ހަބަރު

ޖޭޕީގެ ރަނިންމޭޓެއް ކަނޑައަޅާނީ މި މަހު 10 އެއްގައި

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓެއް ޖުމްހޫރީ ޕާޓީން ކަނޑައަޅާނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް އެ ޕާޓީން ބުނެފި އެވެ. އެކަމަށް އެ ދުވަހު ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އެސްޖީ އަހުމަދު ސަމީރު ވިދާޅުވީ، ޕާޓީގެ ނިންމުންތައް ނިންމަނީ ވަކި ޓައިމް ފްރޭމެއްގެ ތެރެއިން ކަމަށާއި ރަނިންމޭޓެއް ކަނޑައަޅާނީސް އެގޮތުގެ މަތިން ކަމަށެވެ. ރަނިންމޭޓެއް ކަނޑައެޅުމަށް އަދި ލަސްވެފައިނުވާ ކަމަށެވެ.

ސަމީރު ވިދާޅުވީ، އެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޕާޓީގެ ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ ކަމަށާއި ސޯޝަލް މީޑިއާގައި އެމީހަކަށް ތާއީދު ހޯދަން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު އަނެއް މީހާގެ އަބުރު ގެއްލޭފަދަ ވާހަކަތައް ދައްކައިގެން ނުވާނެ ކަމަށެވެ.

ގާސިމްގެ އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ އެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް ބެލެވޭތީ އެކަމާ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާތީ ސަމީރު ވިދާޅުވީ ގާސިމްގެ އަނބިކަނބަލަކަށްވުމުން ޕާޓީގެ ތެރެއިން ހުރި ފުރުސަތުތައް އެކަމަނާއަށް ހަންޏެއް ނުކުރެވޭނެ ކަމަށެވެ. އެހެން މެންބަރުންނަށް އޮންނަ ފުރުސަތެއް ވިއްޔާ އެކަމަނާއަށް ވެސް އޮންނާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ، ރަނިންމޭޓެއް ކަނޑައަޅާނީ ޖުމްހޫރީ ޕާޓީން ކަމަށާއި އެ ބޭފުޅަކީ ކޯލިޝަންގެ އެހެން މެންބަރުން އެންމެ ބޭނުންވާ ބޭފުޅަކަށްވުން މުހިންމު ނޫން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންމޭޓްގެ ރޭހުގައި ޕާޓީގެ ނައިބު ލީޑަރުން ކަމަށްވާ އަބްދުﷲ އަމީނާއި ހުސެއިން ރަޝީދު ހަސަނާއި ކައުންސިލް މެންބަރު އަދި ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އަދި މަޖިލިސް މެންބަރުން ކަމަށްވާ އަލީ ހުސެއިނާއި ފައިސަލް ނަސީމް ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ސޯޝަލް މީޑިއާގައި ރަނިންމޭޓްގެ ރޭހުގެ އެންމެ ކުރީގައި އުޅުއްވަނީ އަލީ ހުސެއިނެވެ. އޭނާއަށް ގިނަ ބަޔަކު ތާއިދު ކުރައްވަމުންދާއިރު މިނިވަން ބޭފުޅުން ވެސް އެ ބޭފުޅުންގެ ތާއިދު އަލީ ހުސެއިނަށް ދަނީ ދައްކަވަމުންނެވެ. ދެން އެންމެ ކުރީގައި އުޅުއްވަނީ ގާސިމްގެ އަނބިކަނބަލުން އައިޝާ އެވެ.

ރަނިންމޭޓަކަށް ވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އައިޝާ އެވެ. އެއީ އައިޝާއަށް ތާއީދު ކުރައްވާ މީހުން ކޮށްފައިވާ ޓްވީޓްތައް ގާސިމް ރީޓްވީޓް ކުރައްވާތީ އެވެ. ހަގީގަތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ގާސިމް ދޫކޮށްލައްވާފައިވީ ނަމަވެސް އެ ޕާޓީގައި ކަންކަން ހިނގާނީ ގާސިމްގެ ތާއީދު އޮންނަ ގޮތަށްކަން ކަމެވެ.