ހަބަރު

އަންހެން ރަނިންމޭޓަކަށް އެއްބަސްވާން އުނދަގޫވާނެ: އަދާލަތު

ގުޅިފައިވާ ޕާޓީތަކުން ނެރޭ ރަނިންމޭޓަކީ އަންހެން ބޭފުޅަކަށްވާނަމަ އެކަމާ އެއްބަސްވާން އުނދަގޫވާނެ ކަމަށް އަދާލަތު ޕާޓީއިން މިރޭ ބުނެފި އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާއެކު މިރޭ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، އަންހެން ބޭފުޅަކު އިސްލާމީ ގައުމެއްގެ ވެރިޔަކަށް ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގިނަ އިލްމްވެރިން އެ ޕާޓީއަށް ލަފާ އަރުވާފައިވާ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރަނިންމޭޓަކު ކަނޑައެޅުމަށް ނަމެއް ފޮނުވުމުން އެ ޕާޓީން އެ ނަމަކާމެދު ދެކޭ ގޮތް ހާމަ ކުރައްވާނެ ކަމަށާއި ނަމެއް ނުފޮނުވަނީސް ރަނިންމޭޓެއްގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތައް ބަޔާން ކުރަން ބޭނުންނުވާ ކަމަށެވެ.

"އަންހެން ބޭފުޅަކު ރަނިންމޭޓެއްގެ ގޮތުގައި ބަލައިގަންނަން އަޅުގަނޑުމެންނަށް އުނދަގޫވާނެ، އެކަމަކު އަޅުގަނޑުމެން ނިންމާނެ ގޮތެއް ނިންމާނީ މަޝްވަރާ މަޖިލީހުން، އެއީ އަޅުގަނޑުމެންގެ މަޝްވަރާ މަޖިލީހުން އަޅުގަނޑުމެންނަށް ހުއްދަ ދީފައިވަނީ ޖޭޕީގެ ރަނިންމޭޓަކަށް ވެސް އަޅުގަނޑުމެން ޕާޓީއަށް އެއްބަސްވެވޭ ނަމަކަށް އެއްބަސްވުމަށް، އެއީ ކެންޑިޑޭޓަށް ވެސް އޮތް ޝަރުތު،" އަލީ ޒާހިރު ވިދާޅުވި އެވެ.

ރަނިންމޭޓަކަށް އަންނާނީ އެންމެން އެއްބަސްވާ ނަމެއް: އިބޫ

ރަނިންމޭޓަކާ ގުޅިގެން އިބޫ ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރަނިންމޭޓެއްގެ ގޮތުގައި ފާސްކުރާނީ ހުރިހާ ޕާޓީތަކަކަށް ވެސް ގަބޫލު ކުރެވޭ ފަދަ ނަމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ބޭރުގައި ކިތަންމެ ވާހަކަތަކެއް ދެކުވުނަސް ފަރުދާގެ ފަހަތުގައި ވަރަށް ގިނަ ވާހަކަަތަކެއް ދެކެވެމުންދާ ކަމަށެވެ. އެގޮތުން ރަނިންމޭޓެއް ހާމަވެގެންދާއިރު ވެސް އޮންނާނީ އެންމެންނަށް އެއްބަސްވެވޭ ގަބޫލުކުރެވޭ ނަމެއް ކަމަށް އިބޫ ވިދާޅުވި އެވެ.

ނަމަވެސް އެއްބަސްވެވޭ ނުވަތަ ގަބޫލު ކުރެވޭ ރަނިންމޭޓެއްގެ ސިފަތަކެއް ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އިބޫ ވިދާޅެއް ނުވި އެވެ. ވިދާޅުވީ، އެއްބަސް ނުވެވޭ ކެންޑިޑޭޓެއް ވެސް ހުރެދާނެ ކަމަށާއި ނަމަވެސް އެ ހާލަތު އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ނަންތައް އައީމަ އަޅުގަނޑުމެންނަށް އެނގޭނީ،" އިބޫ ވިދާޅުވި އެވެ.

އަންހެން ރަނިންމޭޓަކާމެދު އެމްޑީޕީއިން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރަނިންމޭޓެއްގެ ރަސްމީ ނަމެއް އަދި އައިސްފައިނުވާ ކަމަށާއި އަދި ދެކެވެމުން ދަނީ ވާހަކަތަކެއް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ތެރެއިން ކޮންމެ ނަމެއް އައި ނަމަވެސް އެ ނަމަކީ ހުރިހާ ޕާޓީތަކުން އެއްބަސްވެވޭ ނަމަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރައްވާ ކަމަށް އިބޫ ތަކުރާރުކޮށް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ރަނިންމޭޓެއް އިހްތިޔާރުކުރުމުގެ ބާރު ޖުމްހޫރީ ޕާޓީއަށް ދޫކޮށްލާފައިވާ އެ ޕާޓީން ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ ރަނިންމޭޓެއްގެ ގޮތުގައި ނެރެން މަސައްކަތް ކުރާ އަޑުތަކާއެކު ބަހުސް ވަނީ ބޮޑުވެފަ އެވެ. ނައިބު ރައީސްއަކީ ރައީސް ނެތް ހާލަތެއްގައި ގައުމުގެ ވެރިޔާއަށް ވާނެއިރު އަންހެން ބޭފުޅަކަށް އެ މަގާމު ދިނުމާމެދު ބައެއް އިލްމްވެރިން ވަނީ ދެބަސްވެފަ އެވެ.

އައިޝާގެ އިތުރުން ވެސް ރަނިންމޭޓެއްގެ ގޮތުގައި ގިނަ ނަންތަކެއް ޕާޓީން ތެރެއިން ދަނީ އަންނަމުންނެވެ. އެގޮތުން މަޖިލިސް މެންބަރުން ކަމަށްވާ އަލީ ހުސެއިނާއި ފައިސަލް ނަސީމްގެ އިތުރުން ޕާޓީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަބްދުﷲ އަމީނާއި ހުސެއިން ރަޝީދު ހަސަންގެ ނަން ވެސް ވަނީ ކުރިއަށް އައިސްފަ އެވެ. އެ ޕާޓީން ބުނެފައިވާ ގޮތުން ރަނިންމޭޓެއް މި މަހުގެ 10 ވަނަ ދުވަހު ފާސްކުރާނެ އެވެ.

އިބޫ ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރަނިންމޭޓެއް ދެއްކުމުން އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށައިގަންނާނެ ކަމަށެވެ. ކެމްޕެއިން ދަތުރުތަކާއި އެއްވުންތައް ބާއްވަން ފަށާނެ ކަމަށެވެ.