ހަބަރު

ކުށްތައް އިތުރުކޮށް، ގާނޫނުލް އުގޫބާތުގެ އަދަބުތައް ބޮޑުކުރަނީ

ސަރުކާރުގެ ފަރާތުން ގާނޫނުލް އުގޫބާތަށް ގިނަ އިސްލާހުތަކެއް ހުށަހަޅައިފި އެވެ. އިސްލާހުތައް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ.

އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުގައި ކުށްތައް އިތުރުކޮށް އަދަބުތައް ބޮޑުކުރަން ވަނީ ހިމަނާފަ އެވެ. ބިލްގެ ފުރަތަމަ ކިޔުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ އިއްވާފަ އެވެ.

އިސްލާހުގައި ވަނީ އަދަބު ދޭ ތާވަލަށް ބޮޑު ބަދަލެއް ގެންނަން ހިމަނާފަ އެވެ. އެގޮތުން ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށަށް މިހާރު ކަނޑައެޅޭ އެންމެ ދަށް މިންވަރު ކަމަށްވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް އެއް އަހަރާއި ހަތަރު މަހަށް ބޮޑުކުރަން ވަނީ ހިމަނާފަ އެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށްތަކަށް މިހާރު ކަނޑައެޅޭ އަސާސީ އަދަބު ކަމަށްވާ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމް ދެ އަހަރަށް ބޮޑުކުރަން ވެސް ވަނީ ނިންމާފަ އެވެ.

ޖިނާއަތުގެ ހަތަރުވަނަ ދަރަޖައަށް މިހާރު އަސާސީ މިންގަނޑުން ދެވޭ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ. އިސްލާހު ކުރަނީ އެ އަދަބު ހަތަރު އަހަރަށް ބޮޑުކުރާށެވެ. ޖިނާއަތުގެ ތިންވަނަ ދަރަޖައަށް އަސާސީ މިންގަނޑުން ދެވޭ އަދަބު ހަ އަހަރަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. މިހާރު އެ ދަރަޖައިގެ ކުށަށްދޭ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ.

ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށަށް މިހާރު އަސާސީ މިންގަނޑުން ހަ އަހަރުގެ ޖަލު ހުކުމެއް ދެވޭއިރު އެ އަދަބު 10 އަހަރަށް ބޮޑުކުރަން ވަނީ ހުށަހަޅާފަ އެވެ. ޖިނާއަތުގެ އެއްވަނަ ކުށަށް އަސާސީ މިންގަނޑުން މިހާރު 10 އަހަރުގެ ޖަލު ހުކުމެއް އިއްވާއިރު އެ އަދަބު 12 އަހަރަށް ބޮޑު ކުރަން ވަނީ ހުށަހަޅާފަ އެވެ.

މިހާރު ގާނޫނުލް އުގޫބާތު އޮންނަ ގޮތުން ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށްތަކަށް ދެވޭ އެންމެ ބޮޑު އަދަބަކީ މަރުގެ އަދަބު ފިޔަވައި 25 އަހަރުގެ ޖަލު ހުކުމެވެ. އިސްލާހުގައި ހިމެނީ 25 އަހަރުގެ ޖަލު ހުކުމާއި އުމުރު ދުވަހުގެ ޖަލު ހުކުމް ވަކިކުރާށެވެ. އުމުރު ދުވަހުގެ ޖަލު ހުކުމަކީ ވެސް 25 އަހަރުގެ ޖަލު ހުކުމެވެ.

އަދަބުތައް ބޮޑުކުރުމުގެ އިތުރުން އިސްލާހުގެ ދެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ އާ ކުށްތަކެކެވެ. އެގޮތުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އަމަލުގެ މުޅިން އާ ބާބެއް ގާނޫނަށް އިތުރުކުރަން އިސްލާހުގައި ހިމަނާފައިވެ އެވެ. އެ ބާބުގައި ހަތް ކުށެއް ވަނީ ހިމަނާފަ އެވެ. އެއީ ދައުލަތަށް ހިޔާނަތްތެރިވުމުގެ ކުށާއި ޖާސޫސް ކުރުމުގެ ކުށާއި ބަޣާވާތް ކުރުމުގެ ކުށާއި ސަރުކާރު ވައްޓާލަން ރޭވުމުގެ ކުށާއި އަސްކަރިއްޔާއާ ދެކޮޅު ހަރަކާތްތައް ހިންގުމުގެ ކުށާއި ކުލީ ސިފައިން ހޯދުމުގެ ހިމަނާފައިވެ އެވެ.

ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވާ މީހަކާ ދައުލަތުގެ މަގާމެއް ދުވަހަކު ވެސް އަދާ ނުކުރެވޭ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެ އެވެ.

އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގުމުގެ ބާބަށް ވެސް އިތުރު ކުށްތަކެއް ހިމާނަފައިވެ އެވެ. އެގޮތުން މިސްކިތް ނޫން ތަންތަނުގައި އާދަވެގެން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ހުކުރު ކުރުމުގެ ހުއްދަ ނެތް މިސްކިތެއްގައި ހުކުރު ނަމާދު ކުރުމާއި ސިހުރު ހެދުމާއި ޖުވާ ކުޅުމަކީ ކުށް ކަމަށް ވަނީ ހިމަނާފަ އެވެ.

ގާނޫނާ ހިލާފަށް ކައިވެނިކުރުމާއި އުފަންވާ ކުދިން ވަގަށް ނެގުމާއި ފޮރުވުމަކީ ވެސް ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ. ގާނޫނުލް އުގޫބާތުގައި ހިމެނޭ ހާއްސަ ގާނޫނުތަކުގެ ތެރެއަށް ޓެރަރިޒަމްގެ ގާނޫނާއި އިންތިހާބީ ކުށްތަކުގެ ބަޔާންކުރާ ގާނޫނު އިތުރުކުރަން ވެސް ބިލްގައި ހިމަނާފައިވެ އެވެ.