ފިނިޕޭޖް

"ނިވައިރޯޅި" ގެ ޝޫޓިންނަށް ފުރައިފި

މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޝޫޓިންނަށް ފިލްމު ކާސްޓު މިއަދު ފުރައިފި އެވެ. މި ފިލްމު ޝޫޓުކުރަނީ ރ. އިނގުރައިދޫގަ އެވެ.

ޝޫޓިންއަށް މިއަދު ފުރާފައި ވަނީ ކާސްޓުގައި ހިމެނޭ ބައެއް ތަރިންނެވެ. އަންނަ ހަފްތާ ބަންދުގައި ބާކީ ތިބި ހުރިހާ ތަރިންވެސް ޝޫޓިންނަށް އެ ރަށަށް ދާނެ އެވެ. އެ ރަށުގައި ނަގަންޖެހޭ މަންޒަރުތައް ނެގުމަށް 25 ދުވަސް ހޭދަވާނެ ކަމަށް ނިއުމާ ބުންޏެވެ.

މި ފިލްމުގެ ކާސްޓުގައި ހިމެނެނީ، ނިއުމާގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަމިނަތު ރިޝްފާ، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުހައްމަދު (ނާއްކޮ)، އާމިނަތު ނިފާ ރަޝީދު، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު އަދި އަޖްނާޒް އަލީ އެވެ.

ފިލްމުގެ ކާސްޓު އިއުލާނުކުރި ރޭގައި ނިއުމާ ބުނީ، " "ފަހު ފިލްމަށް ވީމާ ބޭނުންވަނީ ހުރިހާ ކަމެއްވެސް ވަރަށް ޕާފެކްޓްކޮށް ކުރަން. ބެލުންތެރިން ބަލައިގަންނަ ގަޔާވާ އަދި ހިތްހަމަ ޖެހޭ ގޮތަކަށް ފިލްމު ގެނެސްދޭނަން." ކަމަށެވެ. ކާސްޓު ފައިނަލް ކޮށްފައި ވަނީވެސް ވަރަށް ގިނަ މަޝްވަރާތައް ކުރުމަށްފަހުގައި ކަމަށް ނިއުމާ ބުންޏެވެ.

މި ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ތައްޔާރުކޮށްދީފައި ވަނީ "ހެޕި ބާތްޑޭ" އަދި "ލޫދިފާ" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ތައްޔާރުކޮށްދިން މޫމިން ފުއާދު އެވެ.

"މޫމިން ކިޔައިދިން ފަސް ވަރަކަށް ކޮންސެޕްޓް. އޭގެ ތެރެއިން މި ކޮންސެޕްޓް ފެނުނީމަ ހިތަށް އެރީ ވަދާއީ ފިލްމަކާ ބަލާފައި މި ކޮންސެޕްޓްއަށް ވުރެ ރަނގަޅު ފިލްމެއް ނުކުޅެވޭނެ،" މީގެ ކުރިން އަވަސްއަށް ދިން އިންޓަވިއެއްގައި ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" ގެ އޮފިޝަލް ޓީޒާ.

ވަދާއީ ފިލްމެއްގެ ގޮތުގައި "ނިވައިރޯޅި" ގެނެސްދޭނެކަން ނިއުމާ އިއުލާނުކުރީ ފިލްމީ ދާއިރާގައި އޭނާ ހަރަކާތްތެރިވާތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ސެލެބްރޭޓިން 20ގެ ނަމުގައި އަލްބަމެއް ނެރުމުގެ ގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ. ނިއުމާ ފިލްމީ ދާއިރާއަށް ނިކުތީ 1994 ގައި ޑްރާމާ ސިލްސިލާ "ކައްތިރި" އިންނެވެ.

މަޝްހޫރު މޭކަޕް ބްރޭންޑް "ނޯޓް" ކޮސްމެޓިކްސް އަކީ މި ފިލްމު މޭކަޕް ޕާޓްނާ އެވެ. މި ފިލްމު ރިލީޒްކުރާ ގޮތަށް އަދި ނިންމާފައި އޮތީ އަންނަ އޮކްޓޯބަރު މަހުގަ އެވެ.