ހަބަރު

އިބޫއަށް މަރުހަބާ ވިދާޅުވެ ރައީސް ހާއްސަ ސިޓީއެއް ފޮނުއްވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މަރުހަބާ ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ސިޓީއެއް ފޮނުއްވައިފި އެވެ.

މަރުހަބާގެ ސިޓީ ރައީސް ޔާމީން ފޮނުއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ރައީސް ޔާމީން މިއަދު ބިލެތްފަހީގައި ވާހަކަ ދައްކަވަމުން ވެސް އިބޫއަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އިދިކޮޅު އެމްޑީޕީއިން ކޮންގްރެސްއެއް ބާއްވައި ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ދެއްކުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ޕާޓީގެ ވަކި ބޭފުޅަކަށް އިންތިހާބުގައި ވާދަ ނުކުރެއްވިގެން އޮތް ހޫނުގަނޑާއި އުދާސްގަނޑު ފިލައިގެން ގޮސްފައިވާ ކަމަށެވެ.

"މި ހަމަޖެހުން އެމްޑީޕީއަށް އައިމާ، މުޅި ގައުމުގެ ސުލްހައަށް އެޅިގެން ދާނެ، އިބޫއަށް މަރުހަބާ، ކެމްޕެއިން ކުރަންވީ، ރައްޔިތުންގެ ހަމަޖެހުމާއި އަމާންކަން ގެންނަން، ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަށް ގެއްލުން ނުވާ ގޮތަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިބޫއަށް ސަރުކާރުން ވެސް އިއްޔެ ވަނީ ރަސްމީކޮށް މަރުހަބާ ދަންނަވާފަ އެވެ. އަދި މަޝްވަރާއަށް ދައުވަތު ވެސް ދީފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫއަށް ދޭން ފާސްކުރީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮންގްރެސްގަ އެވެ. އެގޮތަށް ފާސްކުރީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޓިކެޓް ދޫކޮށްލައްވައި، ކެންޑިޑޭޓަކާ ގުޅޭ ގޮތުން ކޮންގްރެސްގައި ގޮތެއް ނިންމެވުމަށް އެދިވަޑައިގަތުމުންނެވެެ.