ހަބަރު

ކޯލިޝަން ހިފެހެއްޓޭނެ، މެނިފެސްޓޯއަށް ޕާޓީތަކުން ބޭނުންވާ ބަދަލު ގެންނާނެ: އިބޫ

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއްބަސްވާ މެނިފެސްޓޯއެއް އެކުލަވާލާނެ ކަމަށާއި އެ މެނިފެސްޓޯގައި ޕާޓީތަކުން ބޭނުންވާ ކަންކަން ހިމާނެ ކަމަށް އެ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ، އެމްޑީޕީއިން އާންމުކޮށްފައިވާ މެނިފެސްޓޯގައިވާ ބައެއް ކަންކަމާ ޖުމްހޫރީ ޕާޓީގެ ފައުންޑާ ގާސިމް އިބްރާހިމް ދެކޮޅުކަން ހާމަ ކުރައްވާފައިވާތީ އެވެ. އަދި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ބައެއް އިސްލާހުތައް ހުށަހަޅަން ބޭނުންވާކަން މިރޭ ހާމަކޮށްފައިވާތީ އެވެ.

އިބޫ މިރޭ ވަނީ އަދާލަތު ޕާޓީގެ އޮފީހަށް ވަޑައިގެން އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންކަމުގެ ތެރެއިން އަދާލަތު ޕާޓީގެ މެންބަރުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކޮށްދެއްވާފަ އެވެ. އެ ބައްދަލުވުމަށްފަހު އިބޫ ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

މެނިފެސްޓޯގައިވާ ކަންކަމާ ގުޅިގެން ގާސިމް އިބްރާހިމް ހުށަހެޅުމެއް ހުށަހަޅުއްވާފައިވާތީ އިބޫ ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ އެ ޕާޓީގެ ތަސައްވުރު ކަމަށާއި ނަމަވެސް ކޯލިޝަނެއްގެ ގޮތުގައި ނުކުންނަމަ އެހެން ޕާޓީތަކުން ބޭނުންވާ ކަންކަން ވެސް މެނިފެސްޓޯގައި ހިމަންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ފުރުސަތު އޮންނަން ވެސް ޖެހޭނެ ކަމަށެވެ.

"އެހެން ނަމަވެސް އެމްޑީޕީގެ މައިގަނޑު އަސާސްތަކާއި ސިޔާސަތުތައް ހިފަހައްޓަން އަޅުގަނޑުމެން މަސައްކަތް ކުރާނަން، އެޔަކަށް ބަދަލުތަކެއް އަންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ގާސިމް އަބަދުވެސް ވާހަކަ ދައްކަވާ ކަމަށާއި އެމަނިކުފާނުގެ ތަސައްވުރެއް އޮތް ކަމަށް ވެސް ވިދާޅުވި އެވެ. އެމަނިކުފާނު އާންމު ކުރެއްވި ވައުދުތަކަކީ އެ ތަސައްވުރު ކަމަށާއި އެ ވައުދުތަކާއި އެމްޑީޕީގެ މެނިފެސްޓޯއާ މާބޮޑު ތަފާތެއް ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ބޮޑަށް ފާހަގަވީ އެއް ގޮތް ކަންތައްތަކެއް ހުރުން ކަމަށެވެ.

"ގާސިމް އިބްރާހިމް އެ ހިއްސާކުރެއްވީ އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ލީޑަޝިޕް ގުރޫޕް، ޖުމްހޫރީ ޕާޓީން އަދި ރަސްމީކޮށް އެ ވައުދުތައް ހުށަހަޅާފައެއް ނުވޭ، ނަމަވެސް އަޅުގަނޑުމެން އެޑްވައިޒަރީ ކޮމެޓީގައި އެއާ ގުޅޭ ގޮތުން މަޝްވަރާ ކުރާނަން، އޭގައި މާބޮޑު ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަކަށް ގަބޫލެއް ނުކުރަން، އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޭގެ ތެރޭގައި އިންކޯޕްރޭޓް ކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ މިހެން ވިދާޅުވިއިރު އެމްޑީޕީގެ މެނިފެސްޓޯގައިވާ ވަރަށް މުހިންމު ކަމެއް ކަމަށްވާ ރާއްޖޭގެ ކޯޓުތަކުގައި ބޭރުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ އުސޫލަށް ގާސިމް އިބްރާހިމް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަން އަދާލަތު ޕާޓީގެ ހުށަހެޅުންތައް ހުށަހަޅާނެ ކަމަށާއި އެ ހުށަހެޅުންތައް މީޑިއާއަށް ތިލަކުރާނީ ކޯލިޝަންގެ މެނިފެސްޓޯ ފައިނަލްވުމުން ކަމަށެވެ. އެމްޑީޕީގެ މެނިފެސްޓޯގައި އެ ޕާޓީގެ ބައެއް މެންބަރުން ހިޔާލު ތަފާތުވާ ކަންކަން ހުރިކަން އަލީ ޒާހިރު ފާހަގަކުރެއްވި އެވެ. އެއީ ކޮން ކަންތައްތަކެއް ވިދާޅުވެއް ނުވެ އެވެ.

އިބޫ ވިދާޅުވީ، އެހެން ކޯލިޝަންތަކާ ހިލާފަށް މި ކޯލިޝަން އުފެދިފައި މިވަނީ ރިޔާސީ އިންތިހާބުގެ ކުރިން ކަމަށާއި އިންތިހާބުގައި އެންމެ ފުރަތަމަ ވެސް ވާދަ ކުރަނީ ޕާޓީތަކުން ބޭނުންވާ ސިޔާސަތުތަކާއި އޮނިގަނޑުތަކާއެކު ކަމަށެވެ. އެހެންވެ މި ކޯލިޝަން ރޫޅިގެން ނުގޮސް ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ކޯލިޝަނުން ބޮޑު ތަނުން ބަލި ކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.