ހަބަރު

ޖޭޕީގެ ލީޑަރުގެ މަސްއޫލިއްޔަތު ހުސެއިން ރަޝީދާ ހަވާލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު އެ ޕާޓީގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ ހަވާލުކުރުމަށް ޕާޓީގެ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.

އެ ޕާޓީގައި ޖުމްލަ ހަތަރު ނައިބު ލީޑަރުން ތިއްބަވާއިރު ބާރުތައް ލިބޭނީ ޕާޓީގެ ކައުންސިލުން ހޮވާ ނައިބު ލީޑަރަކަށް ކަމަށް ފާސްކޮށްފައިވަނީ މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ޕާޓީގެ ކޮންގްރެސްގަ އެވެ.

އަސާސީ ގަވައިދަށް ގެނައި އިސްލާހުގެ ތެރޭގައި ލީޑަރުގެ މަގާމު ހުސްވެއްޖެނަމަ ނުވަތަ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާ ހާލަތްތަކުގައި ލީޑަރުގެ މަސްއޫލިއްޔަތާއި ޒިންމާތައް އުފުލާނީ ކައުންސިލުން ހޮވާ ނައިބު ލީޑަރެކެވެ. އެގޮތަށް އިސްލާހު ގެނައީ ނައިބު ލީޑަރުންނަކީ ލީޑަރުން އަންގަވާ ގޮތަށް ކަންތައް ކުރައްވަންޖެހޭ ބަޔަކަށްވާތީ ލީޑަރެއް ނެތް ހާލަތުގައި ޕާޓީގެ ސިޔާސީ މަސައްކަތަށް ހުސްކަމެއް އަތުވެދާނެތީ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ގާސިމް އިބްރާހިމް ދޫކޮށްލައްވާފައިވާއިރު އެ މަގާމަށް މީހަކު އައްޔަންކުރުން ގާސިމަށް ކޮށްފައިވާ ޖަލު ހުކުމާމެދު ސްޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ވަނީ ފަސްކޮށްފަ އެވެ.

ލީޑަރުގެ މަސްއޫލިއްޔަތުތައް ހަވާޅުކުރުމަށް ހަތަރު ނައިބު ލީޑަރުންގެ ތެރެއިން ހުސެއިން ރަޝީދުގެ ނަން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހުށަހެޅީ ކައުންސިލް މެންބަރު އަހުމަދު ރަމީޒެވެ. އޭނާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އަދި ކައުންސިލަށް އެންމެ ގިނަ ވޯޓާއެކު ހޮވިވަޑައިގަތް އައިޝަތު ނަހުލާ، އައިޝާ އެވެ.

މިވަގުތު ޕާޓީގެ އެންމެ އިސް މަގާމަށް ހުސެއިން ރަޝީދު އައްޔަންކުރަން ކައުންސިލްގެ މިރޭގެ ބައްދަލުވުމަށް ވަޑައިގެން 37 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓު ދެއްވި އެވެ. ހުސެއިން ރަޝީދަކީ ގާސިމް އިބްރާހިމްއާ ގާތް ގުޅުމެއް އޮންނަ އިތުބާރު ކުރައްވާ ބޭފުޅެކެވެ.

އޭނާ ދެވަނަ ދައުރަކަށް ނައިބު ލީޑަރަކަށް އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވެސް ހޮވިވަޑައިގެންނެވީ ބޮޑު ތާއިދަކާއެކު އެވެ.

ޖުމްހޫރީ ޕާޓީގައި ދެން ނައިބު ލީޑަރުންގެ ގޮތުގައި ތިއްބަވަނީ މީގެކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީނާއި އަމީން އިބްރާހީމާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒެވެ.

ޕާޓީގެ އެންމެ މަސްއޫލިއްޔަތުތައް ބޮޑު ބޭފުޅަކަށް ހުސެއިން ރަޝީދު ވެވަޑައިގެންނެވިއިރު ޕާޓީގެ އިދާރީ ހިންގުމުގެ ވެރިޔަކީ ޕާޓީގެ ރައީސް ކަމަށް މިފަހުން ހޮވިވަޑައިގެންނެވި އަލީ ވަހީދެވެ.