ހަބަރު

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ހަދަން ފުލުހުންނަށް އަންގަނީ

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ހެދުމަށް ފުލުހުންގެ މައްޗަށް ލާޒިމްވާ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައިވާ ގޮތުން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުން ކުރުމާއި ޕެޑްލް ކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެމީހުންގެ ބަންދުގެ މުއްދަތުގައި އެތާނގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ހާއްސަކުރެވޭ މަރުކަޒުތަކެކެވެ.

އެ ގާނޫނުގައި މިހާރު އޮތް ގޮތުން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ހިމެނޭ ގޮތަށް ފަރުވާދޭ މަރުކަޒުތައް އުފެއްދައި ހިންގުމަކީ ނޭޝަނަލް ޑްރަގް އެޖެންސީގެ ޒިންމާއެކެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު ފާސްވާތާ 180 ދުވަހުގެ ތެރޭގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ފުލުހުން އުފައްދައި ހިންގަން ފަށަންވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އެ ގާނޫނަށް މެންބަރު އިބްރާހިމް ދީދީ އިސްލާހުތައް ހުށަހަޅުއްވާފައިވެ އެވެ. އެގޮތުން އެމީހަކީ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމެއް އެއް ފަހަރު ފުރިހަމަކޮށްފައިވާ މީހެއްނަމަ ނުވަތަ ފަރުވާ ހުއްޓާލާފައިވާ މީހެއްނަމަ އޭނާއަށް ދެވަނަ ފަހަރަށް ޕްރޮގްރާމްގައި ބައިވެރިވެވޭނީ ނޭޝަނަލް ޑްރަގް އެޖެންސީއިން ކަނޑައަޅާ ފީއެއް ދެއްކުމަށްފަހު ކަމަށް އިސްލާހުގައިވެ އެވެ.

މީގެއިތުރުން ގާނޫނުގެ ޖަދުވަލު ދެއެއްގައި ބަޔާންކުރާ މަސްތުވާތަކެތި ޑޮކްޓަރުގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭނުންކޮށްފިނަމަ އެއީ ކުށެއް ކަމަށް އިސްލާހުގައި ވަނީ ކަނޑައަޅާފަ އެވެ. އެ ކުށް ކުރާ މީހަކަށް ދޭނެ އަދަބުތައް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެ ކުށް ސާބިތުވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް އިސްލާހު ގެންނަން ވަނީ ހުށަހަޅާފަ އެވެ.