ސިޔާސީ ޕާޓީތަކަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ގެމަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނެވެ. އޭނާ އިސްލާހު ކުރަން ހުށަހަޅާފައިވަނީ އެ ގާނޫނުގެ 35 ވަނަ މާއްދާ އެވެ.
އެ މާއްދާގައި މިހާރު ބުނެފައި އޮންނަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަށް ކަމަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާއާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެއެވެ.
ޖަމީލު އުސްމާނު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ އެ ދޫކުރާ ފައިސާގެ އަދަދު ކުޑަކުރަން ހުށަހަޅާފަ އެވެ. އިސްލާހުގައި ބުނެފައިވަނީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ގޮތުގައި ކަނޑައެޅޭނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އެ އަހަރެއްގެ ބަޖެޓްގައި ކަނޑައަޅާ އަދަދު 0.05 ޕަސެންޓް ކަމަށެވެ.
އެގޮތަށް ޕާޓީތަކަށް ދޫކުރާ ފައިސާގެ ޖުމްލަ އަދަދު ދިހަ މިލިއަން ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް އިސްލާޙުގައި ވަނީ ބުނެފަ އެވެ.
ސަރުކާރުގެ ފަރާތުން ޕާޓީތަކަށް ބަޖެޓުން ދޫކުރާ ފައިސާގެ އަދަދު ކުޑަކުރަން ހުށަހަޅާފައިމިވަނީ ގަވައިދުން ފައިސާ ނުލިބޭ ކަމުގެ ޝަކުވާތައް ޕާޓީތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.