ހަބަރު

ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު ނެރެ، ލިޔުން ހަވާލުކުރަން ފަށައިފި

މިނިސްޓްރީ މެދުވެރިކޮށް މަތީ ތައުލީމަށް ކިޔަވާ ލޯނު ހޯދަން ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނު ލިބޭ ފަރާތްތަކުގެ ނަން ހިމެނޭ ލިސްޓު އާންމުކޮށް އެ ފަރާތްތަކަށް ލިޔުން ހަވާލުކުރަން މިއަދު ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މާޗްމަހު ދޫކޮށްފައިވަނީ 500 ލޯނެވެ. އެ ފުރުސަތުތަކަށް 600އަށްވުރެ ގިނަ ދަރިވަރުން ފޯމް ހުށަހެޅި އިރު ލޯނު ލިބުނު ފަރާތްތަކުގެ ނަން ހިމެނޭ ލިސްޓެއް ޑީއެޗްއީ އިން ވަނީ އިއްޔެ ނެރެފަ އެވެ. ލޯނު ލިބުނު ދަރިވަރުންނަށް މިއަދު ލޯނު ލިބުނު ކަމުގެ ލިޔުން ހަވާލުކުރަން ފަށާފައިވާއިރު، މީގެ ކުރިން މިނިސްޓްރީން ދޭ މަތީ ތައުލީމު ލޯނު ދެނީ ޑީއެޗްއީ އިން ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ރަސްމިއްޔާތަކާ ނުލާ ލޯނުގެ ލިޔުން ހަވާލުކުރަން އެޑިއުކޭޝަނުން މިފަހަރު ނިންމީ، ދަރިވަރުންނަށް ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ. އެހެން ކަމުން މިއަދުން ފެށިގެން ޑީއެޗްއީގެ އޮފީހުން ލޯނުގެ ލިޔުން ދޫކުރާނެ ކަމަށެވެ.

މާޗްމަހު އެކަނިވެސް މަތީ ތައުލީމަށް ކިޔަވަން 500 ލޯނު ޑީއެޗްއީ އިން ދުކޮށްފައިވާއިރު، މި ފަސް އަހަރުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން މަތީ ތައުލީމް ހާސިލް ކުރުމަށް ޖުމްލަ 5902 ލޯންގެ ފުރުސަތު ވަނީ ދީފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.