ހަބަރު

ފްލެޓްތަކުން ކުލި ނުނަގާ އަހަރުތަކެއް، ދައްކަން އެންގީ ކުއްލިއަކަށް

މީގެ އެތައް އަހަރުތަކެއް ކުރިން މާލެ އާއި ވިލިމާލޭގައި ބިނާކުރި ސޯޝަލް ހައުންސިން ފްލެޓްތަކުން ކުލި ނުނަގާތާ އެތައް މަހެއްވެފައިވާކަން ހާމަވެއްޖެ އެވެ. އެއީ އެ ފްލެޓްތައް ބެހެއްޓުމަށް ހަވާލުކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށް ސަރުކާރުން މިއަދު ބުންޏެވެ.

މާލޭގައި ހުރި ސިނަ މާލެ 1،2،3 އާއި މާލޭ ހިޔާ 1،2 އަދި ވިލިމާލެގައި ހުރި ސިނަމާލެ 4 މާލޭ ސިޓީ ކައުންސިލަށް ހަވާލުކޮށްފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެ ފްލެޓްތަކާ ގުޅޭ ގޮތުން ފްލެޓްތަކުގެ އުޅޭ މީހުންނާއި ކައުންސިލުން މީގެކުރިން އެތައް ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެ އެވެ. މިއަދު ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވަނީ އެ ހަ އިމާރާތް ވެސް ހައުންސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާށެވެ.

އެގޮތަށް ރައީސް ނިންމެވީ ކެބިނެޓްގެ މަޝްވަރާގެ މަތިންނެވެ. ރައީސްއަށް އެ ކަންބޮޑުވުން ކެބިނެޓުން ހިއްސާކުރެއްވީ މިދިޔަ ހަފުތާގެ ތެރޭގައި އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނަށް މިނިސްޓަރުން އެ ފްލެޓްތަކަށް ވަޑައިގެންނެވުމަށްފަހު އެވެ. ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މިނިސްޓަރުން ބައްދަލުކުރިއިރު ގިނަ އާއިލާތަކަކުން ސިޓީ ކައުންސިލުން މީގެ ތިން ވަރަކަށް މަސް ކުރިން ފޮނުވާފައިވާ ސިޓީއެއް ވަނީ މިނިސްޓަރުންނަށް ދައްކާފަ އެވެ.

އެ ސިޓީއާ ގުޅިގެން މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ސިޓީގައި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އަންގާފައިވަނީ އެ ދުވަހާ ހަމައަށް ނުދައްކާވާ ކުލީގެ ފައިސާތައް ޖޫރިމަނާއާ އެއްކޮށް ތިން މަސް ތެރޭގައި ދައްކަން ކަމަށެވެ.

"މިކަން އަޅުގަނޑުމެން ބެލިބެލުމުން ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ފްލެޓްތަކުން ކުލި ހޯދުމުގައި ސިޓީ ކައުންސިލުން އަޅާލާފައިނުވާތާ، ކުލި ދެއްކުމަކަށް އެއްވެސް ވަރަކަށް ބާރު އަޅާފައެއް ނެތް، ކުލި ކަލެކްޓް ކުރުމަށް އެއްވެސް ހަރުދަނާ ނިޒާމެއް، އެހެންކަމުން އެކި ފަރާތްތަކުން އެކި ސަބަބުތަކާހުރެ ކުލި ދެއްކުމުގައި އެތައް އަހަރުތަކެއް ބައެއް ފަރާތްތަކުން ހޭދަވެގެން ގޮސްފައިވޭ،ގިނަ އަހަރުތަކެއް ވަންދެން ކުލި ނެގުމުގެ ކަންކަން ކުރިއަށް ނުގެންގޮސް އޮވެފަ ކުއްލިއަކަށް އެ ހުރިހާ ދުވަހެއްގެ ކުލި ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން އެންގުމުން ވަރަށް ގިނަ ރައްޔިތުން އިތުރު ހާސް ކަމެއް އިތުރު ކަންބޮޑުވުމެއްގެ ތެރެއަށް މިދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓްތަކުގެ މީހުންގެ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓިގެން ދިޔައީ، ވަރަށް ނިކަމެތި ހާލުގަ އެ ތަންތަން ހުއްޓާ ކުލި ދެއްކުމުގައި ވެސް ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރައެއް ކައުންސިލުން މި ދިނީ
ހައުސިން މިނިސްޓަރު މުއިއްޒު

މިނިސްޓަރު ވިދާޅުވީ، އެ ތަންތަނަކީ ކުލީގެ ގޮތުގައި މަހަކު ވަރަށް ކުޑަ މިންވަރެއް ދައްކަންޖެހޭ ތަންތަން ކަމަށާއި އެހެން ނަމަވެސް އެކަންކަން ކައުންސިލުން ގަވައިދުން ކޮށްފައި ނެތުމުން ބައެއް މީހުންނަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދައްކަން ކުއްލިއަކަށް ޖެހިފައިވާ ކަމަށެވެ.

ފްލެޓްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު ސިޓީ ކައުންސިލުން ކުލިތައް އެއް ފަހަރާ ދެއްކުމަށް އަންގާފައިވާ އެންގުން ބާތިލްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ބޮޑެތި އަދަދުތައް މަހުން މަހަށް ބަހާލައިގެން ލުއި ގޮތްތަކަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުލި ދެއްކުމުގެ ކަންކަމާއި ކުލި ނުނަގާވާ ކަމުގެ މައުލޫމާތެއް މީގެކުރިން ލިބިފައިނުވާ ކަމަށާއި އެއް ފަހަރާ ކުލި ދެއްކުމަށް ކައުންސިލުން އަންގާފައިވަނީ ވެސް އެއްވެސް ވަރެއްގެ މަޝްވަރާއެއް ނެތި ކަމަށެވެ.

ހުރިހާ ކަމެއްގެ ޒިންމާ ކައުންސިލްގެ ބޮލަށް

މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ މިހާރުގެ ހާލަތު އެހެން އޮތީ ސިޓީ ކައުންސިލްގެ ބޮޑު އިހުމާލެއްގެ ސަބަބުން ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލަށް ދިން ބާރުގެ ނާޖައިޒު ގޮތުގައި ހިފައި ކައުންސިލުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ސަރުކާރުން އެއްވެސް ގޮތަކަށް ދޭނެ ފުރުސަތެއް ނޫން ކަމަށެވެ.

"ރައްޔިތުންނަށް ނަހަމަ ގޮތެއްގައި އަނިޔާކުރުމަކަށް، ނަހަމަ ގޮތެއްގައި މަޖުބޫރުކުރުމެއް ކަންބޮޑުވާނެ ގޮތްތަކެއް ހެދުމުގެ ފުރުސަތެއް ސަރުކާރަކުން ނުދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ފްލެޓްތަކުގެ މިހާރުގެ ހާލަތާމެދު ވަރަށް ކަންބޮޑުވެވަޑައިގެން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އެ ފްލެޓްތަކަށް ޒިޔާރަތް ކުރެއްވުމުން އެ ފްލެޓްތަކުގެ ނިކަމެތި ހާލު ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ. ފްލެޓްގެ މެއިންޓަނެންސް ގަވައިދު ބަލަހައްޓަމުން ނުދާއިރު ސެކިއުރިޓީ ވެސް ބަލަހައްޓަމުން ނުދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެކުރިން ވެސް މިނިސްޓަރަށް އެފަދަ ގިނަ ޝަކުވާތަކެއް ލިބޭ ކަމަށާއި ނަމަވެސް އެއީ ކައުންސިލާ ހަވާލުކޮށް ބަޖެޓާއި މުވައްޒަފުން ހަމަޖައްސާފައިވާ ކަމެއް ކަމުން ލާމަރުކަޒީ ނިޒާމް ތެރެއިން ކައުންސިލަށް ފުރުސަތައް ރައީސް ދެއްވީ ކަމަށެވެ. ކަންކަން ރަނގަޅު ކުރުމަށް ކައުންސިލަށް އަންގައި ފުރުސަތުތައް ދިން ކަމަށެވެ. އެކަމަކު ލިބޭ ޝަކުވާތަކާ ގުޅިގެން މީގެކުރިން މިނިސްޓްރީއިން އިސް ނަގައިގެން ފްލެޓްތަކުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ފްލެޓްތަކުގެ ލިފްޓް ބަދަލުކުރުމާއި ފެން ތާނގިތަކަކާއި ފުރާޅު ސާފުކުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ފެން ތާނގިތައް ސާފުކުރީ ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށެވެ. އަދި ލިފްޓްތައް ހަލާކުވެފައިވާ ކަމުގެ ޝަކުވާ ކައުންސިލުން އެތައް ފަހަރަކު މިނިސްޓްރީއަށް ކުރި އެވެ. އެކަންކަން ކުރުމަށް ކައުންސިލްގައި ބަޖެޓް ނުހުންނަކަން ކައުންސިލުން ތަކުރާރުކޮށް ފާހަގަކުރަމުން ދިޔަ އެވެ.

ނަމަވެސް މިއަދު މިނިސްޓަރު މުއިއްޒު ވިދާޅުވީ، ކައުންސިލުން އެދޭ ބަޖެޓް ކޮންމެ އަހަރަކު ވެސް ދޭ ކަމަށާއި އެ ކައުންސިލުން ފްލެޓްތައް މެއިންޓެއިން ކުރަން ހަވާލުކޮށްފައިވާ ކުންފުންޏަށް ހެޔޮ އަގުގައި ފްލެޓްތަކުން ޖާގަތައް ކުއްޔަށް ދީފައިވާ ކަމަށެވެ. އެހެން ކަމަށްވާއިރު ފްލެޓްގެ ކަންކަން ކައުންސިލަށް ނުބެހެއްޓެންވީ ސަބަބެއް ނެތްކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މީގަ އެއްވެސް އިހުމާލެއްވެފަ ނެތް، ރައްޔިތުންނާ ގުޅޭ ކަމެއްވީމަ މީގެކުރިން ވެސް އަޅުގަނޑުމެން ވާނީ އޭގެ ތެރެއަށް ވަދެގެން ކަންތައްތަކެއް ކޮށްދީފަ، އެކަމަކު ދެން އަޅުގަނޑުމެން ކައުންސިލަށް އިތުރު ފުރުސަތެއް ދޭން ބޭނުމެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކައުންސިލަށް މަޝްވަރާއަށް ވެސް ދަންނަވަން، އެކަމަކު އެ ބޭފުޅުން އެ ފުރުސަތެއް ނުދޭ، އެ ބޭފުޅުން އެ ދައްކާ ވާހަކަތަކުގެ ހަގީގަތް އެބަ ޖެހޭ ހާމަކުރަން، އަޅުގަނޑުމެން ދެންނެވީމަ ވަޑައިނުގަތީ ކީއްވެކަން އެބަ ޖެހޭ ބުނަން، ސިޓީތަކަށް ޖަވާބު ނުދިނީ ކީއްވެގެންތޯ އެބަ ޖެހޭ ހާމަކޮށްދޭން، ބަޖެޓްގެ ބޭނުން ނުކޮށް އެތަންތަން ހަލާކުވާ ދޫކޮށްލި ސަބަބު އެބަ ޖެހޭ ބުނަން،"

ފްލެޓްތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސިޓީ ކައުންސިލްގެ ފަރާތުން އެއްވެސް އިރެއްގައި އެދިފައިނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.