ހަބަރު

ނުސީދާކޮށް އިބޫއަށް ރައީސް ޔާމީން ފާޑުވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނީ އިމުން ބޭރުން ކުރެއްވި ކަންކަމުގެ ޒިންމާ އެ ވެރިކަމުގެ މިނިސްޓަރުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވެސް އުފުލަން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ އެންމެ އިސް މަޖިލިސް މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނެރުއްވާފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް ވާހަކަފުޅު ދައްކަވާފައިވާއިރު އާންމުކޮށް ފާޑުވިދާޅުވާ ބޭފުޅާގެ ނަން ވިދާޅެއް ނުވެ އެވެ. މިއަދު ވެސް ނަން ވިދާޅުނުވެ ވަނީ ފާޑުވިދާޅުވެފަ އެވެ.

ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ، ރައީސް ނަޝީދަށް ޑިމޮކްރަސީ ކުރިއަރުވައި ގައުމުގައި ވެރިކަން ކުރެއްވުމަށް ލިބިވަޑައިގަތުމުން ސުޕްރީމް ކޯޓުގައި ތަޅު އެޅުއްވި ކަމަށާއި ކޯޓުގެ ގާޒީން ނުހައްގުން ހިފައި ހައްޔަރުކުރި އެވެ. އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖެ ފުރުސަތު އޮތްތޯ ބައްލަވަން އުޅުއްވި ކަމަށެވެ. އޭރު ސަރުކާރުގެ އިސްވެރިންގެ އެ ފަލްސަފާއަށް އަދިވެސް ބަދަލެއް ނާންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭރު ވެސް ތިއްބެވި ބޭފުޅުން މިހާރު ވެސް ތިއްބެވި ބޭފުޅުންނަކީ، އޭރު ވެސް އިސްކޮށް ތިއްބެވި ބޭފުޅުން މިހާރު ވެސް އެ ޕާޓީގައި ބަސް ކިޔަނީ، އެހެންވީމަ އެ ބޭފުޅުންނަށްތޯ ރާއްޖޭގެ ޑިމޮކްރަސީ ހިންގޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޕާޓީގެ ކަންކަން ނިންމަނީ އެންމެ މީހެއް ނޫން ކަމަށާއި ކަމެއް ގޯހަށް ހިނގާނަމަ ޕާޓީގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވާ އިސް ބޭފުޅޫން އެކަންކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

"މީހުން ހިފާ ހައްޔަރު ކުރިިއިރު އެ ޕާޓީގައި ދެން ތިބި މީހުންނަށް އެކަން ހުއްޓުވެން ޖެހޭނެ، ގާނޫނާއި ޝަރީއަތުގެ ބޭރުން ރައްޔިތުންގެ ލާބައަށް ބުރޫއަރާ ފަދަ ކަމެއް ހިންގާނަމަ އެކަން ހުއްޓުވަން ޖެހޭނެ، ނުއަގުގައި އެއާޕޯޓް ކަހަލަ ތަންތަން ވިއްކާލާނަމަ އެކަންކަން ހުއްޓުވަން ޖެހޭނެ، އެއީ ކޮންމެ ޕާޓީއެއްގެ ވެސް ގާނޫނީ ޒިންމާ އުފުލަން ހަވާލުކޮށްފައި ތިބޭ މަންދޫބުން ކުރަން ޖެހޭ ކަންކަން އެއީ، ވަޒީރުން ކުރަންޖެހޭ ކަންކަން އެއީ،" ރައީސް ވިދާޅުވި އެވެ.

"މިއަދު ވިދާޅުވެގެން ނުވާނެ އޭރު ރައީސް ނަޝީދު އެކަންކަން ކުރެއްވިއިރު ތިމަންނަމެން އެކަމާ ދެކޮޅު ހެދީމޭ، އެހެން ނަމަވެސް ކިއެއް ހެއްޔޭ ކުރައްވާނީ އެކަން ކުރެއްވިއްޔޭ، އެހެނެއް ނުވާނެ،"

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ކަންކަން ނިންމަވަނީ މަޖިލިސް މެންބަރުންނާއި މިނިސްޓަރުންގެ ލަފާ ހޯއްދަވާ އެ ބޭފުޅުންގެ ރައުޔަށް ބެއްލެވުމަށްފަހު ކަމަށެވެ. ޕާޓީގެ ބޭފުޅުންނަށް ސަރުކާރުގެ ކަންކަމަށް ބަސް ބުނެވޭނެ ކަމަށެވެ. އެ ބޭފުޅުން ދެއްވާ ރައުޔަކީ ގައުމުގެ މަސްލަހަތަށް ބުރަވާ ރައުޔެއް ކަމަށްވާނަމަ އެ ރައުޔުގައި ހިއްޕަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ކުރައްވާ ކަންކަމުގައި ވެސް ގައުމުގެ މަސްލަހަތަށް ބުރު އަރާނަމަ އެ ބޭފުޅުން [ޕީޕީއެމް މަޖިލިސް މެންބަރުން] އަޑު އުފުލަން ވާނެ،"