ހަބަރު

ޖޭޕީ މެންބަރުންގެ ބޮޑު ތުހުމަތެއް ޔުމްނާއަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިދިކޮޅު ޕާޓީތަކާއެކު އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ޔުމްނާ މައުމޫންއަށް ޖުމްހޫރީ ޕާޓީގެ މެންބަރުން ބޮޑު ތުހުމަތެއް ކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ހިމެނޭ ބައެއް މެންބަރުން ވަނީ ޔުމްނާ މައުމޫން، ރައީސް އަބްދުﷲ ޔާމީނާއެކު ސިއްރު ޑީލަކަށް ވަޑައިގަންނަވާފައިވާ ކަމަށް ބުނެފަ އެވެ.

އެ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައްޔިތުން ގުރުބާންކޮށްފައި ރައީސް މައުމޫނާއި ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް މިނިވަން ކުރުމަށް ރައީސް ޔާމީނާއެކު ޑީލް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ޔުމްނާ ވިސްނަވާ 400،000 މީހުން ގުރުބާން ކޮށްލާފަ ބައްޕާފުޅާއި ފިރިކަލުން ސަލާމަތް ކުރަން އަންޑަ ގްރައުންޑް ޑީލް ހެދުމުގެ ބޭނުމެއް ކޮބާ؟" ގާސިމް އިބްރާހިމާއި އަލީ ވަހީދު ޓެގް ކުރައްވައި ސައީދު ކުރި ޓްވީޓްގައި ބުންޏެވެ.

ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ޝާހިދު ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނެފައިވާ 12 މެންބަރުންގެ ގޮނޑި ގެއްލުވާލަން ޑީލް ހަދައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެތޯ އޭނާ ޔުމްނާ ސުވާލު ކުރައްވާފައިވެ އެވެ. އަދި އެ ޑީލްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނޭ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

އެ ޕާޓީގެ ޗީފް ސްޕޯކްޕާސަން އަލީ ސޯލިހު ވެސް ވަނީ މޭރަމުން ޓްވީޓް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، މޫސުން ގޯސްވެ އޮޑި ހަލުވާލީމަ ވާނުވާ ނޭނގުނު ކަމަށާއި ޖަލުގައި ލޯބިވާ ބައްޕާފުޅު އޮންނެވި ނަމަވެސް ހެޔޮ ކަމަށެވެ. ގާސިމް އިބްރާހިމް އެއްޗެއް ވިދާޅުވީމަ ގޯސްވާ ކަމަށާއި ނަމަވެސް "ރަންރީނދޫ" އޯކޭ ކަމަށް ޔުމްނާއަށް އަމާޒު ކުރައްވާ އަލީ ސޯލިހު ވިދާޅުވެފައިވެ އެވެ.

އަލީ ސޯލިހުގެ ޓްވީޓް

ޖުމްހޫރީ ޕާޓީގެ މެންބަރުން ޑީލެއްގެ ތުހުމަތު ޔުމްނާއަށް ކުރާއިރު ސިޔާސީ ހަރަކާތްތަކުން ޔުމްނާ ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. ސިޔާސީ ކަންކަމާ ގުޅޭ ގޮތުން މިހާރު ޓްވީޓް ކުރައްވާ މިންވަރު ވެސް މަދެވެ.

އިދިކޮޅު ސިޔާސީ ހަރަކާތުގައި ވަރަށް އިސްކޮށް އުޅުއްވި ޔުމްނާގެ ބައްޕާފުޅަށް މިފަހުން ޖަލު ހުކުމެއް ކޮށްފައިވާއިރު ފިރިކަލުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އަދި ރޭ ވަނީ ޔުމްނާގެ ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫނަށް ވެސް ޖަލު ހުކުމެއް ކޮށްފަ އެވެ.