ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އައްޔަން ކުރައްވައިފި އެވެ. އެ ދެ ބޭފުޅުންނަށް އެ މަގާމު ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރޭގަ އެވެ.
އެ މަގާމަށް އަބްދުﷲ ދީދީ އާއި ޣަނީ އައްޔަން ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ދެ ފަނޑިޔާރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ރައީސް އަބްދުﷲ ޔާމީންގެ ކުރިމަތިފުޅުގައި ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެގެން ކުރިމިނަލް ކޯޓުން ހުކުމްކޮށް ހައިކޯޓުން ތާއިދުކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެވެ.
އެންމެފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން އޮޓަމެޓިކުން ގެއްލޭނެ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދިޔަ އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ތިން ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު ޣަނީ ވެސް އިންނެވި އެވެ. ހައިކޯޓުން ވެސް ހުކުމް ކުރީ ސައީދާއި ހަމީދު ކުށްވެރިވާ ކަމަށެވެ.
މިހާރު ހައިކޯޓުގެ އިސް ފަނޑިޔާރަކާއި ފަނޑިޔާރެއްގެ މަގާމު ހުސްވެފައިވާއިރު އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ހައިކޯޓަށް ދެ ފަނޑިޔާރެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.