ހަބަރު

ޖޭޕީގެ ނައިބު ރައީސް ކަމަށް ޑރ. މައުސޫމް ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ކަމަށް ސަން އައިލެންޑްގެ ކުރީގެ ޖެނަރަލް މެނޭޖާ ޑރ. އަބްދުﷲ މައުސޫމް ކުރިމަތިލައްވައިފި އެވެ.

ޕާޓީގައި އިސްކޮށް މިހާރު ވެސް އުޅުއްވާ ޑރ. މައުސޫމް މިއަދު ވިދާޅުވީ، ޖުމްހޫރީ ޕާޓީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ޕާޓީގެ މެންބަރުންނާއެކު ޖޯޝުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ ކުރިމަތިލައްވާފައިވާ މަގާމަށް އިންތިހާބު ކުރެއްވުމަށް ސަޕޯޓްކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

ޖުމްހޫރީ ޕާޓީން މާދަމާ އެ ޕާޓީގެ ކޮންގްރެސް ބާއްވާއިރު ޕާޓީގެ އިސް މަގާމުތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ޕާޓީގެ ލީޑަރު ކަމާއި ނައިބު ލީޑަރު ކަމާއި ރައީސް، އަދި ނައިބު ރައީސް ކަމަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. އަލަށް ހުޅުވާލި ރައީސްގެ މަގާމަށް ޕާޓީއާ ވަރަށް ފަހުން ގުޅިވަޑައިގެންނެވި އަލީ ވަހީދު ވަނީ ކުރިމަތިލައްވާފަ އެވެ.

ޕާޓީގެ ލީޑަރު ކަމާއި ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން އެކަން އަދި ހާމަކުރައްވާފައެއް ނުވެ އެވެ. ނަމަވެސް އެ ޕާޓީގެ މިހާރުގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޕާޓީގެ ލީޑަރުކަން ދޫކޮށްލެއްވުމަށް ނިންމަވާފަ އެވެ.