ރިޕޯޓް

ހީލީއަށް ތައުރީފު، ބޭންކުގެ ހިއްސާދާރުންގެ ހިތް ފުރުނީ ތަ؟

May 30, 2015

މިދިޔަ އަހަރު ބޭންކުގެ އަހަރީ އާއްމު ޖަލްސާ ފެއްޓެވުމަށް އޭރުގެ ޗެއާމަން، ޑރ. އަބްދު އަބްދުﷲ ޝިހާމް، މުގުރު ޖެއްސެވުމާއެކު ޖަލްސާކުރާ މާލަތް ކެކިގެން ދިޔަ އެވެ. ޝަކުވާތައް އޮހެން ފެށި އެވެ. ހިއްސާދާރުންގެ އެންމެ ބޮޑު ސުވާލަކަށް ވީ، ބޭންކުން ދޫކުރި ލޯނުތަކުގެ "މައްސަލަ" އެވެ. ނަމަވެސް މި އަހަރުގެ އަހަރީ އާއްމު ޖަލްސާ އިން ފެނުނީ އޭގެ އަނެއް ކޮށެވެ. ހިއްސާދާރުގެ މޫނުމަތިން ފެނުނީ އުންމީދެވެ. ހިއްސާދާރުންގެ ފަރާތުން އެހެން ފަހަރުތަކުގައި އިވޭ "ޝަކުވާ ބޮނޑީ" ގެ ބަދަލުގައި އިވުނީ، އެމްޑީ އަދި ސީއީއޯ އެންޑް ރޫ ހީލީއަށް ކިޔަމުން ދިޔަ ސަނާގެ ބަސް ތަކެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ ހިއްސާދާރުންގެ ހިތް ފުރުނީ ހެއްޔެވެ؟

"ބޭންކުގެ ހިދުމަތް ރަނގަޅު ވަމުންދާތަން ވަރަށް ބޮޑަށް އެބަ ފެނޭ. ހާއްސަކޮށް ކަމަކަށް އެދުނީމަ ބޭންކުން ގުޅައިގެން އެކަމެއް ކޮށްދޭން އުޅޭތަން މިހާރު ފެނޭ،" ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދެއްކި ހިއްސާދާރެއް ކަމަށްވާ، ސައުދުއްﷲ ހިލްމީ ވިދާޅުވި އެވެ.

މިދިޔަ އަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް އަހަރެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ހިންގުމުގެ ފައިދާވަނީ އެއް ބިލިއަން ރުފިޔާ ފަހަނަ އަޅާ ގޮސްފަ އެވެ. އަދި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 86.1 މިލިއަން ރުފިޔާ ވަނީ ބަހަން ނިންމާފަ އެވެ. އެއީ ހިއްސާއަކަށް 16ރ. އެވެ. މިއީ ކުރީ އަހަރު ހިއްސާއަކަށް ޖެހުނު 15ރ. އާ ބަލާއިރު ބޮޑު އަދަދެކެވެ. މިއީ ބޭންކުގެ ތާރީހުގައި ވެސް "ރެކޯޑު އަދަދަކަށް" ފައިދާވި އަހަރެއް ކަމަށް ސީއީއޯ ހީލީ ވެސް ފާހަގަ ކުރެއްވި އެވެ.

އިސްލާމީ މަރުކަޒުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުގެ ފަރާތުން ސުވާލުތައް ކުރުމުގެ ބަދަލުގައި އިވުނީ، ކުންފުނީގެ ކުރިމަގަށްޓަކައި ލަފާތައް ދިން ތަނެވެ. މުވައްޒަފުންގެ މުސާރަ ބޮޑު ކުރުން ފަދަ ވާހަކަތައް ދެއްކި ތަނެވެ.

ގައުމީ ބޭންކުގެ އެއް ހިއްސާދާރެއް ކަމަށްވާ އަހުމަދު ފަރުޝަތު ބުނީ ބޭންކުގެ މިހާރު ސީއީއޯ އެންޑްރޫ އާ ގިނަ ކަންތައްތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރީގެ އަހަރީ އާއްމު ޖަލްސާތަކުގައި ހިއްސާދާރުން ކުރާ ސުވާލުގެ ޖަވާބު ދިނުމަށް ބައްދަލު ކުރަން ފެށުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް އޭނަ ބުންޏެވެ.

"ކުރީ އޭޖީއެމްގައި އަޅުގަނޑުމެން ކުރި ސުވާލުތައް އަޑުއަހާ ސީއީއޯ ޕާސަނަލީ ބައްދަލު ކުރެއްވި. އެހެންވެ މި ތަނަށް އަޅުގަނޑުމެން އަންނައިރު ހުރިހާ ސުވާލެއް ބަންޑުން ކުރާކަށް ނުޖެހޭ،" ފަރުޝަތު ވިދާޅުވި އެވެ.

އޭނާ ބުނި ގޮތުގައި ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ސީއެމްޑީއޭ އިން އެކުލަވާލާފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑުގައިވާ ހުރިހާ ކަމެއް ގައުމީ ބޭންކުން ފުރިހަމަ ކުރުމަކީ "ބޮޑު ކާމިޔާބީ އެއް" ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން ހުރިހާ ކަމެއް ފުރިހަމަ ވެއްޖެ. ދެހާސް ސޯޅަ ވަނަ އަހަރު އަންނަން ވާއިރަށް ދެ އަންހެން ބޭފުޅުން ތިބެން ޖެހޭ އެކަންވެސް ވެއްޖެ. އެގާރަ ޑިރެކްޓަރުން ތިބެން ޖެހޭ އެވެސް ފުލްފިލް ވެއްޖެ. ހުރިހާ ކަމެއް ވެސް ފުލްފިލް ވެއްޖެ. މިހާރު އޮތް ހިސާބުން އެންޑްރޫ އާއެކު ކުރިއަށް ގެންދެވޭނެ،" ފަރުޝަތު ބުންޏެވެ.

ކޮންމެއަކަށް ބޭންކުގެ ތާރީހުގައި މިދިޔަ އަހަރު ލިބުނު ބޮޑު ކާމިޔާބީއާއެކު ހިއްސާދާރުން ތިބީ އުފަލުންނެވެ. މިކަން އެނގެނީ ހިއްސާދާރުގެ ހިޔާލު ފާޅުކުރަން ދިން ވަގުތުގައި ދެއްވި ވާހަކައިންނެވެ. ގިނައިން އިވުނީ ތައުރީފު ކުރި ތަނެވެ. ހިޔާލު ދިން މަންޒަރެވެ.