ހަބަރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް، ޖޭޕީއިން ރަނިންމޭޓަކަށް އެއްބަސްވެއްޖެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް އިދިކޮޅު އެއް ކެންޑިޑޭޓްގެ ގޮތުގައި ނެރެން އިދިކޮޅު ޕާޓީތަކުން މިރޭ އެއްބަސްވެއްޖެ އެވެ. ޖޭޕީއިން ރަނިންމޭޓަކަށް ނެރެ ވެސް ވަނީ އެއްބަސްވެފަ އެވެ.

މިކަން ހާމަކޮށް ގުޅިފައިވާ ޕާޓީތަކުން މިރޭ 12:15 ހާއިރު ނެރުނު ނޫސްބަޔާނުގައި ބުނީ، ދައުލަތް ހިންގުމުގެ ދުސްތޫރީ ނިޒާމް ފުނޑުފުނޑުކޮށް ގާނޫނުތަކާއި ގަވައިދުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރައްޔިތުންނަށް އަނިޔާވެރިވެ ރާއްޖޭއަށް ތައާރަފްކުރި ޑިމޮކްރަޓިކް ނިޒާމް ވެއްޔާއި މޮޑެލާ އިންސާނީ ކަރާމާތާއި އިންސާނީ ހައްގުތައް ނިގުޅައިގަނެ އަދުގެ ސަރުކާރުން ކުރަމުންދާ ހުދުމުތާރު އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސް ގުޅިފައިވާ ޕާޓީތަކުން ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތައް ތަމްސީލް ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަކު ނެރެ އިންތިހާބު ކާމިޔާބުކުރުމަށް އެކުގައި މަސައްކަތް ކުރަން ނިންމައިފި ކަމަށެވެ.

މި ބަޔާން ނެރެފައިވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުންނެވެ.

ބަޔާން ނެރުމާއެކު ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ކޯލިޝަންގެ ސިންގަލް ކެންޑިޑޭޓަކީ ރައްޔިތުން އެދޭ ބަދަލު ކަމަށެވެ. ޖުމްހޫރީ ޕާޓީ އެ މަގުން ދިޔުމަކީ ރައްޔިތުންގެ އެދުން ކަމަށެވެ.

"ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ގައުމުގެ ސަލާމަތްކަން އޮތް ގޮތަށް އަނިޔާވެރިކަމުން ސަލާމަތް ކުރުމުގައި ދީނާ ހިލާފު ނޫން އދ އަދި އީޔޫގެ ނިންމެވުންތަކާއެކު،" ގާސިމް ވިދާޅުވި އެވެ.

މީގެކުރިން ޖުމްހޫރީ ޕާޓީން ވެސް ބުނަމުން ދިޔައީ މިފަހަރު ވެރިކަމަށް އައުމަށް އެންމެ ރަނގަޅީ އެ ޕާޓީ ކަމަށާއި މިއީ އެ ޕާޓީގެ ފަހަރު ކަމަށެވެ. ނަމަވެސް މިރޭ އެ ވިސްނުން ދޫކޮށް އެމްޑީޕީގެ ކެންޑިޑޭޓެއް އިދިކޮޅުގެ އެއް ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން ޖުމްހޫރީ ޕާޓީން އެއްބަސްވެފައިމިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަހަތަށް ފިޔަވަޅެއް އަޅުވައި އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިއުލާން ކުރައްވާފައިވަނިކޮށެވެ.

އެމްޑީޕީގެ ޓިކެޓް ދޫކޮށްލެއްވުމަށް ރައީސް ނަޝީދު ނިންމެވީ ރައްޔިތުންގެ ކަންބޮޑުވުންތައް ދުރުކޮށްދެއްވުމަށް ކަމަށް ވިދާޅުވެ އެވެ. ޓިކެޓް ދެން ލިބޭނެ ކަމަށް ބެލެވެނީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށެވެ. އިބޫއަކީ އިދިކޮޅު ހުރިހާ ޕާޓީތަކެއް އެކުގައި އެކަތިގަނޑެއްގެ ގޮތުގައި ބޭއްވި ލީޑަރެވެ. އިބޫއަށް ޕާޓީތަކުން ހާއްސަ އިހްތިރާމެއް ކުރެ އެވެ.

އެއް ކެންޑިޑޭޓަކަށް އިދިކޮޅު ހުރިހާ ޕާޓީތަކަކުން އެއްބަސް މިރޭ ވެފައިވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކަކަށްފަހު އެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި ފާޅުގައި ބަހުގެ ހަމަލާތައް ކެންޑިޑޭޓްގެ މައްސަލާގައި ބަދަލުކޮށްފައިވެ އެވެ. އޭގެ ސަބަބުން އެއް ކެންޑިޑޭޓެއްގެ އުއްމީދު ގެއްލި ޕާޓީތައް ވަކިން ވާދަކުރުމުގެ ވިސްނުމާ ހަމައަށް ވެސް ދިޔަ އެވެ.