ކޯޓުތަކުގެ ހިނގާ ޝަރީއަތްތަކާ ގުޅޭ ގޮތުން ހަބަރުތައް ޝާއިއުކުރާ ނޫސްވެރިޔާ ކުށްވެރިވާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ގޫނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގައި އެ ގާނޫނުގެ 510 ވަނަ މާއްދާ ކަމަށްވާ ކޯޓުގެ ހުރުމަތް ކެނޑުމުގެ މާއްދާއަށް ބޮޑު އިސްލާހެއް ގެންނަން ވަނީ ހިމަނާފަ އެވެ. އެގޮތުން ކޯޓުތަކުގެ ހަބަރުތައް ޝާއިއުކުރާ ނޫސްވެރިޔާ ކުށްވެރި ކުރެވޭނެ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
އިސްލާހުގައިވާ ގޮތުން ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މައްސަލަ ނިންމުމުގެ ގާބިލްކަން ކޯޓެއްގައި ނެތްކަން ދެއްކުމަށް ނުވަތަ ކޯޓަކުން ވަކި ކަމެއް ކުރަނީ ރަނގަޅު ނޫން މަގުސަދެއްގައި ކަމަށް ބުނެ ގަސްދުގައި ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ޝާއިއުކުރުން ނުވަތަ އެ ނޫން އެއްވެސް އަމަލެއް ހިންގުމަކީ ކުށެކެވެ.
ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒުފޯރުވުމަށް ގަސްދުގައި ގާނޫނާ ހިލާފު އެއްޗެއް ޝާއިއު ކޮށްފިނަމަ އެއީ ވެސް ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
މި މާއްދާ އޮތް ގޮތުން މީގެން ނޫސްވެރިން އިސްތިސްނާވާ ކަމެއް ސާފެއް ނުވެ އެވެ. އަދި ގާނޫނާ ހިލާފު އެއްޗެއް ޝާއިއުކުރުމުގެ ތަފްސީލެއް ނެތެވެ. ކޯޓުތަކުގައި ހިނގާ ކަންކަން ރިޕޯޓްކޮށް ހަބަރު ޝާއިއުކުރުމަކީ ނޫސްވެރިންނަށް ގާނޫނުން ދީފައިވާ ހައްގެކެވެ.
މީގެއިތުރުން ޝަރުއީ ދާއިރާއަށް އާންމުންގެ އޮންނަ އިތުބާރު ގެއްލިދާފަދަ އަމަލެއް ކުރުމަކީ ވެސް ކުށެއް ކަމަށް އިސްލާހުގައިވެ އެވެ. އިތުބާރު ގެއްލޭފަދަ އަމަލުތަކަކުގެ ތަފްސީލެއް ފާހަގަކޮށްފައެއް ނުވެ އެވެ.
ކޯޓުގެ ހުއްދައާ ނުލާ އޯޑިއޯ އަދި ވީޑިއޯ ރެކޯޑް ކުރެވޭ އެއްޗެއް ވެއްދުމަކީ ވެސް ކުށެއް ކަމަށާއި އެފަދަ އެއްޗަކުން ނަގާ ކޯޓުގެ މަންޒަރެއް ނުވަތަ އޯޑިއޯގެ ރެކޯޑިންއެއް ޝާއިއުކުރުމަކީ ވެސް ކުށެއް ކަމަށް އިސްލާހުގައިވެ އެވެ.