ހަބަރު

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލިއްޖެ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލި، އެ ދެ މަގާމު ހުސްވެއްޖެ އެވެ.

އެ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ގެއްލުނީ ދަށު ކޯޓުން ދެ ފަނޑިޔާރުންގެ މައްޗަށް އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށް މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ. އެންމެފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން އޮޓަމެޓިކުން ގެއްލޭނެ އެވެ.

އެ އިސްލާހު ގެނައުމުގެ ކުރިން، ފަނޑިޔާރެއް މަގާމުން ވަކިކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަކުންނެވެ. މި އިސްލާހު ގާނޫނަށް ގެނައީ ސަރުކާރު ހިންގާ، ޕީޕީއެމްއިންނެވެ. އެ މައްސަލަ އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް ނިންމާފައިވަނީ އެއީ ރަނގަޅު އިސްލާހެއް ކަމަށެވެ.

ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި އޮތީ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ދެ ފަނޑިޔާރުން ޖަލަށް ލުމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ ދެ ފަނޑިޔާރުންނަށް ކުށް ސާބިތުވި ނަމަވެސް އަދަބު ކުޑަކުރަން ޖެހޭ ކަމަށް ކަނޑައަޅާފަ އެވެ. އެގޮތުން ހައިކޯޓުން އިއްވީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ސުޕްރީމް ކޯޓަށް ހައިކޯޓުގެ ހުކުމް ދެ ފަނޑިޔާރުންގެ ފަރާތުން އިސްތިއުނާފުކުރުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމާފައިވަނީ އެ މައްސަލާގެ އިސްތިއުނާފު ބަލައިނުގަތުމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމުގައި ބުނެފައިވަނީ، މައްސަލަ އިސްތިއުނާފުކުރި ސަބަބުތަކަށް ބަލާއިރު ހައިކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ކަނޑައަޅާނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކޮށްފައިވާ ރަނގަޅު ހުކުމެއް ކަމަށާއި ހުކުމަށް ބަދަލެއް ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމުގައިވެ އެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް އިތުރު ދައުވާތަކެއްކޮށް މިހާރު ވެސް ކުރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދެ އެވެ. އެގޮތުން އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރުގެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރާއިރު ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރެ އެވެ. މީގެއިތުރުން ރިޝްވަތު ހިފުމުގެ ދައުވާ ވެސް ކުރެ އެވެ.