ދަތުރުފަތުރު ކުރުން ދިވެހިންނަށް އަބަދުވެސް އޮންނަނީ ބުރައަކަށް ވެފަ އެވެ. ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް އޮތް ހުރަހަކީ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތައް ކަމަށް ވަކާލާތު ކުރާ މީހުން ގިނަ އެވެ. އެކަމަށް އޮތް ހައްލަކީ ވަކި ވަކިން މިހިރަ ރަށްތައް އެއާޕޯޓްތަކާއި ބްރިޖްތަކުން ގުޅާލުން ކަމަށް އެއް ބަޔަކު ދެކެ އެވެ. އަނެއް ބަޔެއްގެ ނަޒަރުގައި އެއާޕޯޓްތަކަކަށް ވުރެ ކަނޑު މަގުން ދަތުރު ކުރެވޭނެ ނިޒާމް ވަރުގަދަ ކުރުން މާ ރަނގަޅެވެ. މި ދެ ވިސްނުމުގެ ތެރެއިން އިގްތިސޯދަށް އެންމެ ފައިދާ ހުރީ ކޮން ވިސްނުމެއް ހެއްޔެވެ؟
އެއާޕޯޓް ތަރައްގީކުރުމުގެ ވާހަކަ ދައްކާއިރު އެކަމުގައި ދިވެހިންގެ ތަޖުރިބާ އަށް ބަލައިލަން ޖެހެ އެވެ. އެކަމުގައި ދިވެހިންކޮށްފައި ވަނީ އެހާ އުފާވެރި ތަޖުރިބާތަކެއް ނޫނެވެ. ކުރީގެ ސަރުކާރުގައި އެއާޕޯޓް ތަރައްގީކުރުމަށް އެތައް ރަށެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރި އެވެ. ނަމަވެސް އެ ހުރިހާ މަޝްރޫއުތަކެއް ހަގީގަތަކަށް ނުހެދުނެވެ. މިސާލަކަށް ނ. މާފަރަށް ބަލާއިރު އެ ރަށުގައި އެއާޕޯޓް ހެދުމުގެ މަސައްކަތް މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ބަޔަކާ ހަވާލުކުރި އެވެ. ނަމަވެސް ބިން ސާފުކޮށްލުން ފިޔަވައި އެހެން ކަމެއް އަދި ކުރެވިފައެއް ނެތެވެ. މާމިގިއްޔާއި ކޫއްޑޫ އަދި ދަރަވަންދޫ އެއާޕޯޓް ނިންމުމަށް ވެސް އެތައް އަހަރެއް ނެގި އެވެ. މައްސަލައަކަށް ވަނީ ކޮން ކަމެއް ހެއްޔެވެ؟
"އެއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް. އެކަންތަކަށް ފައިނޭންސް ހޯދުން ވަނީ އުނދަގޫ ކަމަކަށް. އަދި އެވަރު ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން އެއާޕޯޓްތަކެއް ހަދައިގެން އެއިން ފައިދާއެއް ހޯދޭނެ ގޮތެއް ނޯވޭ. އިންވެސްޓްމަންޓާ ބަލާފައި ލިބެނީ މަދު ފައިދާއެއް. ލިބޭ ގެއްލުން ބޮޑު. ގިނަ އެއާޕޯޓްތަކެއް ހެދުމަކީ ފީސިބިލް [ދެމެހެއްޓެނިވި] ކަމަކަށް ނުވޭ،" އިގްތިސޯދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
މައި އެއާޕޯޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި އެހެން އެއާޕޯޓްތައް ހިންގައިގެން ފައިދާވާ ކަމަކަށް ނުވެ އެވެ. އެކަމަކު ޓޫރިޒަމަށާއި ދަތުރުފަތުރަށް ލިބޭ ފަސޭހައިގެ ސަބަބުން އެއީ ގައުމަށް ގެއްލުން ހުރި ކަމެއް ކަމެކޭ ބުނާނެ ޖާގަ ހަންޔެވެ.
ކައްދޫ އެއާޕޯޓުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އެ އެއާޕޯޓަށް ކުރާ ހަރަދުގެ 40 ޕަސެންޓް ވެސް ކަވަރު ނުކުރެވޭ ކަމަށެވެ. ނަމަވެސް މައްސަލައަކީ ވާދަވެރި ވިޔަފާރިއެއް ކުރާ އުސޫލުން އެއާޕޯޓްތައް އެޅުމުގެ ކަންކަން ކުރިއަށް ދިޔުމެވެ. އެއާޕޯޓްތަކުގެ ވިޔަފާރި އަކީ ވާދަވެރި ވިޔަފާރިއަކަށް ހަދައިގެން ރާއްޖެ އަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟
"ވަރަށް ކުޑަ މާކެޓެއްގެ ވާހަކަ އިނގޭތޯ އަޅުގަނޑުމެން މިދައްކަނީ. އެއްގޮތަކަށް ވެސް ސަސްޓެއިން ކުރެވޭ ކަހަލަ މާސްއެއް މިތާކު ނެތް. އެހެންކަމުން ބައެއް ތަންތައް ހިންގުމަށް ސަރުކާރުން ނިންމަން ޖެހޭ ސަރުކާރުން ނިންމަވާ ގޮތަކަށް ގެންދަން. މިސާލަކަށް އެއާޕޯޓްތައް ޕްރަވަޓައިޒްކުރުން، އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅު ކަމެއް ހެން އެޔަކީ. ދެން ހަނިމާދޫ އިންޓަނޭޝަނަލް ކުރައްވަނީ އެ ވެސް ރަނގަޅު ކަމެއް،" އެމްއޭސީއެލްގެ ކުރީގެ އެމްޑީ، އިބްރާހިމް ސަލީމް )ބަންދު( ވިދާޅުވެފައިވެ އެވެ.
"އެއާލައިން ދުއްވާށޭ ބުނެފައި މަތިންދާބޯޓް ހަމަޖެއްސިޔަސް ކަމަކު ނުދާނެ އިނގޭތޯ. އެހިސާބުގައި އެ ބޭނުންވާ ކަންތައްތައް އެކުއެކީގައި ކުރަން ޖެހޭނީ. ތިން ސަތޭކަ ރޫމް ހުންނަން ޖެހޭނެ ތިމަރަފުށި އެއާޕޯޓް ހުޅުވޭއިރު އިނގޭތޯ. ތ. އަތޮޅަށް ދާން ތިބީ ކިތައް މީހުންތޯ؟ އެތާކު މާ ބޮޑު ރިސޯޓެއް ވެސް، އެކައްޗެއް ވެސް ނެތް. އެހެންނެއް ނޫން ގދ. އަތޮޅުގައި އެބަ އޮތް. ހައްދުންމަތީގައި އޮތީ 100 ރޫމްގެ ރިސޯޓެއް. ދެން އެތަންތަން ރަނގަޅުނުކޮށް ނެތޭ އިނގޭތޯ ވާކަށް،" ބަންދޭ ވިދާޅުވެފައިވެ އެވެ.
އެއާޕޯޓްތައް ތަރައްގީކުރުމުގެ ވިސްނުން ކުރިއަށް ނެރޭއިރު ފިކުރުކުރަން ޖެހޭ ކަންތައްތައް މިވަނީ ގިނަވެފަ އެވެ. ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް ހެދުމަކީ ދަތުރުފަތުރުގެ މައްސަލައަށް އޮތް ހައްލުކަމަށް ވެސް ބުނެވިދާނެ އެވެ. އެއާޕޯޓްތައް މުޅި ރާއްޖެ އަށް ހައްދެއް ނެތް މިންވަރަށް ފަތުރާލުމުގެ ވާހަކަ އަކީ އިގްތިސޯދީ ގޮތިން ފީސިބިލް ކަމަކަށް ނުވެދާނެ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރެވޭ ވަރަށް އެއާލައިންތައް ވެސް ރާއްޖޭގައި ވަރުގަދައެއް ނޫނެވެ. އެހެން ވެއްޖިއްޔާ އެކަމަށް އޮތް ފޯމިއުލާ އަކީ، ބަހާލައިގެން ދެމެހެއްޓެނިި ގޮތަކަށް އެއާޕޯޓްތަކެއް އެޅުމެވެ. ރ. އިފުރުގެ އެއާޕޯޓް މިއަދު ހުޅުވާ އިރު މިއީ އެކަމަށް އަދި އެއްފަހަރު ވިސްނާލަން ޖެހޭ ކަމެކެވެ. އެހެން ނޫނީ ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް އެޅުމަކީ އެހާ ކާމިޔާބު ނިޒާމަކަށް ނުވެދާނެ އެވެ.