ނަސްލީ ތަފާތު ކުރުން ކުށަކަށް ހަދައި ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ދެވޭ ގޮތަށް އެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ގާނޫނުލް އުގޫބަތަށް ގެންނަން ހުށަހެޅުއްވި އިސްލާހުގައި ނަސްލީ ތަފާތު ކުރުމުގެ ކުށް ބަޔާން ކުރާ މާއްދާއެއް އިތުރު ކުރަން ވަނީ ނިންމާފަ އެވެ.
އިސްލާހުގައި ހިމަނާފައިވާ އާ މާއްދާގައިވާ ގޮތުން ގާނޫނަކުން ހުއްދަ ކުރާ އަމަލެއް ކުރުމުގައި ވިޔަސް ނުވަތަ އެ ނޫން ހާލަތެއްގައި ވިޔަސް މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ މީހެއްގެ ކުލައަށް ބަލައި އެ މާއްދާގައި ބުނާ އަމަލުތައް ހިންގައިފިނަމަ އެމީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.
ކުށަކަށް ވާނެ ހަތަރު އަމަލެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ނަސްލީ ތަފާތުކުރުމުގެ ގޮތުން މީހަކަށް ގަސްދުގައި ޖިސްމާނީ އަނިޔާއެއް ދިނުމާއި ހަތިޔާރެއް ނުވަތަ ގޮވާ އެއްޗެއް ބޭނުން ކޮށްގެން އެމީހަކަށް ގަސްދުގައި ޖިސްމާނީ އަނިޔާއެއް ދިނުމަށް މަސައްކަތް ކުރުމަކީ ކުށެކެވެ.
އޭގެއިތުރުން މީހެއްގެ ނަސްލަށް، ކުލައަށް ނުވަތަ އުފަންވީ ގައުމަށް ބަލައި ތަފާތުކުރުމަށް ގޮވާލުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދިނުމާއި ނުވަތަ އެފަދަ ކަންކަމަށް ކުރުމަށް ހިތްވަރުދީ ގޮވާލާ ޖަމާއަތެއް އުފައްދައި ހަރަދުކުރުމާއި ބައިވެރިވުމަކީ ކުށެކެވެ.
ނަސްލީ ތަފާތު ކުރުމުގެ ގޮތުން މީހަކަށް އަނިޔާ ކުރަނިކޮށް އެމީހަކު މަރުވެއްޖެނަމަ އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ އެންމެ ބޮޑު އަދަބު އަންނަ ދަރަޖަ އެވެ. އެއީ މަރުގެ ހުކުމް ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެވެ.
މި މާއްދާގައި ބުނާ އަމަލެއް މީހަކު ކުރީ އެހެން މީހަކު ކިޑްނެޕްކޮށްގެން ނުވަތަ ބިރުދައްކައިގެން ނުވަތަ ޖިސްމާނީ އަނިޔާއެއް ދީގެން ކަމަށްވާނަމަ އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެކެެވެ. އެ ދަރަޖައިގެ ކުށަށް ދޭ އަދަބު ބޮޑުކުރަން ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. ޖިނާއަތުގެ ހަތަރުވަނަ ދަރަޖައަށް މިހާރު އަސާސީ މިންގަނޑުން ދެވޭ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ. އިސްލާހު ކުރަނީ އެ އަދަބު ހަތަރު އަހަރަށް ބޮޑުކުރާށެވެ.
މާއްދާގައި ބުނާ ކުށަކަށްވާ ފަދަ އަމަލެއް ކުރީ އެ ނޫން ހާލަތެއްގައިވާނަމަ އެ ކުށަކީ ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެ ދަރަޖައިގެ ކުށުގެ އަދަބު ބޮޑުކުރަން ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށްތަކަށް މިހާރު ކަނޑައެޅޭ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ. އެ އަދަބު ދެ އަހަރަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.