ހަބަރު

ގާސިމް ބޭރަށް ފޮނުވަން އެންގީ ގާނޫނާ ހިލާފަށް: ދައުލަތް

ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާ ރާއްޖެއިން ބޭރަށް ފޮނުވަން ކުރިމިނަލް ކޯޓުން އެންގި އެންގުމަކީ ގާނޫނުތަކާ ހިލާފުވާ ކަމެއް ކަމަށް ދައުލަތުން މިއަދު ހައިކޯޓުގައި ބުނެފި އެވެ.

ރިޝްވަތުގެ ކުށް ސާބިތުވެ ގާސިމް ޖަލަށްލާން ހުކުމް ކޮށްފައިވަނީ އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތްވަ އެވެ. އޭނާ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރުމާއެކު ބޭހަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރިމިނަލް ކޯޓުން އަމުރުކުރި އެވެ.

އެ އަމުރު ބަންޑާރަ ނައިބުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މިއަދު އޮތީ އެ މައްސަލާގެ ފުރަތަމަ އަޑުއެހުމެވެ.

މިއަދު ހެނދުނު ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް މައާޝާ ލުތުފީ ވިދާޅުވީ، ގާނޫނުތައް އޮތް ގޮތުން ކުރިމިނަލް ކޯޓަށް އިހްތިސޯސް އޮތީ ކުޑަކުދިން ކުރާ ޖިނާއީ މައްސަލަތައް ނޫން އެހެން މީހުން ކުރާ ޖިނާއީ މައްސަލަތައް ބެލުން ކަމަށެވެ. ޖިނާއީ ކުށެއް ސާބިތުވާ މީހެއްގެ ބޭސްފަރުވާއާ ގުޅޭ ކަމަކީ ޖިނާއީ މައްސަލައެއް އޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ކުރިމިނަލް ކޯޓުގެ އެ އެންގުން ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ވެސް ހިލާފުވާކަން ފާހަގަކުރެއްވި އެވެ. ގައިދީން ބޭސްފަރުވާއަށް ފޮނުވަނީ އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ މަތިން ކަމަށާއި އޭގެ ބޭރުން ކުރިމިނަލް ކޯޓުން ގާސިމް ބޭރަށް ފޮނުވުމަށް އެންގުމަކީ އެ ގަވައިދުތަކާއި އުސޫލުތަކުގެ ބޭނުން ކެނޑިގެންދާ ކަމެއް ކަމަށް މައާޝާ ވިދާޅުވި އެވެ.

މައާޝާ ވިދާޅުވީ، ގައިދީން ބޭރަށް ފޮނުވަނީ ރާއްޖެއިން ކުރެވެން ނެތް ފަރުވާއެއް ހޯދަން ޖެހޭ ހާލަތްތަކުގަ ކަމަށާއި އެކަން ކުރަނީ މެޑިކަލް ބޯޑުގެ ނިންމުމަކަށް ފަހު ކޮމިޝަނާ އޮފް ޕްރިޒަންސްގެ ހުއްދައާއެކު ކަމަށެވެ. އެއާ ހިލާފަށް ގާސިމް ބޭރަށް ފޮނުވަން އެންގުމަކީ އެ ހުރިހާ ކަމެއްގެ ބޭނުން ކެނޑިގެންދާ ކަމެއްކަން ވެސް ފާހަގަކުރެއްވި އެވެ.

ވަކީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރު ވެސް ގައިދީންގެ ބޭސްފަރުވާގެ ކަންކަމަކީ ކަރެކްޝަނަލް ސާވިސްއިން ކުރަމުންދާ ކަމެކެވެ. އެކަންކަމުގެ އިންތިޒާމްތައް އެ މުއައްސަސާއިން ހަމަޖައްސަނީ ކޯޓުން އަމުރުކޮށްގެން ނޫންކަން ވެސް ފާހަގަކުރެއްވި އެވެ. އެކަންކަން ކުރަމުންދަނީ ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ދަށުން ކަމަށެވެ.

އެހެންވެ މައާޝާ އެދިވަޑައިގަތީ، ކުރިމިނަލް ކޯޓުން ގާސިމް ބޭރަށް ފޮނުވުމަށް ކޮށްފައިވާ އަމުރު ބާތިލުކޮށް ދިނުމަށެވެ. އެ އަމުރަކީ އޭރު ކުރިމިނަލް ކޯޓު ހިންގުމާ ހަވާލުވެހުންނެވި އާދަމް އާރިފް ނެރުއްވި އަމުރެކެވެ.

މި މައްސަލަ ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުވާ ލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް އެ މައްސަލައަށް ތަދައްޚުލްވުމުގެ ފުރުސަތު ގާސިމަށް ހައިކޯޓުން ވަނީ ދީފަ އެވެ. ނަމަވެސް މިހާތަނަށް އެ ފުރުސަތު ބޭނުން ގާސިމް ހިއްޕަވާފައިނުވާކަން ފަނޑިޔާރުންގެ ބެންޗުން ފާހަގަކުރެއްވި އެވެ. ނަމަވެސް މައްސަލާގެ ހުކުމާ ހަމައަށް ވެސް އެ ފުރުސަތު އޮންނާނެކަން ފާހަގަކުރެއްވި އެވެ.

ފަނޑިިޔާރު ޝުޖާއު އުސްމާނު ރިޔާސަތު ބަލަހައްޓަވާ މި މައްސަލާގެ ދައުލަތުން ހުރިހާ ކަމެއް ފާހަގަކޮށްފައިވާތީ މައްސަލާގެ އަޑުއެހުންތައް ނިންމާލީކަން މިއަދު އިއުލާން ކުރެއްވި އެވެ. އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން މި މައްސަލާގައި އޮންނާނީ ހުކުމެވެ. މައްސަލާގެ ބެންޗްގައި ދެން ތިއްބަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ހަސަން އަލީ އެވެ.

ބޭރަށް ފޮނުވަން ކުރި އަމުރު ބާތިލުކުރަން ދައުލަތުން އެދިފައިވާއިރު ގާސިމް މިހާރު ވެސް ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. ސިންގަޕޫރަށް ބޭހަށް ފޮނުވުމުން ޖަރުމަންވިލާތަށް ވަޑައިގެންނެވީ ހުއްދަ ނެތި އެވެ.