ހަބަރު

ރަނިންމޭޓަކަށް އަލީ ހުސެއިން ރަނގަޅު: އުގެއިލް

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތް މަޖިލިސް މެންބަރު އަލީ ހުސެއިން ރަނގަޅު ކަމަށް ޕްރޮފެސާ ހަސަން އުގެއިލް މިއަދު ވިދާޅުވެއްޖެ އެވެ. އުގެއިލަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އަޑުތައް ފެތުރުނު ބޭފުޅެކެވެ.

އުގެއިލްގެ ތާއިދު އަލީ ހުސެއިނަށް އޮތްކަން ހާމަކުރައްވާފައިމިވަނީ ސޯޝަލް މީޑިއާގައި އަލީ ހުސެއިން ރަނިންމޭޓަކަށް ހެދުމަށް ގޮވާލައި ކެމްޕެއިނެއް ކުރަމުންދަނިކޮށެވެ.

އުގެއިލް މިއަދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި އަލީ ހުސެއިންއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅުން ނެރެން ވަރަށް ގާބިލް ދެ ބޭފުޅުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ އަލީ ހުސެއިނަށް ތާއިދު ކުރައްވާ ޖުމްހޫރީ ޕާޓީގެ ބައެއް އާންމު މެންބަރުންނާއި ބައެއް ވަކީލުންނާއި މަޖިލިސް މެންބަރުން ވެސް ވަނީ ޓްވީޓް ކުރައްވާފަ އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ކޯލިޝަން ކެންޑިޑޭޓްގެ ރަނިން މޭޓެއް ގޮތުގައި ޖުމްހޫރީ ޕާޓީ ރައްޔިތުންނަށް ދައްކަން އެންމެ ރަނގަޅު ބޭފުޅަކީ އަލީ ހުސެއިން ކަމަށެވެ. އޭނާގެ ފުރިހަމަ ތާއިދު އަލީ ހުސެއިންނަށް އެބަ އޮތް ކަމަށެވެ.

ގާނޫނީ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ، އަލީ ހުސެއިނަކީ އެންމެ ރަނގަޅު ބޭފުޅާ ކަމަށާއި އެގޮތަށް ޖުމްހޫރީ ޕާޓީން ނިންމާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިދިކޮޅު ޕާޓީތަކުން އެއްބަސްވެފައިވާ ގޮތުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓެވެ. އަދި ރަނިންމޭޓަކަށް ވާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ.

ޖުމްހޫރީ ޕާޓީން ރަނިންމޭޓްގެ ގޮތުގައި ވަކީލް އަލީ ހުސެއިން ނެރުމަށް ކެމްޕެއިނެއް ކުރަމުންދާއިރު، އެ ޕާޓީގެ ރައީސް އަލީ ވަހީދު ވެސް ވަނީ އެ މަގާމަށް ނަމެއް ކުރިއަށް ގެނެސްފަ އެވެ. އެއީ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ އެވެ. އައިޝާ ސިޔާސީ މައިދާނަށް ނުކުތްތާ އަދިވީ ކުޑަ ދުވަސްކޮޅެކެވެ.

ރަނިންމޭޓާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ޑރ. ހުސެއިން ރަޝީދު ހަސަން އަވަސްއަށް ވިދާޅުވީ، ރަނިންމޭޓަކަށްވުމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިހާރު އެކަން ހާމަކުރައްވަމުން ދިޔަ ނަމަވެސް ޕާޓީގެ ކައުންސިލާ ހަމައަށް އަދި އެއްވެސް ނަމެއް ނާންނަ ކަމަށެވެ. ރަނިންމޭޓެއް ހޮވާނީ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު މަޝްވަރާކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.