ރިޕޯޓް

ސުވާލަކަށް ފުރުސަތެއް ނެތް، "ވަރަށް ބޮޑަށް ޝުކުރިއްޔާ"!

Jun 18, 2018
10

މިދިޔަ އަހަރު ހިނގި މަރުގެ ބޮޑެތި ހާދިސާތަކަށް ފަހު ފުލުހުންގެ އަމަލުތައް ހުރި ގޮތުން އެ އިދާރާއިން ކުރިޔަށް ގެންދާ ތަހުގީގުތަކާ މެދު ކުޑަ މިންވަރެއްގެ އުންމީދެއް ލިބުނެވެ. އެއީ ހުރިހާ ނޫސްވެރިން ފުލުހުންގެ އިސްކަންދަރުކޮއްޓަށް ގެނެސް ބައިތިއްބާ ތަހުގީގާ ގުޅޭ ތަފްސީލީ ވީޑިއޯ ދައްކާ، ބޭނުން ވަރަކަށް ސުވާލު ކުރަން ފުރުސަތުދީ މުޅިން ހިތް ހަމަ ނުޖެހުނަސް ޖަވާބު ދެވޭ މިންވަރަށް ޖަވާބުވެސް ދެމުން ދިޔަ އެވެ. ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާ ދިމާލަށް ފުލުހުންގެ ކަންކަން ގެންދާހެން ހީވުމުން ފުލުހުންނަށް ޝުކުރާއި ތައުރީފްތައް އޭރު އޮއްސާލި އެވެ.

ނަމަވެސް މިއަދުގެ ހާލަތު އޮތީ އެއާ މުޅިން ދިމާ އިދިކޮޅަށެވެ. ފުލުހުންގެ "ޕްރެސް ކޮންފަރަންސް" ބާއްވަ އެވެ. އެކަމަކު ވާހަކަދެއްކެނީ ފުލުހުންނަށް އެކަންޏެވެ. ނޫސްވެރިންނަށް ސުވާލު ކުރަން އެއްވެސް ފުރުސަތެއް ނުދެ އެވެ. ދޭކަށް ހިޔާލަވެސް ވެސް ނުކޮށް، ޕްރެސް ދީ ނިންމާލުމަށް ފަހު އެ ވާހަކަތައް ކަވަރު ކުރާތީ "ވަރަށް ބޮޑަށް ޝުކުރިއްޔާ"އޭ ވިދާޅުވުމަށް ފަހު ޕޯޑިއަމް އިން ފައިބައިގެން ދަނީ އެވެ. އެއްޗެއް އޮޅުން ނުފިލާ އޮތަސް މައުލޫމާތު ފުރިހަމަ ނުވިޔަސް ނުވަތަ ކޮންމެހެން ވެސް ސާފުކޮށްދޭން ޖެހޭ މައުލޫމާތެއް އޮތަސް ނޫސްވެރިން ތިބެން ޖެހޭނީ "އަނގައިގައި ޓޭޕު" އަޅައިގެން އެވެ. ޝުކުރު ބަލައިގަތުމަށް ފަހު، އެއްވެސް މައުލޫމާތެއް އޮޅުން ނުފިލުވާ ބުނާ އެއްޗެއް ރިޕޯޓު ކުރުން ނޫން ގޮތެއް މިހާރު ނޫސްވެރިންނަށް ނޯވެ އެވެ. މިހާރު މި އޮތް ގޮތަށް ކަންކަން ބަދަލުވާން ފެށީ 1 ފެބްރުއަރީގެ އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް އުއްތަމަ ފަނޑިޔާރާއި ރައީސް މައުމޫން އާއި އެހެން ބަޔަކު ހައްޔަރު ކުރި އޮޕަރޭޝަނަށް ފަހު އެވެ.

އެސްއޯއީގެ ދަށުން ފުލުހުން ވަރަށް ގިނަ އަދި ބޮޑެތި އޮޕަރޭޝަންތަކެއް މާލޭގައި ކުރިޔަށް ގެންދިޔަ އެވެ. ބައެއް އޮޕަރޭޝަންތައް ސިފައިން ވެސް ބައިވެރިވި އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކޮށް ބޮޑެތި ތަހުގީގުތައް ކުރިޔަށް ގެންދިޔަ އެވެ. ރައްޔިތުން ތިބީ އެ ހުރިހާ ކަމެއްގެ ތެރޭފައި ވާނުވާގަ އެވެ. އެ ތަހުގީގުތަކާ ގުޅޭ ގޮތުން ފުލުހުން ހަމައެކަނި ބުނެދެނީ އެ މީހުން ބުނެދޭން ބޭނުންވާ އެއްޗެކެވެ. ބަހަނާއަކީ އެސްއޯއީގެ ދަށުން މައުލޫމާތު ލިބިގަތުމުގެ ހައްގު ހިފަހައްޓާފައި އޮތުމެވެ.

ނަމަވެސް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ފުލުހުންގެ ތަރުޖަމާނު އަރައިވަޑައިގެން އެ މައްސަލަތަކާ ގުޅޭ ގޮތުން ވިދާޅުވާން ހުރި ވާހަކަތަކެއް ކޮންމެ ދުވަހަކު ވިދާޅުވާން މަސައްކަތް ކުރައްވަ އެވެ. ބޮޑެތި ތުހުމަތުތަކެއް އެކި ފަރާތަކަށް އެއްލަމުން ދިޔައީ މާ ބޮޑު އިތުރު ހެއްކެއް ދެއްކުމެއް ނެތި އެވެ. ކަޅު ފޮއްޓަކާއި ގޮދަޑި ދަށުން ފައިސާތަކެއް ފެނުމާއި އެތައް ކަމަކީ ރައްޔިތުންނަށް ސުވާލު އުފެދޭ ކަންކަން ހުރި މައްސަލަތަކެވެ. ނޫސްވެރިން ވެސް ސުވާލުތައް އޮއްސާލަން ތިބީ ކެތްމަދުވެފަ އެވެ. ނަމަވެސް ވިދާޅުވާން ބޭނުން އެއްޗެއް ވިދާޅުވުމަށް ފަހު ސުވާލު ކުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވާ ވަޑައިގަންނަވަނީ އެވެ. ދެ ފުށް ފެންނަ ގޮތަށް ބާއްވަން ޖެހޭ ނޫސްވެރިންގެ ބައްދަލުވުންތައް ވެސް "ފަސް އެޅި ފޮރުވުނީ" އެވެ.

އެ ބައްދަލުވުންތަކުގައި ތަފާތު އެހެންކަމެއް ވެސް ފާހަގަވި އެވެ. އެއީ މައްސަލަ ކިތަންމެ ބޮޑުވެފައި ސީރިއަސް ނަމަވެސް، ފުލުހުުން ދޭ މައުލޫމާތުތަކުގެ ތިލަކަމުން، ކުޑަ މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ފުލުހުން ޕްރެސް ދޭ ގޮތާ މިކަމާ ވެސް ތަފާތެއް ނުހުރެ އެވެ. ބަހަނާއަކީ އެއީ ތަހުގީގު ފުރިހަމަ ނުވާތީ އާއި އެކަންކަން ސާބިތު ނުކުރެވޭތީ އެވެ. މައްސަލަ ޕީޖީއަށް ފޮނުވި ފަހުން ވެސް ފުލުހުން މީޑިއާއަށް ދޭނެ އާ މައުލޫމާތެއް ނެތެވެ. ނަމަވެސް ގައުމުގެ އިސްވެރިންތަކެއް ހިފާ ހައްޔަރުކޮށް އެ ބޭފުޅުންގެ ވާހަކަތައް ދެއްކެވީ ސީދާ ތުހުމަތުކޮށްގެން އެވެ. މިވެސް ސުވާލު އުފެދޭ މުޅިން އެހެން ބޮޑު މައުލޫއެކެވެ.

ކޮންމެއަކަސް މި ވާހަކަތައް މިއަދު ދައްކަން ޖެހެނީ ކީއްވެ ހެއްޔެވެ؟ ކުއްލި ނުރައްކަލުގެ ހާލަތު ނިމިއްޖެ އެވެ. ރައީސް މައުމޫން އާއި ފަނޑިޔާރުން ތިބީ ޖަލުގަ އެވެ. ނަމަވެސް އަދިވެސް ފުލުހުންނަށް ކުއްލި ނުރައްކަލުގެ ހާލަތު ނިމުނުހެން ހީނުވާތީ އެވެ. ސަބަބަކީ އަދިވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިންނަށް އަނގައިން ބުނާކަށް ފުރުސަތު ނުދޭތީ އެވެ.

މިފަހުން ބޮޑެތި މައްސަލަތައް ނިންމާފައި ފޮނުވުމަށް ފަހު މަސްތުވާތަކެތީގެ ބައެއް މައްސަލަތަކެއްގައި ފުލުހުން ނޫސްވެރިން ގެނެސްގެން މައުލޫމާތު ދިނެވެ. ސުވާލު ކުރަން ފުރުސަތު ދިނީ އޭގެ ތެރެއިން ކުޑަ އެންމެ މައްސަލައެއްގަ އެވެ. ނަމަވެސް ސިޔާސީ ކަންކަމާ ގުޅޭ އެއްވެސް މައްސަލައެއްގައި ނޫސްވެރިންނަށް އަނގައިން ބުނަން ފުރުސަތު ނެތް ކަން އެނގެނީ އެންމެ ފަހުން ބޭއްވި "ޕްރެސް ސްޓޭޓްމަންޓު"ގެ ސަބަބުންނެވެ.

ސިއްރު ހެއްކާ ބެހޭ ގޮތުން މީޑިއާތަކުގައި ދައުރުވާ ވާހަކަތަކާށް އިޝާރަތް ކުރައްވާ ފުލުހުން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލު ކުރާކަށް ފުރުސަތެއް ނުދެ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ސުވާލު ކުރަން ފުރުސަތު ނުދިނީ ތަހުގީގަށް ހުރަސް އެޅިދާނެތީ އޭ ވެސް ބުނެ ފުލުހުންނަށް ބަހަނާއެއް ނުދެއްކޭނެ އެވެ. ހެކި ސިއްރުކުރުމަކީ އުސޫލެއްގެ ގޮތުން އެއީ ފުލުހުންނާ ބެހޭ ވެސް ކަމެއް ނޫނެވެ. އެކަން ނިންމަނީ ޕީޖީ އެވެ. އެކަމަށް ކޯޓްގައި އެދޭނީ ވެސް ޕީޖީ އެވެ. އެއީ ފުލުހުންގެ ބާރުގައި އޮންނަ ކަމެއް ނޫނެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި އިރު އެކަަމާ ގުޅޭ ގޮތުން އެންމެ ސުވާލެއް ކުރަންވެސް ނޫސްވެރިއަކަށް ފުރުސަތެއް ނޯންނާނެ ވާހަކަ ކުރީބައިގައި އޮތީ އަންގައިފަ އެވެ.

ފުލުހުން ޕްރެސް ކޮންފަރަންސްގެ ނަމުގައި ސްޓޭޓްމަންޓުތައް އިއްވަނީ އެވެ. ނޫސްވެރިން ތިބެން ޖެހެނީ ޓޭޕު އަޅައިގެން، ލިޔެލަ ލިޔެލަ އެވެ. އޭގައި ދައްކާނެ ވާހަކައެއް އުފައްދާނެ ސުވާލެއް ނެތެވެ. ފުލުހުން މިހާ ބޮޑަށް ރައްޔިތުންނަށް ފިލައިގެން އުޅުން ނިމުމަކަށް ވެސް އަންނަ ޖެހެ އެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ގޮތަށް ފުލުހުންނަށް ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ހޯދޭނީ ވެސް އެހެން އެވެ. އޭރުން، "ވަރަށް ބޮޑަށް ޝުކުރިއްޔާ އޭ" ނޫސްވެރިން ވެސް ބުނާނެ އެވެ. އާންމު ރައްޔިތުން ވެސް އަދި އެއަށް ވުރެ ބާރަށް ފުލުހުންނަށް ޝުކުރު އަދާކުރާނެ އެވެ.