ހަބަރު

އައްޑޫގައި އެކްސިޑެންޓެއްވެ ދެ ޒުވާނަކު އައިސޫޔޫގައި

އައްޑޫ ސިޓީ ފޭދޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ރޭ ދަންވަރު 1:18 ގައި ފުލުހުންނަށް ރިޕޯޓްކުރި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 25 އަހަރާއި 31 އަހަރުގެ ދެ ޒުވާނަކަށެވެ. އެ ދެ ޒުވާނުންނަކީ އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ މީހުންނެވެ.

އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު "އަވަސް" އަށް ވިދާޅުވީ، އެކްސިޑެންޓުގައި ދެ ޒުވާނުންގެ ވެސް ބޮލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެ ދެ ޒުވާނުން ވެސް މިހާރު އޮތީ އައިސީޔޫގައި ކަމަށާއި އެތަނުން 25 އަހަރުގެ ޒުވާނާގެ ހާލު ވަކިން ބޮޑަށް ސީރިއަސް ކަމަށް ވިދާޅުވި އެވެ. އެ މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވަން މަސައްކަތް ކުރަމުން އަނަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މައިގަނޑު ގޮތަކަށް ހުރީ ހެޑް އިންޖެރީސް. ޖާގަ ލިބުނުހާ އަވަހަކަށް ދެ މީހުން ވެސް މާލެ ފޮނުވަން ތައްޔާރަށް އޮތީ،" އޮފިޝަލު ވިދާޅުވި އެވެ.

ބާރު ސްޕީޑުގައި ދުއްވައިގެންވާ އެކްސިޑެންޓްތައް މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެކްސިޑެންޓް ވެގެން ރާއްޖޭގައި މިއަހަރުގެ މިހާތަނަށް ހަ މީހަކު ވަނީ މަރުވެފަ އެވެ.