ހަބަރު

މިއަހަރުވެސް އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމް ގައި

މި އަހަރު ވެސް ފިތުރު އީދު ދުވަހުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މާލެ ސަރަހައްދުގައި މިފަހަރު އީދު ނަމާދުކުރާނެ ތަންތަނާއި މިސްކިތްތައް ކަނޑައަޅައި އިއުލާންކޮށްފަ އެވެ. އެގޮތުން މާލޭގައި ބާއްވާ އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި ބާއްވާއިރު ހުޅުމާލެއާއި ވިލިމާލޭގައި ވެސް ބޮޑު ޖަމާއަތުގައި މަނާދު ކުރާނެ އެވެ. ހުޅުމާލޭގެ ބޮޑު ޖަމާއަތް ބާއްވަން ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކްގަ އެވެ. އަދި ވިލިނގިލީގައި އެރަށު ބޯޅަދަނޑުގަ އެވެ.

މީގެ އިތުރުން ވެސް އިސްލާމީ މަރުކަޒާއި މާލޭގެ އިތުރު 20 މިސްކިތެއްގައި މިއަހަރުގެ ފިތުރު އީދު ނަމާދު ކުރާނެ އެވެ.

އީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ އިރު މިދިޔަ އަހަރު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން އެތަކެއް ހާސް ބަޔަކު ސްޓޭޑިއަމަށް ދިޔަ އެވެ.

މާލޭގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވާނެތަން މިހާރު ކަނޑައަޅާފައިވާއިރު އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ ތަންތަން މިހާރު ވަނީ ކަނޑައަޅާފަ އެވެ.