ލައިފްސްޓައިލް

އެތާވެސް، މިތާވެސް މި ސައިފް!

ނިމިގެން މިދިޔަ ރޯދަ މަހު، ރޯދަ ކުރުކޮށްލުމަށް އެކި ޓީވީ ޗެނަލްތަކުން ދެއްކި ޕްރޮގްރާމްތައް ބެލުމުގައި އަވަދިނެތި އުޅުނު މީހުންނަށް އަބަދުމެ ފެނި އެންމެ ފަރިތަވީ މި ނަމެވެ. ޓީވީ ޕްރޮގްރާމްތައް ހުށަހެޅުމަށް އަލަށް ފައި ނެގި މުހައްމަދު ސައިފް ރޯދަ މަސް ނިންމާލީ އެކަން ވެސް އޭނާ "ސުޕަމޭން" އެއް ފަދައިން ކުރާނެކަން ސާބިތުކޮށްދީފަ އެވެ.

ސައިފަކީ ޓީވީ ޕްރޮގްރާމްތައް ހުށަހެޅުމަށް އާ ނަމެއް ނަމަވެސް އެއީ އާ ފަންނާނެއް ނޫނެވެ. ސުޕަމޭނެއްގެ ގޮތުގައި އުދުހިގެން ގޮސް ދިވެހިންގެ ހިތްތައް އޭނާ އެންމެ ފުރަތަމަ ފަތަހަކުރީ ރެޑް ބުލް އިން ރާއްޖެ ގެނެސްދިން ފްރީސްޓައިލް ފުޓްބޯޅަ ޗެލެންޖުތަކެއް ކާމިޔާބުކޮށްގެންނެވެ. ރާއްޖޭގެ ފްރީސްޓައިލް ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދި އެވެ. ބައިނަލްއަގުވާމީ ސްޓޭޖަށް ގޮސް ވެސް ދިވެހިން ފަހުރުވެރިކޮށްދިނެވެ.

"ސްޕަމޭން ސައިފް"އަށްފަހު އޭނާ ވިދައިގެން ދިޔައީ ހަބޭސް ސައިފްގެ ގޮތުގަ އެވެ. ޒަމާނީ ބޮޑުބެރަށް ބޮޑު އިންގިލާބެއް ގެނައި ހަބޭސް ބޮޑުބެރު ގުރޫޕްގެ މުހިންމު މެންބަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވި އެވެ. މޮޅު ނެށުންތެރިއެކެވެ. އޭނާގެ ނެށުމުގެ ބަނޑިތަކުން އިތުރަށް މަގުބޫލުކަން ހޯދި އެވެ.

ހަބޭސް ގުރޫޕުން ވަކިވެ ސާދަތިރީސްއަށެއް ބޮޑުބެރު ގުރޫޕް އުފައްދައިގެން އޭގައި މެނޭޖަރެއްގެ ރޯލު މިހާރު ވެސް އޭނާ ދަނީ އަދާކުރަމުންނެވެ. މި ހުރިހާ ރޯލަކުން އެއްކިބާވެ މި ރޯދަ މަހު ޓީވީތަކުގައި ސައިފް ނުފޫޒު ގަދަކޮށްލީ "ޓީވީ ހޯސްޓެއް" ގެ ހައިސިއްޔަތުންނެވެ.

ޓީވީއެމް އިން ރޯދަ މހުގެ 30 ދުވަހު ގެނެސްދިން، ގިނަ ބަޔަކު ބެލި "މިވަގުތު" ޕްރޮގްރާމްގައި މުހިންމު ސެގްމެންޓެއް ސައިފް ހުށަހަޅައި ދިނެވެ. އެއީ އޭނާގެ ފެށުމެވެ. އެކި ތަންތަނަށް މީހުން ގެންގޮސްގެން ތަފާތު ގޭމްތައް ކުޅޭ ސެގްމެންޓް ސައިފް ހުށަހަޅައިދީފައި ވަނީ ވަރަށް މަޖާ ނަގަމުންނެވެ. ތަޖުރިބާކާރު ދެ ހުށަހެޅުންތެރިން ކަމަށްވާ އައިމިނަތު ނަމްޒާ އަދި އިބްރާހިމް ޒިއާޔުއާއެކު ޓީވީއެމް ސްޓޫޑިއޯގައި ވެސް ސައިފް ވަނީ "މިވަގުތު" ޕްރޮގްރާމް ހުށެހެޅުމުގައި ބައިވެރިވެފަ އެވެ.

ޗެނަލް13 އިގެ "އަހަމާ ބަހަމާ" ޕްރޮގްރާމްގެ ވެސް ރޫހަކަށްވީ ސައިފެވެ. ވަރަށް މަޖާ ނެގި އެ ޕްރޮގްރާމް ހުށަހެޅުމުގައި ސައިފް މަޖާ ވަގުތުތަކެއް ހޭދަކޮށްފައިވެ އެވެ. ދެ ޕްރޮގްރާމް ހުށަހަޅައިދިނުމުގެ އިތުރުން ސަންގް ޓީވީ އަދި އައިސްޓީވީއިން ގެނެސްދިން ޕްރޮގްރާމްތަކެއްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ވެސް ސައިފް ފެނިގެން ދިޔަ އެވެ.

ރައްޓެހިންގެ ފަރާތުން ސައިފަށް ލިބުނު މި ފުރުސަތުތަކުގައި ތަފާތު ތަޖުރިބާއެއް ކޮށްލަން ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. ފުޅުބޯޅައިގެ ޗަރުކޭހާއި ނެށުމާ ދުރަށް ޖެހިލައި ތަފާތު ކަމެއް ކޮށްލެވުމުން ވަރަށް ހިތްހަމަޖެހިފަ އެވެ. ދެން ވެސް އޭނާ ހުރީ ފުރުސަތު ލިބޭ ވަރަކުން މިކަމުގައި ކުރިއަށް ދާށެވެ.

މިހާރު ވެސް ހަ ރޯދައަށް ހާއްސަ "މިވަގުތު" ޕްރޮގްރާމް ސައިފް ހުށަހަޅާއިރު، ވަރަށް ބޮޑު ފުރުސަތެއް ވެސް ސައިފަށް ވަނީ ލިބިފަ އެވެ. ޕީއެސްއެމް ވޯލްޑް ކަޕް ކަވަރޭޖްގައި ބައިވެރިވުމުގެ ރަނުގެ ފުރުސަތު އޮތީ ސައިފްގެ އަތުގައި ހިފާފަ އެވެ.