ހަބަރު

ކުދި ޕިކަޕްތަކަށް ދުވާލު ވެސް މުދާ އުފުލަން ހުއްދަ ދީފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ކުރިއަށް ގެންދާ، ރިންފފަށާފައިވާ މަޝްރޫއާ ގުޅިގެން މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގިނަ މަގުތަކެއް ބަންދުކޮށްފައިވާތީ ވިޔަފާރިތަކަށާއި ގުދަންކުރަން މުދާއުފުލާ އުސޫލަށް ލުއިތަކެއް ޓްރާންސްޕޯޓް އޮތޯރިޓީން ގެނެސްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގެ އެއްގަމު ދަތުރުކުރުމަށް އައި ބޮޑު ބަދަލާއެކު ޓްރާންސްޕޯޓުން މިހާރު ކަނޑައަޅާފައިވާ ގަޑިތަކުގައި މުދާއުފުލުމުގައި ވިޔަފާރިވެރިންނަށް ދަތި ކުރިމަތިވަމުންދާތީ މިއަދުން ފެށިގެން ދުވާލުގެ ވަގުތުތަކުގައި 350 ކިލޯއަށްވުރެ ދަށުގެ މުދާ އުފުލުން ހުއްދަކޮށްފައިވާ ކަމަށެވެ. އެވަރަށް ކުދި ޕިކަޕެއް ފުރާ މުދާ އުފުލޭނެ އެވެ.

މުދާ އުފުލާ ގަޑިތަކަށް ގެނައި މި ބަދަލަކީ ވަގުތީ ބަދަލެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ވިޔަފާރިތަކަށް ގަނޑުކޮށް މުދާ އުފުލުމާއި ގުދަންކުރުމަށް ލޮރީތަކުގައި މުދާއުފުލުން ރޭގަނޑަށް ބަދަލުކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައި އެ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ މާޗް މަހުގެ ކުރީކޮޅު އެވެ. އެގޮތުން މިހާތަނަށް، ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަނގަޑު، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި ގެ އެޅުމަށް ބޭނުންކުރާ ގަލާއި ފެންކޭސް ފަދަ މުދާ އެއްތަނުން އަނެއްތަނަށް އުފުލޭނީ ހަވީރު ހައެއްގެ ފަހުންނެވެ.

މި އުސޫލަށް މިހާރު ގެނައި ބަދަލާއެކު ގުދަންކުރާ މިފަދަ މުދާތައްވެސް ކަނޑައަޅާފައިވާ ބުރަދަނަށް ހަމަވާނަމަ އުފުލުން ހުއްދަވާނެ އެވެ.