ހަބަރު

ޖޭޕީ އަދިވެސް އޮތީ ފޯމިއުލާއެއް ހޯދަން ތައްޔާރަށް

އެއް ކެންޑިޑޭޓެއް ނެރޭނެ ފޯމިއުލާ ހޯދަން ޖުމްހޫރީ ޕާޓީ އަދިވެސް އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ހުސެއިން މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެން އެމްޑީޕީގެ އާންމު މެންބަރުންގެ ފާޑުކިޔުން ޖުމްހޫރީ ޕާޓީއަށް އަމާޒު ވުމުންނެވެ.

އެ ޓްވީޓަކީ އެމްޑީޕީއަށް 13 އަހަރުފުރުމުގެ އުފަލުގައި ބޭއްވި ޖަލްސާގައި ރިޔާސީ ކެންޑިޑޭޓަކަށް ވެސް އަދި ރަނިން މޭޓަކަށް ވެސް ވާންވާނީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ފާޑުވިދާޅުވެ ހުސެއިން ކުރެއްވި ޓްވީޓެކެވެ.

ހުސެއިން ވިދާޅުވެފައިވަނީ، ރިޔާސީ ކެންޑިޑޭޓާއި ރަނިން މޭޓްކަން ވެސް އެމްޑީޕީއަށް ލިބެން ޖެހޭ ކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވާތީ ހިތާމަކުރައްވާ ކަމަށެވެ. އިހްލާސްތެރިކަމާއެކު އެދެނީ ގުޅިފައިވާ ޕާޓީތައް މަޝްވަރާކޮށްގެން އެކަން ނިންމުން ކަމަށެވެ.

އޭގެފަހުން ހުސެއިން ޓްވިޓާގައި މީހަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެއް ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ކުރެވޭނީ އެކަމަށްޓަކައި ހަދާފައިވާ އަށާރަނަވާރަ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިގެން ކަމަށެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައީސް ނަޝީދު ލައްވާ އެކަމަށް ލޮބީ ކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

"ޖުމްހޫރީ ޕާޓީ އޮތީ ގައުމުގެ މަސްލަތާއި ފައިދާއަށްޓަކައި ހަތަރު ޕާޓީއަށް އެއްބަސްވެވޭ ފޯމިއުލާއެއް ހޯދަން ތައްޔާރަށް،" އަށާރަނަވާރަ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހުސެއިން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން މިފަހުން ދޫކޮށްލެއްވި ގާސިމް އިބްރާހިމް އެމްޑީޕީ ނުހިމަނައި ހިޔަނި ކެބިނެޓެއް އެކުލަވާލުމުން އުފެދުނު ދެބަސްވުންތަކުގައި ވެސް އެއް ކެންޑިޑޭޓެއްގެ އުއްމީދު ހުސެއިން ދެއްވި އެވެ. ނަމަވެސް މިހާރު މަންޒަރުތައް ފެންނަ ގޮތުން އެއް ކެންޑިޑޭޓެއް ފެނުން ވަރަށް ނާދިރެވެ.