ވިޔަފާރި

ޑެމަރޭޖް އެރުމާއި އިތުރު ފީއެއް ނެގުން އެމްޕީއެލްއާ ގުޅުމެއް ނެތް

މާލެ ވިޔަފާރި ބަނދަރަށް ގެންނަ މުދަލަށް ޑެމަރޭޖް އެރުމާއި ކޮންޓެއިނާ ކްލިއަކުރަން ކުންފުނި ތަކުން އިތުރު ޗާޖެއް ނެގަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މައްސަލަ އަކުން ނޫން ކަމަށް ސީއީއޯ ވިދާޅުވެއްޖެ އެވެ.

މާލެ ވިޔަފާރި ބަނދަރުގެ ހިދުމަތްތަކުގެ ފެންވަރު ދަށްވެ، ހިދުމަތް އަނެއްކާ ވެސް ލައްވާ ކަމަށް ކުންފުނިތަކުން ބުނަމުން ދަނިކޮށް، އެމްޕީއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ އިބްރާހިމް އަބްދުރައްޒާގު ހަލީމް ވިދާޅުވީ ވިޔަފާރި ބަނދަރުން ދޭ ހިދުމަތުގެ ފެންވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި ކޮންޓެއިނާތަކަށް ޑެމަރޭޖް [ބަނދަރުގައި މުދާ ހުންނަ މުއްދަތަކަށް ނަގާ ފީ] އެރުމާއި ބައެއް ކުންފުނިތަކުން އޮޕަރޭޝަން ކޮސްޓް ރިކަވަރީ ޗާޖު ނެގުމަކީ ހިދުމަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ފަހަރު ވާ ގޮތަކީ ޕޭޕާ ވޯކްސް ނުމިމަނީ. ޕޭޕާ ވޯކްސް ނުނިންމާނަމަ އަޅުގަނޑުމެންނަށް އެއެއް ވޭވް އޮފްއެއް ނުކުރެވޭނެ. ބައެއް ކޮންޓެއިނާތައް ޕޯޓް ހެލްތާއި ކަސްޓަމްގެ ބޭނުމަށް އެބަ ހޯލްޑް ކުރައްވާ. ކަސްޓަމްސް ނޫނީ އެމްއެފްޑީއޭއިން ހިފަހައްޓައިފިނަމަ ދޭނެ ޑޮކިއުމެންޓެއް. ހަމައެގޮތަށް ރިލީސް ކުރީމަ ދެއްވާނެ ޑޮކިއުމެންޓެއް،" ހަލީމް ވިދާޅުވި އެވެ. މި ޑޮކިއުމެންޓްތައް ހުށަހެޅުމުން މި މުއްދަތަކަށް ނާރާނެ ޑަމެރޭޖެއް. ޑެމަރޭޖް އަރަނީ 10 ދުވަހަށްވުރެ އިތުރުވީމަ. މީގެ ބޭނުމަކީ ކުޑަ ޖާގައެއްގައި ގިނަ ބަޔަކަށް ހިދުމަތް ދިނުން."

އޭނާ ވިދާޅުވީ އެމްޕީއެލް އިން އެދެނީ ހުރިހާ މުދަލެއް ވެސް 10 ދުވަހުގެ ކުރިން ކްލިއަ ކުރުން ކަމަށެވެ.

"ރޯދަ މަހު ޑިފިކަލްޓީއެއް އަދި ޝިފްޓިން އާ ހެދި. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ 24/7 މީގައި ހުރިހާ މީހުން އެއްވަގުތެއްގައި އައީމައެއް ނުވާނެ އަޅުގަނޑުމެންނަކަށްވެސް. ސަރުކާރުން މުދާ ކްލިއަ ކުރަން ވަގުތެއް ވަނީ ހަމަޖައްސަވާފަ. އިރު އޮއްސި 6 އިން ހެނދުނު 6 އަށް. އަޅުގަނޑުމެންގެ ޓީމާ ކޯޑިނޭޓް ކޮށްގެން ކޮންޓެއިނާތައް ތިރި ކުރެވޭނެ،" ހަލީމް ވިދާޅުވި އެވެ.

ބޯޓުތަކުގެ މައްސަލަ ވެސް އެބަހުރި

އޭނާ ވިދާޅުވީ މުދާ ބޭލުން ލަސްވެގެން ދިއުމުގައި ބަނދަރަށް އަންނަ ބޯޓުތަކުގެ މައްސަލަ ވެސް ބޮޑު ކަމަށެވެ.

"ބައެއް ބޯޓު ފަހަރުގައި ކްރެއިންގެ މައްސަލަ ބޮޑު. ބައެއް ފަހަރު ބޯޓުތަކުގެ ލައިޓް މައްސަލަ ބޮޑު. މިއީ ޝިޕްތަކުގެ އޯނަރުން ޒިންމާ ނަންގަވަން ޖެހޭނެ،" ހަލީމް ވިދާޅުވި އެވެ،

ހުސް ކޮންޓެރިނާ ހުޅުމާލެ އަށް

ހަލީމް ވިދާޅުވީ މާލެ ވިޔަފާރި ބަނދަރުގައި ޖާގައިގެ ދަތިތަކެއް އެބަހުރި ކަމަށެވެ. ހާއްސަކޮށް ގިނަ އަދަދެއްގެ ހުސް ކޮންޓެއިނާ ހުރިއިރު، މި ބަހައްޓާނެ ތަނެއް ބަނދަރުގައި ނެތް ކަމަށެވެ. ނަމަވެސް މި މައްސަލަ ވެސް ކުރިއަށް އޮތް މަހެއްހާ ދުވަހު ހައްލު ވެގެންދާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

"ޔާޑް ފުރުނީމަ ޝިޕްޓިން މައްސަލަ ދިމާވި. ނަމަވެސް ރައީސް އިސް ނަންގަވައިގެން ހުޅުމާލެ ޕޯޓާ ޖެހިގެން އޮތް ސަރަހައްދު ވަނީ ދެއްވާފަ ހުސް ކޮންޓެއިނާ ބަހައްޓަން. އެހެންވެ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޕޯޓުގެ މައްސަލަތައް ހައްލު ވެގެންދާނެ،" ހަލީމް ވިދާޅުވި އެވެ.