ބޮލީވުޑް

"ރާޒީ" 200 ކްރޯޑު ކްލަބަށް

ބޮކްސް އޮފީހުގެ ކާމިޔާބީތަކަށް ބަލާނަމަ މި އަހަރަކީ ބޮލީވުޑަށް ކާމިޔާބު އަހަރެކެވެ. މިއަހަރުގެ ގިނަ ބޮލީވުޑްގެ ފިލްމުތަކެއް ވަނީ 100 ކްރޯޑު ކުލަބަށް ވަދެފަ އެވެ. ދެ ފިލްމެއް ވަނީ 200 ކްރޯޑު ކުލަބަށްވެސް ވަދެފައިވެ އެވެ.

އާލިއާ ބަޓް މުޅިން ތަފާތު ރޯލަކުން ފެނިގެންދިޔަ ފިލްމު "ރާޒީ" އަށްވެސް މިހާރު ވަނީ ބައިނަލްއަގުވާމީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބި، 200 ކްރޯޑު ކުލަބަށް ވަދެފި އެވެ. މިއީ މި އަހަރު މި ކުލަބަށް ވަތް ތިން ވަނަ ފިލްމެވެ. މި ކުލަބުގައި މިހާރު އޮތީ "ޕަދްމާވަތް" އާއި "ބާގީ 2" އެވެ.

ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަނީ ޓުވިޓެއްވެސް ކޮށްފަ އެވެ.

"ފަހުރުވެރިވާ ފިލްމެއް. ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން 207 ކްރޯޑް ލިބިއްޖެ!" ކަރަން ކުރި ޓުވީޓްގައި ބުނެފައިވެ އެވެ. މި ފިލްމުގެ ކާމިޔާބީ އެންމެ ބޮޑަށް ފާހަގަކުރެވެނީ މި ފިލްމަކީ މިދިޔަ ފަސް އަހަރު ތެރޭގައި 100 ކްރޯޑު ކުލަބަށް ވަތް އަންހެން ތަރިއަކު ލީޑުން ފެނިގެންދާ ހަމައެކަނި ބޮލީވުޑް ފިލްމަށްވުމުންނެވެ.

މިދިޔަ މަހު 11 ގައި ރިލީޒްކުރި މި ފިލްމަށް ހަމައެކަނި އިންޑިއާގައި ދައްކައިގެން ވަނީ 122 ކްރޯޑު ލިބިފަ އެވެ.

ބޮކްސް އޮފީހުގައި ފެށުން އެހާ ރަނގަޅު ނުވި ނަމަވެސް ފަހުން ފިލްމުގެ ވިޔަފާރީ ވަނީ ބޮޑުތަން ރަނގަޅުވަމުން އައިސްފަ އެވެ. ފެށުމަށް ބަލާނަމަ މި ފިލްމު މިހާ ބޮޑު ކާމީޔާބީއެއް ހޯދާނެ ކަމަށް ގަބޫލުނުވެސް ނުކުރެވެ އެވެ. ފުރަތަމަ ދުވަހު ފިލްމަށް ލިބުނީ އެންމެ ހަތް ކްރޯޑެވެ.

"ރާޒީ" ގެ ޓްރެއިލާ.

ހަތްދިހާގެ އަހަރުތަކުގެ ތެރޭގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމަކީ، އިންޑިއާ އާއި ޕާކިސްތާނާއި ދެމެދުގައި ހަނގުރާމަ އާންމުވި ދުވަސްވަރު، އިންޑިއާއަށް ޖާސޫސްކޮށްދިނުމަށް ޕާކިސްތާނަށް ފޮނުވި އިންޑިއާގެ ޒުވާން އަންހެން ކުއްޖެއެއް ހަޔާތުގެ މައްޗަށް ބިނާކޮށް ގެެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ 2008 ވަނަ އަހަރު ނިކުތް ހަރިންދަރް ސިއްކާގެ ވާހަކަ "ކޯލިންގް ސެހެމަތް" ގެ އެޑަޕްޓޭޝަނެކެވެ.

އާލިއާއާއެކު މުހިންމު ރޯލުންތަކުން މި ފިލްމުގައި ފެނިގެންދަނީ ވިކީ ކޯޝާލް، ސޯނީ ރަޒްދާން، ޖައިދީޕް އަހްލަވަތް، ރަޖިތް ކާޕުރް އަދި ޝިޝީރް ޝަރްމާ އެވެ.