މީހުން އަންނަނީ ދިވެހި ސިފައިންއަށް ވެސް ހެލިކޮޕްޓަރުގެ ތަމްރީންތައް ދެމުންނެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ދަ ހިންދޫ ނޫހަށް ވިދާޅުވެފައިވާ ގޮތުގައި މި މަސް ނިމުމުގެ ކުރިން ދެ ހެލިކަޕްޓަރު ވެސް އަނބުރާ ގެންދިޔުމަށް އިންޑިއާއިން ރާއްޖެއިން ވަނީ އަންގާފަ އެވެ. އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުސްމާ ސުވަރޭޖް ވަނީ ރާއްޖެއިން ދީފައިވާ މުއްދަތާ ގުޅޭ ގޮތުން މުހިންމު ބައްދަލުވުމެއް އިއްޔެ ބާއްވަވާފައި ކަމަށް ވެސް ސަރުކާރުގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.

އެ އޮފިޝަލާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެލިކަޕްޓަރުގެ ޕައިލެޓުންގެ ވިސާ މިދިޔަ މެއި މަހަށް ހަމަވިއިރު އެމީހުންގެ ވިސާ ދިވެހި ސަރުކާރުން ޖަހައިދިނުމަށް އިންކާރުކޮށްފައިވެ އެވެ. ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކުރި މަަސައްކަތުން މި މަހުގެ ނިޔަލަށް ވިސާ ލިބިފައިވާކަން އެ އޮޕިޝަލް ވަނީ ހާމަކޮށްފަ އެވެ.

ރާއްޖެއިން ޗައިނާއާއެކު ގުޅުން ބަދަހިކޮށް ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓް ހެދި ހިސާބުން އިންޑިއާއާއެކު އޮތް ގުޅުމަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފަ އެވެ. ރާއްޖޭގެ މުހިންމު ދެ ސަރަހައްދެއްގައި ހެލިކަޕްޓަރު ބާއްވަން އިންޑިއާއިން ބޭނުންވި ނަމަވެސް ސަރުކާރުން އެކަމަށް ދެކޮޅު ހަދަމުން ދަނީ އެ ދެ ހެލިކަޕްޓަރުގެ ބަދަލުގައި ބޭނުން ވަނީ ސާވައިލަންސް އެއާކްރާފްޓެއް ކަމަށް ބުނަމުންނެވެ.

އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް ބޭނުން ކުރަމުން އަންނަނީ އަތޮޅުތަކުން ބަލިމީހުން މާލެ ގެނައުމަށާއި ގެއްލޭ ދޯނިފަހަރު ހޯދުމަށް، އަދި ބައެއް ފަހަރު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށެވެ.

މި މަހުގެ ނިޔަލަށް އިންޑިއާއަށް މުއްދަތެއް ރާއްޖެއިން ދީފައިވާއިރު މިފަހުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އިންޑިއާއަށް ނޭރުވި މައްސަލަ އޮތީ ފެންމަތިވެފަ އެވެ. އަދި، އދ. ގެ ސަލާމަތީ ކައުންސިލްގެ ގޮނޑިއަަށް ރާއްޖެއަށް އިންޑިއާއިން ވޯޓު ދިންތޯ ވެސް އޮތީ ސުވާލު އުފެދިފަ އެވެ. އެކަމުގައި އިންޑިއާގެ އެހީ ލިބުނު ކަމަށް ރާއްޖެއިން ބުނެފައިވީ ނަމަވެސް އިންޑިއާގެ ރަސްމީ ފަރާތަކުން އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.