ހަބަރު

ނަޝީދުގެ ނިންމެވުމަކީ ރައްޔިތުންނަށް ކުރެއްވި ސޮދަގާތެއް: ޖޭޕީ

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމަކީ ރައްޔިތުންނަށް އެމަނިކުފާނު ކުރެއްވި ސޮދަގާތެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު އަދާކުރައްވާ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ރަޝީދު ވިދާޅުވީ، މިހާރު ކުރެވޭ އުއްމީދަކީ ޕާޓީތައް ގުޅިގެން ކެންޑިޑޭޓަކާއި ރަނިން މޭޓަކާއެކު ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ރައީސް ނަޝީދު ނިންމެވިއިރު އެމަނިކުފާނު ވަކިން ކެމްޕެއިން ކުރައްވާތީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން އެކަމާ ތިއްބެވީ ނުރުހުންވެފަ އެވެ. ބައެއް ބޭފުޅުން ރައީސް ނަޝީދަށް ފާޅުގައި ފާޑުވިދާޅުވެފައިވެ އެވެ. ގާސިމް އިބްރާހިމް އެމްޑީޕީ ނުހިމަނައި ހިޔަނި ކެބިނެޓް ވެސް އިއުލާން ކުރެއްވި އެވެ.

ރައީސް ނަޝީދުގެ ނިންމުމާއެކު އިދިކޮޅު ފަރާތްތަކުގެ ތައުރީފް އެމަނިކުފާނަށް އަމާޒުވެފައިވާއިރު އިދިކޮޅު އެއް ކެންޑިޑޭޓެއްގެ އުއްމީދު އަނެއްކާވެސް ވަނީ އާވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ނަޝީދު އިއުލާން ކުރެއްވީ ޖޮއިިންޓް ޕީޖީ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.

ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަނީ، އެ މަނިކުފާނު އެގޮތަށް ނިންމެވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ނުދެއްވުމަށެވެ. ނަޝީދު ވިދާޅުވީ، އެކަން އެމްޑީޕީގެ މެންބަރުންނާ ރަސްމީކޮށް ހިއްސާ ކުރައްވާނީ މާދަމާ އއ. އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.

އަޑުފެތުރުފައިވާ ގޮތުގައި، ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ފަހު ދެން ރިޔާސީ ޓިކެޓް ހަވާލު ކުރާނީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށެވެ.