ފިނިޕޭޖް

"ޑާންސް އަންކަލް"ގެ ހުވަފެން ހަގީގަތަކަށް

"ޑާންސް އަންކަލް" ގެ ނެށުމުގެ ކުޅަދާނަ ހުނަރު ގިނަ ބަޔަކު މިހާރު ތިބީ އާޝޯހުކޮށްފަ އެވެ. މިދިޔަ ހަފްތާއިން ފެށިގެން މުޅި ޝޯޝަލް މީޑިއާ ފަތަހަކޮށްފައި އޮތީ މި ފިރިހެން މީހާގެ ނަށާ ވީޑިއޯތަކެވެ.

ސަންޖީވް ސްރިވާސްތާވް ކިޔާ މި މީހާއަކީ އިންޑިއާގެ ބޯޕާލްގެ ކޮލެޖެއްގެ ކަމަށްވާ ބާބާ އިންޖީނިއަރިން ރިސާޗް އިންސްޓުޓޫޓްގައި އެއިސްޓެންޓް އިލެކްޓްރޯނިކް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. ވައިގައި ހިފާފައިވާ ސަންޖީވް ނަށާ ވީޑިއޯއަކީ އޭނާގެ އަންހެނުންގެ ކޮއްކޮގެ ކައިވެނީގެ ހަފްލާއެއްގައި ނަށާ ވީޑިއޯއެކެވެ.

އެންމެ ފުރަތަމަ ވައިގައި ހިފީ 1987 ގައި ނިކުތް ގޯވިންދާގެ ފިލްމު "ޙުދްގަރްޒް" ގެ ލަވައެއް ކަމަށްވާ "އާޕް ކީ އާޖާ ނޭ ސޭ" އަށް އޭނާ ނެށި ވީޑިއޯ އެވެ. ފަހުން ވަނީ އޭނާ އެކި ލަވަތަކަށް ނަށާފައިވާ ވީޑިއޯތައްވެސް ދައުރުވާން ފަށާފަ އެވެ. ބޮލީވުޑްގެ ގިނަ ތަރިންތަކަކަށް މި ވީޑިއޯ ފެނި އެމީހުންގެ ތައުރީފުވެސް އޭނާއަށް ލިބުނެވެ.

އާންމުގެ ތަރުހީބުވެސް އޭނާއަށް އަންނަނީ ލިބެމުންނެވެ. އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ގޯވިންދާވެސް ވަނީ ސަންޖީވްއަށް ތައުރީފުކޮށްފަ އެވެ.

ސަންޖީވް ޑީއެންއޭ އިންޑިއާއަށް ދިން އިންޓަވިއުއެއްގެ ބުނީ، "މިހާރު އެންމެ ބޭނުމީ ގޯވިންދާއާއެކު ބްރޭކް ޑާންސެއްކޮށްލަން." ކަމަށެވެ. އޭނާގެ މި ހުވަފެން މިއަދު މި ވަނީ ހަގީގަތަކަށްވެފަ އެވެ.

ކާލާސް ޓީވީއިން ކޮންމެ ހަފްތާ ބަންދަކު ދައްކަމުން އަންނަ ރިއަލިޓީ ޑާންސް ޝޯ "ޑާންސް ދީވާނޭ" ގޯވިންދާއާއެކު ސަންޖީވްއަށް ނަށާލުމުގެ ފުރުސަތު މިހާރު ލިބި، ނަށަންވެސް ނަށައިފި އެވެ. ގޯވިންދާ އެ ޝޯއަށް ދިއައީ ހާއްސަ މެހުމާނެއްގެ ގޮތުގަ އެވެ. ސަންޖީވްއާއި އޭނާގެ އަންހެނުނެވެސް މި ޝޯގައި ބައިވެރިވި އެވެ. އެމީހުނާއެކު މާދުރީ ދިކްޝިތްވެސް ނަށާފައިވެ އެވެ.

ސޮނީ އެންޓަޓެއިންމަންޓުން މިހާރު ގެނެސްދެމުން އަންނަ ސަލްމާން ޚާންގެ ރިއަލީޓީ ޝޯ "ދަސްކާ ދަމް" އަށްވެސް ސަންޖީވް ވަނީ ގޮސްފަ އެވެ. އެ ޝޯގެ ޓްރެއިލާ މިހާރު ވާނީ އާންމުކޮށްފަ އެވެ. މި ދެ ޝޯވެސް ދައްކާނީ މި އަންނަ ހަފްތާ ބަންދުގަ އެވެ.