ރިޕޯޓް

ފޭރުން ބަދަލުކޮށްލައިފި، މިހާރު ސްމާޓް ފޭރުމެއް!

ރިންގުވާން ފެށުމުން ފޯނު ނެގީ އެވެ. ފޯނު ނެގީ ފަހަރުގައި އެއީ ދަންނަ މީހަކަށް ވެދާނެ ކަމަށް ބަލައިގެނެ އެވެ. މުހިންމު ކަމެއްގައި ކަމަށް ވެސް ވިސްނައިގެނެވެ. އެކަމަކު ހިސާބަކަށް މަޑުޖެހިލެވުނީ އެއީ ނުދަންނަ ނަމްބަރެކަށް ވާތީ އެވެ. ފޯނު ނެގުމުން ވާހަކަ ދެއްކި މީހާ ހީވަނީ ވަރަށް ދަންނަ، ފަރިތަ އަޑެއް ހެނެވެ. ވާހަކަ ދެއްކުން ވެސް ވަރަށް ރީއްޗެވެ.

"އައްސަލާމް އަލައިކުން، އަޅުގަނޑު މި ގުޅައިލީ ތިޔަ ބޭފުޅާއަށް އިނާމެއް ލިބިފައި އޮތުމުން! މި އިނާމު ހަވާލު ކުރުމުގެ ކުރިން ޖެހޭ ބައެއް މައުލޫމާތުތައް ސައްހަކަން ޔަގީންކޮށް ލަން، ތިޔަ ބޭފުޅާއެކު އުފަން ދުވަހަކީ ކޮބައިތޯ؟ ތިޔަ ބޭފުޅާގެ ކޭޝް ކާޑުގެ ފަހަތުގައި އިންނަ ތިން ނަމްބަރު ވިދާޅުވެ ދެއްވައިފާނަންތޯ؟،" ވާހަކަ ދެއްކި މީހާ ބުނަމުން މިދިޔައީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނިން ހިންގި ޕްރޮމޯޝަނަކުން އަހަންނަށް ބޮޑު އިނާމެއް ލިބުނު ވާހަކަ އެވެ.

އޮޅުން ފިލުވަން ބޭނުންވި ސުވާލުތަކުން އެނގުނީ އެއީ އޮޅުވައިލުމުގެ ފޯނު ކޯލެއް ކަމެވެ. މި "ވަގު" ކޯލަކަށް ވަގުތު ނަގާނުލަން ވެސް އިތުރަށް ވާހަކަ ނުދައްކާ ފޯނު ކަނޑައިލީ އެވެ. މިއީ ފަހަކަށް އައިސް ވަރަށް އާއްމުވަމުންދާ ކަމެކެވެ.

އޮޅުވާލައިގެން ކުރާ ހީލަތްތެރި މިފަދަ ފޯނު ކޯލްތަކުން ކޮންމެ ދުވަހަކުހެން ދަނީ އެތަށް ލައްކަ ރުފިޔާ އެއް ފޭރެމުންނެވެ. މިފަދަ ގިނަ މައްސަލަތަކެއް ތަހުގީގު ކުރަމުން ވެސް ދެއެވެ. އަދި އާއްމުންގެ ސަމާލު ކަމަށް ވެސް އެކަން ގެނެސްދެ އެވެ. އެކަމަކު މިކަން ހުއްޓުވުމަށް މަސައްކަތް ކުރިނަމަވެސް، މިކަން ކުރާ މީހުން ވެސް ދަނީ އެ މީހުންގެ މަސައްކަތް ވެސް "އެޑްވާންސްކޮށް" ފޭރުމުގެ އާ ވައްޓަލާޅި ބަދަލު ކުރަމުންނެވެ.

މިފަދަ ކޯލްތައް ކުރާ މީހުންގެ މަސައްކަތް މިހާރު ހުރީ އިންޓަނެޓު ބޭކިން ފަދަ ޒަމާރީ ވަސީލަތް ތަކެވެ. ސަމާލުވާށެވެ. ނޭނގި ހުރެނަމަވެސް ތިޔަ ދެވެނީ ޖީބުގައި އޮތް ވޮލެޓެވެ. އަތުގައި ހުރިއްޔާ ހުރި ފައިސާއެކެވެ.

"ހުށަހަޅަނީ" އެންމެ ބޭނުން އިނާމު

މި ފަދަ ފޭކު ކޯލަކުން ފޭރެން އުޅުނު އެހެން ހާދިސާ އެކެވެ. މިއީ ވަރަށް އެޑްވާންސް ފޯނު ކޯލެވެ. މި ކޯލު ކުރިއިރު ލައިންގައި އިތުރު މީހަކު ވެސް ހުއްޓެވެ. މިއީ ކޮންފަރެންސް ކޯލެކެވެ. މި ފޯނު ކޯލުގައި އަހަރެންގެ ރަހުމަތްތެރިއަކަށް ގުޅައި ވާހަކަ ދައްކަމުން ދިޔަ މީހާގެ އަޑު އަހައިލުމުން އެނގެނީ އެ ކޯލުގެ އަނެއް ކޮޅުގައި ހުރެ ވާހަކަ ދައްކަނީ ގުޅައިގެން އުޅޭ މީހާއާ ގުޅުމެއް ހުރި ނޫނީ ދެކިފަރިތަ މީހެއް ކަމެވެ. އެކަމަކު އެކަން އެނގެނީ ވިސްނައިލުމުންނެވެ. މި ފޯނު ކޯލުގައި އެ ދެމުން ދިޔައީ އޭޓީއެމް އަށް ގޮސް "ޗެރިޓީ އަށް" ނުވަތަ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ އަކަށް އެހީވުމަށެވެ. ރަހުމަތްތެރިއާއަކީ ޕްރޮމޯޝަނެއްގެ ނަސީބުވެރި ފަރާތަށްވުމުން މި އިނާމު ލިބެން އަންނަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ކޮންމެ ވެސް ޖަމިއްޔާ އަކަށް ކުޑަ ހައިރާތެއް ކޮށްލައިގެނެވެ.

ޕާސްވޯޑް ދޭކަށް ނުބުނާނެ!

ހަގީގަތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ އަށް މި ދޭ ހައިރާތު އެ ދަނީ މި ހީލަތްތެރި ފޯނު ކުރާ މީހާ ގެ އެކައުންޓަށެވެ. މި ފަދަ ގިނަ ފޯނު ކޯލްތައް ކުރާ ސީދާ ތަނެއް ބުނަން ނޭނގުނު ނަމަވެސް، އެނގޭ ކަމަކީ މިކަން ކުރަނީ ވަރަށް ބޮޑަށް މައުލޫމާތާއި ހުނަރާއި ވާހަކަދެއްކުންތެރި ކަމުގެ ގޮތުން ވަރަށް ފުދޭ، ވަރަށް އެނގިގެން ތިބޭ ބައެއް ކަމެވެ. އެއިރެއްގައި އެންމެ ހޫނު ހަބަރެއް ނޫނީ އެންމެ ވަރުގަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ކުންފުންޏެއްގެ މައުލޫމާތު އެމީހުން ދަސްކޮށްފައި ހުންނަނީ އަކުރުން އަކުރަށެވެ. އެހާވެސް އެމީހުން ފަރިތަ އެވެ. އަދި އިނާމުގެ ގޮތުގައި ވެސް ދޭނެ ކަމަށް ބުނަނީ އާއްމުން އެންމެ ބޭނުން ވާނެ އެއްޗިއްސެވެ. ބެޑްރޫމް ސެޓާއި ޓީވީ އަދި އެޕާޓްމަންޓް ފަދަ އަގު ހުރި އިނާމު ތަކެވެ. އެހެންވެ މިފަދަ މަޅިތަކުގައި ފަސޭހަކަމާއެކު ވަރަށް ގިނަ މީހުން ދަނީ ޖެހެމުންނެވެ.

ފަހަކަށް އައިސް އަންނަ އެހެން ކޯލެކެވެ. އެ ކޯލް އައީ ބީއެމްއެލްގެ ކާޑް ސެންޓަރުގެ ނަމުގައި އެވެ. އޭނާ ވަރަށް އޯގާތެރި ކަމާއެކު ތައާރަފުވެލައި އަހަންނާ ގުޅޭ ވަރަށް މުހިންމު މައްސަލައަކާ ބެހޭ ގޮތުން ކާޑް ސެންޓަރަށް ހެދިފައި އޮތް ގޯހެއްގެ ސަބަބުން މާފަށް އެދުނެވެ. އެނާ ބުނެދިނީ މިހެނެވެ:

"ތިޔަ ބޭފުޅާ އާއި އެހެން ކަސްޓަމަރަކަށް އަޅުގަނޑުމެންގެ ގޯހަކުން އެއް ޕިން ނަމްބަރެއް ދެވިޖެއްޖެ އެވެ. އެ ކަސްޓަމާ އަކީ އާ ކަސްޓަމާއަކަށްވާތީ އަޅުގަނޑުމެން ފުރަތަމް ހިޔާރު ކުރީ ތިޔަ ބޭފުޅާއަށް ގުޅައިގެން މައްސަލަ ހައްލު ކޮށްލާށެވެ. އޭރަށް އެކަމަކު 24 ގަޑިއިރަށް ހިދުމަތަށް ބޫރުއާރާނެ އެވެ. އެގޮތަށް އެއްބާރުލުން ނުދެއްވާ ކަމަށްވަންޏާ ދެބޭ ފުޅުންގެ ޕިން ދިމާވުމުގެ ސަބަބުން ލިބިދާނެ ފައިސާގެ މާލީ ގެއްލުމަކަށް ބޭންކް ޒިންމާއެއް ނުނަގާނެ އެވެ. ވީމާ ކާޑުގެ ފަހަތު ނަމްބަރުގެ ނިންމޭ ތިން އަކުރު ވިދާޅުވާށެވެ."

އެ ހުރިހާ ވާހަކައެއް އަޑު އެހީމެވެ. އެކަމަކު އިތުރަށް ކުރިޔަށް ނުދާންވެގެން އަހަރެން ބުނީމެވެ. " ދެން ފޯނު ބާއްވާލާށެވެ. މިފަހަރު ނެގިފައި ތިޔަވަނީ ނުބައި ނަމްބަރެކެވެ!"

ރާއްޖޭން ބޭރު ނަމްބަރު ތަކުން ގުޅާ!

މި ފަދަ އަމަލުތައް ހިންގާ މީހުންގެ ހީލަތްތެރި މަސައްކަތް އިތުރު ހަރު ފަތަކަށް ގެންގޮސްފައިވާކަމުގެ އިތުރު ނިޝާނެއްވެސް މިހާރު އެބަ ފެނެ އެވެ. މިހާރު މިފަދަ ފޭކު ކޯލުތައް ރާއްޖޭން ބޭރުންވެސް މާ ގިނައިން އަންނަން ފަށައިފި އެވެ. ރާއްޖޭގައި ހުރެގެން ނުވަތަ ބޭރުން ނަމަވެސް ކުރާ މި ކޯލްތައް ވަރަށް "ޕްރޮފެޝަނަލް" އެވެ. ދާދި ފަހުން ވަނީ އުރީދޫގެ ނަމުގައި ވައިބާ މެދުވެރިކޮށް ރާއްޖޭން ބޭރުން ވެސް މިފަދަ ކޯލް ތަކެއް ކޮށްފަ އެވެ. އަވަށްޓެރި ޕާކިސްތާނުގެ ނަމްބަރަކުން ގުޅައިގެން ވާހަކަ ދައްކަަނީ ޕާކިސްތާނު ނުވަތަ އިންޑިޔާ މީހެކެވެ. އެނގެނީ ވާހަކަ ދައްކާ ގޮތުންނެވެ. މި ކޯލްގައި ބުނަނީ ކަސްޓަމަރުންގެ ޑާޓާބޭސް އަޕްޑޭޓް ކުރުމަށްޓަކައި ކޭޝް ކާޑުގެ ފޮޓޯއެއް ފޮނުވައި ދިނުމަށެވެ.

މިފަދަ ހީލަތްތެރި މަޅިއެއްގައި ވަރަށް ގިނަ ބަޔަކު މާލޭ ތެރެއިން ޖެހިގެން އުޅޭ ކަމަށް ސޯޝަލް މީޑީއާއިން މިހާރު އެނގެ އެވެ.

މިހާ ހިސާބުން ވެސް އެނގެން ޖެހޭ މަކަކީ އެއްވެސް ބޭންކަކުން ކަސްޓަމަރުގެ ޕާސްވޯޑް ނޫނީ ކޭޝް ކާޑުގެ ވަކި ނަމްބަރެއް ބުނަން ނުގުޅާނެ ކަމެވެ. ނޫނީ ޕްރޮމޯޝަންގެ އިނާމު ލިބުމުން އެކަން އަންގަން މޮބައިލް ނަމްބަރަކުން ގުޅި ނަމަވެސް ޒާތީ މައުލޫމާތު ހިއްސާ ކުރާކަން ނުބުނާނެ އެވެ. ވިސްނަން ޖެހޭ ކަމަކީ މިއެވެ. މިހެން ނުހަދައި އިނާމެއްގެ ދަހިވެތި ކަމުގައި އެއް ވެސް ވަރަށް ބަަލައި ނުލައި ސުވާލެއް ނޫފައްދާ ތިމާގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ފޭރޭ މީހުންނަށް ދެވިދާނެ އެވެ. ވަރަށް ގިނަ މީހުންނަށް ދެވިގެން އެބަ އުޅެ އެވެ.