ވިޔަފާރި

ވިޔަފާރި ބަނދަރުގެ ހިދުމަތް ރަނގަޅު ކުރަން އަނެއްކާ ބޮޑު އިންވެސްޓްމަންޓެއް

މާލެ ވިޔަފާރި ބަނދަރުގެ ހިދުމަތް ރަނގަޅު އަނެއްކާ ވެސް ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

މާލެ ވިޔަފާރި ބަނދަރުގެ ހިދުމަތްތަކާ ބެހޭ ގޮތުން އެމްޕީއެލްގައި ސަމުގާ މީޓިން ރޫމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުރައްޒާގު ހަލީމް ވިދާޅުވީ ބަނދަރުގެ ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ފައިނޭންޝަލް ސްކީމެއްގެ ތެރެއިން މި އިކްއިޕްމަންޓްތައް މި ގެންނަނީ. މިމަސް ނޫނީ އަންނަމަހު އިކްއިޕްމަންޓްތައް ގެންނަން އޯޑަރު ޕްލޭސް ކުރެވޭނެ،" ހަލީމް ވިދާޅުވި އެވެ.

ސީއީއޯ ހަލީމް ވިދާޅުވީ މިފަހަރު ގެންނަން ސާމާނާއެކު މިހާރު ބޭނުންކުރާ ބާޖުތަކުގެ ބަދަލުގައި އެކަމަށް ހާއްސަ ކްރޭންތަކެއްވެސް ގެންދާނެ ކަމަށެވެ.

"މާލެ އާއި ހުޅުމާލޭގައި ވެސް ކްރޭން ބަހައްޓާނެ. އަދި މިހާރު ބޭނުންކުރާ އާޓްޓީޖީ [ކްޓެއިނާ މަތިން އުފުލަން ބޭނުންކުރާ މެޝިން] ގެ ދެ މެޝިން ހޯދާނެ،" ހަލީމް ވިދާޅުވި އެވެ.

މާލެ އާއި ހުޅުމާލޭގައި ވެސް ކްރޭން ބަހައްޓާނެ. އަދި މިހާރު ބޭނުންކުރާ އާޓްޓީޖީ [ކްޓެއިނާ މަތިން އުފުލަން ބޭނުންކުރާ މެޝިން] ގެ ދެ މެޝިން ހޯދާނެ
އަބްދު ރައްޒާގު ހަލީމް | އެމްޕީއެލް ސީއީއޯ

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީމް ވިދާޅުވީ މި މެޝިނަރީތަކުގެ އަގުތައް އެނގޭނީ ހުރިހާ އެއްޗެއްގެ އަގުތައް އެކޮށްލިބުނީމަ ކަމަށެވެ.

"މި ފަހަރު އިތުރު ތިން ބާޖާއި ޓްގް ބޯޓު އަދި ޕައިލެޓް ބޯޓެއް ވެސް ހޯދާނެ،" ހަލީމް ވިދާޅުވި އެވެ.

އެމްޕީއެލްއަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެމްޕީއެލް އިން މިދިޔަ އަހަރު ވެސް ވަނީ 9.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 140 މިލިއަން ދިވެހި ރުފިޔާ) ގެ އިންވެސްޓްކޮށްގެން ގިނަ ސާމާނު ތަކެއް ގެނެސްފަ އެވެ. ވިޔަފާރި ބަނދަރުގެ ހިދުމަތް ރަނގަޅުކުރަން އެމްޕީއެލްއިން ގެންނަ 22 އުޅަނދެއް ހޯދަން ހަވާލުކޮށްފައިވަނީ ދުނިޔޭގައި މި ބާވަތުގެ އުޅަނދުތައް އުފެއްދުމަށް މަޝްހޫރު ޗައިނާގެ "ސަނީ ހެވީ އިންޑަސްޓްރީއާ" ކުންފުންޏާ އެވެ.