ޝައްވާލުމަހުގެ ހަނދު މިރޭ ފެނިފައި ނުވާތީ، މާދަމާ އަކީ ރަމަޝާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައަޅައި، އަދި ފިތުރު އީދު ދުވަހަކީ ޖުލައި 15 ވާ ހުކުރު ދުވަސް ކަމަށް ކަނޑައަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިރޭ ބޭއްވި ހަނދު ކޮމިޓީގެ ބައްދަލުވުމަށް ފަހު ހަނދާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީ އިން އިއްވި ބަޔާނުގައި ބުނީ، ޝައްވާލު މަހުގެ ހުޅެވި ހަނދު މިރޭ އިރުއޮއްސުނު އިރު ރާއްޖެއަށް ނުފެންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ. އެހެން ކަމުން މާދަމާ، 14 ޖޫން ވާ ބުރާސްފަތި ދުވަހަކީ ރަމަޝާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައަޅައި އީދު ދުވަހަކީ މި ޖުލައި މަހުގެ 15 ވާ ހުކުރު ދުވަސް ކަމަށް ކަނޑައަޅާ ކަމަށް ވެސް ހަނދު ކޮމިޓީ އިން އިއްވި ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ބުނީ އެންމެހާ ދިވެހިންނަށް ފިތުރު އީދުގެ ތަހުނިޔާ ދަންނަވާ ކަމަށާއި ރޯދަ މަހުގެ އަޅުކަމުގެ ފުރިހަމަ ސަވާބު އެންމެހާ ދިވެހިންނަށް ދެއްވުމަށް ވެސް އެދޭ ކަމަށެވެ.
އީދު ބަންދުގެ މުނާސަބަތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމަޔަށް ވަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މިއަހަރުވެސް ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ކުރުން މާފަންނު ސްޓޭޑިއަމްގައި އޮންނާނެ އެވެ.