ހަބަރު

ގާސިމް އިއުލާން ކުރެއްވި ކޯލިޝަނަށް އެހެން ޕާޓީތައް އިންކާރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އިއުލާން ކުރެއްވި "ޖުމްހޫރީ ކޯލިޝަން"އަށް އިދިކޮޅު އެހެން ޕާޓީތަކުން އިންކާރުކޮށްފި އެވެ.

ގާސިމް ފޭސްބުކް ލައިވް މެދުވެރިކޮށް ޖުމްހޫރީ ކޯލިޝަންގެ ހިޔަނި ކެބިނެޓްގެ މަގާމުތައް މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ. އެގޮތުން، ޖުމްހޫރީ ކޯލިޝަންގައި 20 މިނިސްޓްރީ އުފައްދަން ވަނީ ހިމަނައިފަ އެވެ. އެގޮތުން، ރައީސް މައުމޫންގެ ދެ ދަރިކަނބަލުން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫން ވެސް މި ކޯލިޝަންގައި ހިމެނޭކަން ގާސިމް މިއަދު އިއުލާން ކުރެއްވި އެވެ.

އަދި، އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވެސް ހިމަނާފައިވެ އެވެ. ނަމަވެސް ކޯލިޝަނެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އެއްވެސް ބޭފުޅެއް ހިމަނާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނީ، ގުޅިފައިވާ ޕާޓީތަކުން އެކުގައި ކުރާ މަސައްކަތް ފިޔަވައި 2018 ގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަދާލަތު ޕާޓީން އެއްވެސް ބަޔަކާ ކޯލިޝަން ނަހަދާ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމައިފިނަމަ އެކަން އެ ޕާޓީގެ ފަރާތުން އިއުލާން ކުރައްވާނެ ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ޓްވީޓް ކުރައްވަމުން އައިމިނަތު ނާދިރާ ވިދާޅުވީ، ރައީސް މައުމޫންގެ ފަރާތްޕުޅުން ގުޅިފައިވާ ޕާޓީތަކާއެކު ކޮމެޓީތަކުގައި ދަނީ މަޝްވަރާ ކުރަމުން ކަމަށާއި މަޝްވަރާތަކުގައި އިސްކަން ދެއްވާނީ ގައުމަށް އަދި ގައުމީ މަސްލަހަތަށް ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެ ވިދާޅުވީ، ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތު ކުރަމުން ދަނީ ގައުމީ މަސްލަހަތުގައި ހަތަރު ޕާޓީއާއެކު ކަމަށެވެ. އެއްވެސް ބަޔަކާ ވަކިވެފައިނުވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، އޭނާއަކީ އޭނާއަށް ނާންގައި ހަވާލުކުރާ މަގާމު ނުވަތަ ހަވާލުކުރަން އުޅޭ މަގާމު ގަބޫލުކުރައްވާ ހިތްވާ ބޭފުޅެއް ނޫން ކަމަށެވެ. ގާސިމްގެ ހިޔަނި ކެބިނެޓުން ކަމާލުއްދީންއަށް ވެސް މަގާމެއް ދީފައިވެ އެވެ.

ގާސިމް މަގާމުތައް ދެއްވި ބައެއް ބޭފުޅުންނަށް އަވަސްއިން ވެސް ގުޅުމުން އެ ބޭފުޅުންނަށް އެ މަގާމުތައް ހަވާލުކުރާކަން އެނގިފައިނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

އިދިކޮޅާއެކު އަމިއްލަ ގޮތުން މަސައްކަތް ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ، އެމްޑީޕީ ނުހިމަނައި، އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ ބޭފުޅުން ހިމަނައިގެން އެ ބޭފުޅުންނަށް ވެސް ނޭނގި ކޯލިޝަނެއް އިއުލާން ކުރުމުން ވަރަށް ބޮޑަށް ހައިރާންކަން ލިބިފައިވާ ކަމަށެވެ.