މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ދިވެހި ފިލްމަކަށް ވާނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އެވެ. މި ފިލްމަކީ ބޮޑު ސުކްރީނުގެ ކުރިމަތިން ނިއުމާ ފެންނާނެ އެންމެ ފަހު ފިލްމެވެ. ފިލްމު ޝޫޓިންވެސް މިހާރު އޮތީ ނިމުމާއި ގާތުގަ އެވެ.
ނިއުމާއާއެކު މި ފިލްމުގައި ލީޑުން ފެނިގެންދާ ކުޅަދާނަ އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ މިއީ މިހާތަނަށް އޭނާއަށް ކުރެވުނު އެންމެ ބުރަ މަސައްކަތް ކަމަށެވެ. މި ފިލްމުގައި މީގެ ކުރިން އޭނާގެ ފަރާތުން ނުފެންނަފަދަ މޮޅު އެކްޓިންއެއް އަނެއްކާވެސް ފެނިގެންދާނެ ކަމަށެވެ.
"ކޮންމެ ޝޮޓެއްވެސް ނިއުމާއި މޫމިން ހިތްހަމަޖެހޭގޮތަށް ހަމަ އެންމެ ފުރިހަމައަށް ނަގާފައި ވާނީ. ނިއުމާގެ ފަހު ފިލްމަށް ވީމަ ނިއުމާ އެންމެ ހިތްހަމަޖެހޭނެ ގޮތަށް މި ފިލްމަކީ ވަރަށް މޮޅު ފިލްމަކަށް ހެދުމަށް އަޅުގަނޑުވެސް އަަދި ފިލްމުގައި މަސައްކަތްކުރާ އިތުރު ތަރިންވެސް މި އަންނަނީ ވަރަށް ބުރަ މަސައްކަތްކުރަމުން." މޫމިން ފުއާދު ލިޔެ ޑައިރެކްޓުކުރާ މި ފިލްމުގެ މަސައްކަތްތަކާއި ބެހޭގޮތުން ޔޫއްޕެ ބުންޏެވެ.
"މި ފިލްމަކީ އަޅުގަނޑަށްވެސް ލިބުނު ވަރަށް ތަފާތު އެކްސްޕީރިއެންސްއަކަށް ވީ. ނިއުމާއާއެކު މިހާ ބޮޑު މަސައްކަތެއް ކޮށްލަން ލިބުނު ދެ ވަނަ ފަހަރު ކަންނޭނގެ މިއީ. މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށްވާނެ. ނިއުމާ އާއި ޓީމުގެ ވަރަށް ބުރަ މަސައްކަތް މިއީ."
"ނިވައިރޯޅި" ގެ ޝޫޓިންތައް މިހާރު ކުރިއަށްދަނީ ރ.އިނގުރައިދޫގަ އެވެ. އެ ރަށުގައި އިންޑޯ މަންޒަރުތައް ނަގަމުންދާއިރު މިހާރު ވަނީ ގާތްގަނޑަށް ބޮޑުބައި ޝޫޓުކޮށް ނިމިފަ އެވެ.
"މިހާރު ވަރަށް ބޮޑުބައި ޝޫޓުކޮށް ނިމިއްޖެ. ކާސްޓުގައި ހިމެނޭ ބައެއް ތަރިންގެ ޝޫޓިންތައް އެއްކޮށް ނިމި މިހާރު މާލެވެސް ގޮސްފި. ބާކީ ތިބި ކާސްޓުންނާއެކު ނަގަންޖެހޭ މަންޒަރުތަކާއެކު މިކޮޅުގައި ނަގަންޖެހޭ ހުރިހާ މަންޒަރެއް ނަގާ ނިމޭނެ އަންނަ ހޮނިހިރުގަ." ނިއުމާ ބުންޏެވެ.
ނިއުމާ ބުނީ އިންޑޯ މަންޒަރުތައް ނަގާއި ނިމުމާއެކު ދެން އޮންނާނީ އައުޓްޑޯގައި ނަގަން ޖެހޭ މަންޒަރުތައް ކަމަށެވެ. މާލޭގައި ނަގަން ހަމަޖެހިފައިވާ އެ މަންޒަރުތަަކަށް ފަސް ދުވަސް ހޭދަވާނެ އެވެ. މީގެ އިތުރުން މާލެ އައުމުގެ ކުރިން، އަންނަ އާދިއްތަ ދުވަހު ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުގައި ނަގަންޖެހޭ ކުޑަ މަންޒަރެއްވެސް ނަގާނެ ކަމަށް ނިއުމާ ބުންޏެވެ.
މި ފިލްމު ރިލީޒްކުރާ ތާރީހު މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ކުރިން ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ އަންނަ އޮކްޓޯބަރު މަހު ނިއުމާގެ އުފަންދުވަހު އެވެ. ނިއުމާ ބުނީ އަންނަ އަހަރު މާޗު މަހުގެ ތެރޭގައި ފިލްމު ބެލުންތެރިންނާ ހަމަށް ގެނެސްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އިންތިހާބު ދުވަސްވަރު ވީމާ ފިލްމު ފަސްކުރަންޖެހުނީ. އެއަށްވުރެންވެސް ބޮޑު މި ފިލްމަކީ އަޅުގަނޑުގެ ފަހު ފިލްމަށްވީމަ ބޭނުންވާނީ ބެލުންތެރިންނަށް ކަމުދާނެ ޕާފެކްޓް އެއްޗެއް ގެނެސްދޭން. މި ފިލްމު ބަލާފައި ބެލުންތެރިން ޑިސެޕޮއިންޓެއް ނުވާނެ. ވަރަށް ބުރަ އަދި ގިނަ މަސައްކަތްތަކެއް މިއީ."
ނިއުމާއާއި ޔޫއްޕެގެ އިތުރުން މި ފިލްމުގެ ކާސްޓުގައި ފާތިމަތު ޒީނަތު (ޒީތު)، އަމިނަތު ރިޝްފާ، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުހައްމަދު (ނާއްކޮ)، އާމިނަތު ނިފާ ރަޝީދު، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އަދި އަޖްނާޒް އަލީ ހިމެނެ އެވެ.
މަޝްހޫރު މޭކަޕް ބްރޭންޑް "ނޯޓް" ކޮސްމެޓިކްސް އަކީ މި ފިލްމު މޭކަޕް ޕާޓްނާ އެވެ.