ހަބަރު

އަނިޔާގެ ކުރިމަތީ ފާރިސް ދައްކަވާ ހިތްވަރަށް ސާބަސް: އެމްޑީޕީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރިތާ 10 މަސް ފަހުން އޭނާގެ މައްޗަށް ރޭ އިއްވި ހުކުމާ ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށް، ފާރިސްގެ ހިތްވަރަށް ތައުރީފުކޮށްފި އެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ބޭނުން ކުރެއްވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ރޭ ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ވަނީ ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ބޭނުން ކުރެއްވި ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެ މައްސަލާގައި ދައުވާކޮށްފައިވަނީ ނުފޫޒުން ކަމަށެވެ.

"... ދައުވާ ކުރެވެން ނެތް ކަންކަމުގައި އަމިއްލައަށް މައްސަލަ އުފައްދައިގެން، ހަމައާއި އިންސާފުން އެއްކިބާވެގެން ތިބެ، ފާރިސް މައުމޫނުގެ މައްޗަށް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން އަނިޔާވެރި ވަމުން އެގެންދަނީ ފާރިސް މައުމޫނު މި ސަރުކާރަށް ތާއީދު ނުކުރެއްވުމުގެ ސަބަބުން ނޫން އިތުރު ސަބަބެއް އޮވެގެން ނޫން،" އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން ބުނީ، މިފަދަ ދައުވާތަކާއި ހުކުމްތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގަ އާއި ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާއި ކޯޓުތަކުގެ އިތުބާރު އިތުރަށް ގެއްލިގެންދާނެ ކަމަށެވެ.

ފާރިސް މައުމޫން ހައްޔަރުކޮށްގެން އޭނާއަށް އަނިޔާވެރިވަމުންދާދިއުން ވަގުތުން ހުއްޓާލައި، އޭނާ މިނިވަންކުރުމަށް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ. އަދި ނާއިންސާފާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފާރިސް މައުމޫނު ދައްކަވަމުން ގެންދަވާ ހިތްވަރާއި އަޒުމަށް ސާބަސް ރައްދުކޮށްފަ އެވެ.

ފާރިސް ފުރަތަމަ ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. މެންބަރެއް ތަހުގީގަށް ދިން ބަޔާނެއްގެ މައްޗަށް އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލި އެވެ.

އެ ދައުވާގެ ޝަރީއަތް ފެށުމާއެކު ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް މައްސަލާގައި އެތައް ދުވަހެއް ބަންދުގައި ބެހެއްޓިފައިވާތީ އޭނާ ދޫކޮށްލުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވި އެވެ. އޭނާ ބަންދުން ދޫކޮށްލިތާ ދެ ދުވަސް ތެރޭގައި މެންބަރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އަނެއްކާ ވެސް ހައްޔަރުކުރި އެވެ. އެ ތުހުމަތާ ގުޅިގެން މިހާތަނަށް ފާރިސްއަށް ދައުވާއެއް ނުކުރެ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ނެރުނުއިރު ފާރިސް ހުންނެވީ ހައްޔަރު ކޮށްފަ އެވެ. އެ އަމުރުގައި އޭނާ ދޫކޮށްލުމަށް ވެސް އަމުރުކުރި އެވެ. އެކަމަކު އެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ތުހުމަތު ފާރިސްއަށް ކުރި އެވެ. އަދި އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލައި އެ މައްސަލާގެ ޝަރީއަތް މިހާރު ހިނގަ އެވެ.

މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލާގައި ރިޝްވަތު ދިން ކަމަށް ތަހުގީގަށް ބަޔާން ދިން މެންބަރު ސިއްރުން ހެކި ބަސް ދެމުން ވަނީ ފާރިސް އެއްވެސް ރިޝްވަތެއް ނުދެއްވާ ކަމަށް ވިދާޅުވި އެވެ. އޭނާއާ ބައްދަލުކޮށް އެފަދަ ވާހަކައެއް ވެސް ދައްކަވާފައިނުވާ ކަމަށް ބުނެފަ އެވެ. ތަހުގީގަށް އެގޮތަށް ބަޔާން ދިނީ ނުފޫޒުގަ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ފަހުން އެ މައްސަލާގެ ޝަރީއަތް އަދިއަދަށް ވެސް އޮތީ ހުއްޓިފަ އެވެ.