ހަބަރު

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރަން ލަފާ ދީފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީންނަށް ލަފާ ދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން މިއަދު ފާސްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދުގެ މައްޗަށް ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެގެން ކުރިމިނަލް ކޯޓުން ހުކުމްކޮށް ހައިކޯޓުން ތާއިދުކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެވެ.

އެންމެފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން އޮޓަމެޓިކުން ގެއްލޭނެ އެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރުމަށް ރައީސް ޔާމީނަށް ލަފާ ދެއްވުމަށެވެ.

އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމުގެ އިޖުރާއަތުތައް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގެ 147 ވަނަ މާއްދާގަ އެވެ. އެ މާއްދާގައިވާ ގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

ޖޭއެސްއީއިން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރަން ލަފާ ދޭން ނިންމާފައިވާއިރު ދިރާސާކުރުމަށް ރައީސް މަޖިލީހަށް ފޮނުވާ ނަމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމުމުން ހަތް ދުވަހުގެ ތެރޭގައި ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު އައްޔަންކުރަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ.

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އައްޔަންކުރުމަށް ވެސް ޖޭއެސްސީއިން މިއަދު ވަނީ ރައީސްއަށް ލަފާ ދޭން ނިންމާފަ އެވެ.