ހަބަރު

ބީއެމްއެލް މޮބައިލް ޕޭއިން މިހާރު ބޭރަށް ފައިސާ ފޮނުވޭނެ

ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭ ގޮތް ތައާރަފުކޮށްފި އެވެ.

މިއަދު ތައާރަފުކުރި މި ހިދުމަތް ލޯންޗް ކުރަން ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކް ގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ، އެޕް ބޭނުންކޮށްގެން މަނީ ޓްރާންސްފާ ކުރުމުގެ ހިދުމަތާއެކު އެތައް ހާސް ބަޔަކަށް މީގެ ފައިދާ ކުރާނެ ކަމަށެވެ.

ހާއްސަކޮށް ބޭރު ގައުމުތަކުގައި ކިޔަވަންތިބޭ މީހުންނާއި ބިދޭސީންނާއި އެކި ބޭނުންތަކަށް ގައުމުން ބޭރަށް ދާ މީހުންނަށް މި ހިދުމަތުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ގޭގަ ހުރެގެންވެސް ދަރިފުޅުގެ ޔުނިވާސިޓީ ފީ ދެއްކުމަށާއި ބޭރުގައި ބޭސް ފަރުވާ ކުރުމަށް ދާ ހަރަދުތަކަށް ފައިސާ ދެއްކޭނެ.
މުހައްމަދު ޝަރީފް | ޑައިރެކްޓާ އޮފް އޮޕަރޭޝަންސް

މި ހިދުމަތާއެކު މިއަދުން ފެށިގެން ދުވާލެއްގެ މައްޗަށް 3000 ޑޮލަރާ ހަމަޔަށް ބޭރުގެ 23 ގައުމަކަށް ފައިސާ ފޮނުވޭނެ އެވެ. ޓްރާންސެކްޝަން ފީ ފަށާ އަދަދަކީ ފަސް ޑޮލަރެވެ. އިންޓަނޭޝަނަލް ޓްރާންސްފާ އިން ބޭރުގެ ކޭޝް އެޖެންޓަކަށް، ބޭންކް އެކައުންޓަކަށް ނުވަތަ މި ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގައި ބޭނުން ކުރެވޭ ޑިޖިޓަލް ވޮލެޓަކަށްވެސް ފައިސާ ފޮނުވިދާނެ އެވެ.

ޝަރީފް ވިދާޅުވީ، ބީއެމްއެލް މަނީ ޓްރާންސްފާ އަގު ފަސް ޑޮލަރުން ފަށާއިރު މި އަގަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އެންމެ ހެޔޮ އަގު ކަމަށެވެ. އަދި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސް ކުރުމަށް ނަގާ ވަގުތަށްވުރެ އަވަހަށް އެޕުން ފައިސާ ފޮނުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.