ހަބަރު

ކަމާލުއްދީންގެ ސިޔާސީ މިސްރާބު ބަދަލުކޮށްލައްވަނީ

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ސިޔާސީ ގޮތުން އެ ޕާޓީ ނޫން އެހެން ބަޔަކާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ފަސް އަހަރު ކުރެއްވި ކަމާލުއްދީން އެ މަގާމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ނަމަވެސް އިންތިހާބުގައި އެންމެ މަދުން ވޯޓު ލިބިވަޑައިގެން ޖެހުނީ މަގާމުން އެކަހެރިވާށެވެ. އެނގިފައިވާ ގޮތުގައި ކޮންގްރެސްގައި ކަމާލުއްދީންއަށް މަދުން ވޯޓު ލިބިފައިވަނީ ގާސިމް އިބްރާހިމް އެގޮތަށް ބޭނުންވުމުންނެވެ.

އިންތިހާބުން ނާކާމިޔާބުވުމުން ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންތިހާބުގެ ނަތީޖާއަށް އިހްތިރާމް ކުރައްވާ ކަމަށެވެ. ޖުމްހޫރީ ޕާޓީއަކީ އަދިވެސް ކުރި މަގު އޮތް ޕާޓީއެެއް ކަމަށެވެ. އެ ޕާޓީގައި ހޭދަކުރައްވަން ލިބުނު ވަގުތަށް ޝުކުރު ވެސް އަދާކުރައްވާ ކަމަށެވެ.

އޭގެފަހުން ޓްވީޓާގައި މީހަކު ވަނީ ސިޔާސީ ހަރަކާތެއް އުފެއްދުމުގެ ވިސްނުން ފާޅުކޮށްފަ އެވެ. ކޮރަޕްޓް ސިޔާސީ ފަރާތްތައް އެއްކިބާކޮށް ޒުވާން އާ ލީޑަރުންނަށް ފުރުސަތު ލިބޭ މޫވްމަންޓެއްގެ ހިޔާލު އޭނާ ފާޅުކުރި އެވެ.

އެ ހިޔާލު ފާޅުކުރުމާއެކު ކަމާލުއްދީން އޭނާގެ ޓްވިޓަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމު ގެއްލިފައިވާތީ އޭނާގެ އަތުގައި ވަރަށް ހުސް ވަގުތު އެބަ އޮތް ކަމަށެވެ. ބޭނުންވާނަމަ އާ މޫވްމަންޓް އުފައްދަން އޭނާއަށް އެހީތެރިވެވިދާނެ ކަމަށެވެ. ކަމާލުއްދީން ވަނީ އޭނާގެ މޮބައިލް ނަންބަރު ވެސް ހިއްސާކުރައްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިންތިޒާމް ކުރެއްވުމުގައި އިސްކޮށް އުޅުއްވި ކަމާލުއްދީން އިންތިހާބުގައި ނާކާމިޔާބުވެވަޑއިގަތުމާއެކު ޕެރަޑައިސް އައިލެންޑް ރިސޯޓް ދޫކުރައްވައި ވަގުތުން ވަޑައިގެންނެވި އެވެ. އޭނާއަށް އިންތިހާބު ނާކާމިޔާބުވީ އެ ޕާޓީއާ މުޅިން އަލަށް ގުޅިވަޑައިގަތް ބައެއް ބޭފުޅުންނާ ވެސް ވާދަކުރެއްވުމަށްފަހު އެވެ.

ގާސިމް އިބްރާހިމް އިއުލާން ކުރެއްވި ހިޔަނި ކެބިނެޓްގައި ކަމާލުއްދީންއަށް މަގާމެއް ދެއްވުމުން އެ މަގާމު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ކަމާލުއްދީން ޓްވީޓެއް ކުރައްވާފައިވެ އެވެ. އޭގެ ފަހުން ޕާޓީގެ ބައެއް ބޭފުޅުންނާއި ކަމާލުއްދީންއާ ދެމެދު ހިޔާލު ތަފާތުވި ކަމަށް އަޑުތައް ފެތުރުނެވެ.

ކަމާލުއްދީން ވިދާޅުވީ، ސަންދޯކަކަށްލާ ވަޅުލުމާ ޖެހެންދެން ގައުމަށް ހިދުމަތް ކުރެއްވުމުގައި އޭނާ ދެމިހުންނަވާނެ ކަމަށެވެ.