ހަބަރު

ދެ ފަނޑިޔާރުންގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި

ދަށު ކޯޓުތަކުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި އެވެ.

ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި އޮތީ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ދެ ފަނޑިޔާރުން ޖަލަށް ލުމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ ދެ ފަނޑިޔާރުންނަށް ކުށް ސާބިތުވި ނަމަވެސް އަދަބު ކުޑަކުރަން ޖެހޭ ކަމަށް ކަނޑައަޅާފަ އެވެ. އެގޮތުން ހައިކޯޓުން އިއްވީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލާގެ އިތުރުން ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ކަނޑާލި މައްސަލާގައި އުއްތަމަ ފަނޑިޔާރަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ވަނީ ކޮށްފަ އެވެ. އެ ހުކުމަށް ވެސް ހައިކޯޓުން ތާއިދުކޮށްފައިވާއިރު އަދި މައްސަލަ ސުޕްރީމް ކޯޓަށް ނުވައްދަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ. ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް އިތުރު ދައުވާތަކެއްކޮށް މިހާރު ވެސް ކުރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދެ އެވެ. އެގޮތުން އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރުގެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރާއިރު ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރެ އެވެ. މީގެއިތުރުން ރިޝްވަތު ހިފުމުގެ ދައުވާ ވެސް ކުރެ އެވެ.