ހަބަރު

ބަންދު އަމުރުތައް ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ނުކުރަން އަންގައިފި

ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުތައް ހަމައެކަނި މާލޭ ހައިކޯޓަށް އިސްތިއުނާފުކުރުމަށް އަންގައިފި އެވެ. މިގޮތަށް އެންގީ ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގަ އެވެ.

މީގެކުރިން އެ ކޯޓުން ނެރުނު ސާކިއުލާއެއްގެ ދަށުން ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރެވޭނީ އެ ކޯޓެއް ނިސްބަތްވާ ސަރަހައްދެއްގައި ގާއިމްކުރެވޭ ހައިކޯޓުގެ ގޮފީގަ އެވެ.

އެހެން ނަމަވެސް، މިއަދު ނެރުނު ސާކިއުލާގައި ވަނީ އެ އުސޫލު އުވާލައި، އެފަދަ ހުރިހާ މައްސަލައެއް ސީދާ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އަންގާފަ އެވެ.

އެގޮތަށް ކަނޑައެޅި ސަބަބެއްގެ ގޮތުގައި ސާކިއުލާގައި ފާހަގަކުރީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުގެ މައްސަލަތަކަކީ އަވަސްކަމާއެކު ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެއްކަމުގައިވާތީ އާއި ހައިކޯޓުގެ ދެކުނު ގޮތްޕާއި، ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީއަތް ހިންގުމާބެހޭ ސުޕްރީމް ކޯޓުގެ ގާރާރުގައި ކަނޑައަޅާފައިވާ އުސޫލުގައި ހައިކޯޓުގެ ގޮފިތަކުގައި ދާއިމީ ފަނޑިޔާރުން ގާއިމްވެ ތިބޭގޮތަށް ހަމަޖެހިފައިނުވާ އެވެ.