ހަބަރު

ނަޝީދުގެ ކުރީގެ ޕްރެސް ސެކެޓަރީ ހޯދަން ފުލުހުން އިއުލާންކޮށްފި

Jun 26, 2018

ސިވިލް ކޯޓުގައި ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރެސް ސެކެޓަރީގެ މަގާމް އަދާ ކުރެއްވި މުހައްމަދު ޒުހައިރު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ ހަ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެގޮތުން މުހައްމަދު ޒުހައިރު ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރުވެފައިނުވާތީވެ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 27 ވަނަ ދުވަހުގެ 10:40 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް އަމުރު ކޮށްފައިވާތީ ކަމަށެވެ.

ޒުހައިރުގެ އިތުރުން ހޯދަމުންދަނީ، މާލެ، ދަފްތަރު ނަންބަރު 4976، އިބްރާހީމް އަޒްމީލްއާ ސ. ހިތަދޫ، ރީލް މަންޒިލް މުހައްމަދު ލަތީފާއި ސ. ހިތަދޫ، ސައުތްކްރޯސް މޫސާ މުންތަސިމާއި މާލެ، ހ. މިނީގާރޑްން މުހައްމަދު ޔާސިރު ސ. މަރަދޫ، މައިޒާން މުހައްމަދު ފަރުސީދު އެވެ.

މި ފަސް މީހުންވެސް ހޯދަމުން ދަނީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވެފައިނުވާތީ އެވެ.