ހަބަރު

ވޯޓާސް ލިސްޓްގައި އައިޑީކާޑް ނަންބަރު ނެތުމުން އެމްޑީޕީއިން އީސީއާ ބައްދަލުކޮށްފި

އިލެކްޝަން ކޮމިޝަން، އީސީއިން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭނެ މީހުންގެ ގޮތުގައި އާންމުކޮށްފައިވާ ލިސްޓާ ގުޅިގެން އެމްޑީޕީއަށް ލިބެމުންދާ ޝަކުވާތަކާ ގުޅިގެން އެ ޕާޓީން އީސީއާ މިއަދު ބައްދަލުކޮށްފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އަދި ތަރުޖަމާނު އަހުމަދު އަކްރަމްއާއެކު އެމްޑީޕީއިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން ބައިވެރިވަޑައިގެންނެވީ އެ ޕާޓީގެ ވައިސް ޗެއާޕާސަން އަލީ ނިޒާރާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ ވަކިވަކި މީހުންނަށް ޝަކުވާ ހުށަހެޅެން އޮތް އޮތުން ބަދަލުކޮށް ޕާޓީއަށް ލިބޭ ޝަކުވާތައް އެ ޕާޓީއަށް ޖުމްލަ ގޮތެއްގައި ހުށަހެޅޭނެ ގޮތް ހަމަޖައްސައިދިނުމަށް މިއަދުގެ ބައްދަލުވުމުގައި އެދިފައިވާނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އީސީއިން ގޮތެއް ނިންމާނެ ކަމަށް ޝަރީފް ވިދާޅުވި ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަލީ ނިޒާރު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ވެސް ވޯޓާސް ލިސްޓްގައި އައިޑީކާޑް ނަންބަރު ނެތުމުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. ލިސްޓްގައި އައިޑީކާޑް ނުހިމަނާ އޮތުމުގެ ހިކުމަކީ ކޮބައިތޯ ސާފުކޮށް ދިނުމަށް މިއަދުގެ ބައްދަލުވުމުގައި ވެސް އެދިފައިވާނެ ކަމަށާއި އެއަށް އީސީން ދިން ޖަވާބަކީ އައިޑީކާޑް ނަންބަރަކީ ޕާސަނަލް މައުލޫމާތަކަށްވުން ކަމަށެވެ.

"ޕާސަނަލް މައުލޫމާތެއް ނަމަކީ ވެސް އެޑްރެހަކީ ވެސް، ގާނޫނަކުން މަނާ ކުރާ ކަމެއް ނޫން އައިޑީކާޑް ލިސްޓްގައި ހިމެނުމަކީ، އީސީއިން ވެސް ގަބޫލުކުރޭ އެއީ ގާނޫނަކުން މަނާ ކަމެއް ނޫންކަން، ކުރީގެ ކޮމިޝަންތަކުން ވެސް އައިޑީކާޑް ހިމަނައިގެން ލިސްޓް ނެރެފަ އެބަހުރި، އައިޑީކާޑް ނެތި ކިހިނެއްތޯ އެނގެނީ އެކެއްގެ ނަން ތަކުރާރުވެފަ ނެތްކަން، އައިޑީކާޑް ނަންބަރުގަ މައްސަލައެއް އުޅޭނަމަ އެކަން ކިހިނެއްތޯ ސާފުކުރާނީ ލިސްޓްގަ ނަންބަރު ނެތިއްޔާ،" ނިޒާރު ވިދާޅުވި އެވެ.

އަލީ ނިޒާރު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް އިލެކްޝަންގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވޯޓާސް ލިސްޓް އިއުލާންކޮށް ޝަކުވާ ހުށަހަޅަން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މި މަހުގެ 20 ވަނަ ދުވަހަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް މަދު ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.