ހުޅުލެ އާއި މާލެ ގުޅުވާލަން އަޅާ، ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެއްކޮށް ގުޅުވާ ނިންމާލެވޭނެ ދުވަހަކީ އަންނަ މަހުގެ ނުވަވަނަ ދުވަސްކަން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ހައުސިން މިނިސްޓަރު މިއަދު ވިދާޅުވީ، ބްރިޖްގެ މައި ތަނބެއް ގުޅުވާލުމުގެ މަސައްކަތް މިއަދު ކުރަމުންދާ ކަމަށެވެ. ހުރިހާ ތަނބެއް ގުޅުވައި މާލެ އާއި ހުޅުލެއާ ދެމެދު އެއްކޮށް އަންނަ މަހުގެ ނުވަވަނަ ދުވަހަށް ގުޅާލެވޭނެ ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވި އިރު މިހާރު ވެސް ބްރިޖްގެ މުހިންމު މަސައްކަތްތަކެއްގެ ބޮޑު ބައެއް ވަނީ ފުރިހަމަ ކޮށްފަ އެވެ. އެ ގޮތުން 480 މީޓަރުގެ ބްރިޖްގެ ޑެކް ނުވަތަ ސުޕަ ސްޓްރަކްޗާގެ ކޮންކްރީޓް އައިބީމް އިންސްޓޯލްކޮށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން 180 މީޓަރުގެ ކޮންކްރީޓް ބްރިޖް ޑެކް ސްޕޭން މާލޭ ކޮޅުން ވެސް ވަނީ ނިންމާފަ އެވެ. މުޅި އެޕްރޯޗް ބްރިޖްގައި 240 އައިބީމް ހިމެނެ އެވެ. ބްރިޖް މި އަހަރުގެ މިނިވަން ދުވަހަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބްރިޖްގެ ވަނަވަރު
- ބްރިޖްގެ ވައްތަރު: ބޯޗް އާޗް
- ބޯކްގެ އަދަދު 6
- ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
- ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
- ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިނަކީ 75 ފޫޓް
- ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
- ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު
- ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
- ސައިކަލަށް ދެ ލޭން
- ބްރިޖުގެ ޖުމްލަ ދިގުމިނާކީ ދެ ކިލޯމީޓަރު
- ފުޅާމިނުގައި 20.3 މީޓަރު
- މަސައްކަތް ނިންމާނީ 30 މަސް ދުވަހުން
ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.